Roadha Mihaaru
ޖަޕާނު ސަރުކާރުން ރާއްޖެއަށް 70 މިލިއަން ރުފިޔާ ދީފި

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރަން ޖަޕާނުން ރާއްޖެއަށް 70 މިލިއަން ރުފިޔާ ދފި

21 އޮކްޓޯބަރ 2019

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރަން ޖަޕާނު ސަރުކާރުން ރާއްޖެ އަށް 70.9 މިލިއަން ރުފިޔާ ހިލޭ ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރަން ޖަޕާނު ސަރުކާރުން ރާއްޖެ އަށް 70.9 މިލިއަން ރުފިޔާ ހިލޭ ދީފި އެވެ.

ޖަޕާނުގެ ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޮ ޔަނާއީ އެވެ. "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގެ ދަށުން އެ ގައުމުން ރާއްޖެއަށް ދޭން ނިންމީ 500 މިލިއަން ޖަޕާނު ޔެން (70.9 މިލިއަން ރުފިޔާ) އެވެ. މިއީ އެ ގައުމުގައި އޮންނަ ނޮން ޕްރޮޖެކްޓް އެއިޑް ފަންޑުގެ ދަށުން ދިން އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މީގެ އިތުރުން ޝާހިދު ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އާއި ފޮރިން މިނިސްޓަރު މޮޓޭގީ ޓޮޝިމިޓްސު އާ ވެސް މިއަދު ބައްދަލުކުރައްވާފަ އެވެ.

ފޮރިން މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި، އެ ގައުމުގެ ތަހުތަށް އާ އެމްޕެރާ އިސްކުރުމުގެ މުނާސަބާއާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި މޮޓޭގީ، ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަނުކުރެއްވުމުން އެކަމަށް ވެސް މިނިސްޓަރު ޝާހިދު މަރުހަބާ ވިދާޅުވި އެވެ. އަދި މި މަހު ކުރީކޮޅު ޖަޕާނަށް އެރި ތޫފާނުގައި އެ ގައުމަށް ލިބުނު ގެއްލުންތަކާ ގުޅިގެން ހިތާމަފާޅުކުރައްވާ، ދިވެހި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ވެސް ދެންނެވި އެވެ.

އެކި ދާއިރާތަކުން އެ ގައުމުން ރާއްޖެއަށް އެހީވާ ކަން ފާހަގަކުރައްވަމުން، އެކަމަށް ޝާހިދު ޝުކުރު އަދާ ކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންނާއި ބައިނަލްއަގްވާމި މައިދާނުގައި މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަޕާނު ސަރުކާރުގެ ހާއްސަ ދައުވަތުގައި ރައީސްގެ ދެ ކަނބަލުން އެ ގައުމަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ޝާހިދު ވެސް ބައިވެރިވަޑައިގަތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ގައުމުގެ ބޮޑު ވަޒީރާ މިއަދު ބައްދަލުކުރައްވާފަ އެވެ.