Roadha Mihaaru
ހެޕަޓައިޓިސް ބައްޔާ ގުޅޭ ގައުމީ އެކްޝަން ޕްލޭން ނެރެފި

ހެޕަޓައިޓިސް ބަލި ނައްތާލަން ގައުމީ އެކްޝަން ޕްލޭނެއް އެޗްޕީއޭ އިން ނެރެފި

22 އޮކްޓޯބަރ 2019

ހެޕަޓައިޓިސް ބަލި ރާއްޖެއިން ނައްތާލަން ގައުމީ އެކްޝަން ޕްލޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ރޭ ނެރެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހެޕަޓައިޓިސް ބަލި ރާއްޖެއިން ނައްތާލަން ގައުމީ އެކްޝަން ޕްލޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ރޭ ނެރެފި އެވެ.

ހެޕަޓައިޓިސް ދުވަސް ފާހަގަކުރަން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި "ނެޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕްލޭން އޮން ވައިރަލް ހެޕަޓައިޓިސް" ނެރުނެވެ. އަދި ހެޕަޓައިޓިސް ބީ އާއި ސީ ދެނެގަންނާށާއި އެ ބަލި ކޮންޓްރޯލްކުރާނެ ގޮތެއް އެކުލަވާލާ ދެ ގައިޑްލައިން އެއް ވެސް އެޗްޕީއޭ އިން ރޭ ނެރުނެވެ.

ހެޕަޓައިޓިސް ދުވަސް އެޗްޕީއޭ އިން ރޭ ފާހަގަކުރި ނަމަވެސް، ދުނިޔޭގެ ހެޕަޓައިޓިސް ދުވަހަކީ ޖުލައި 28 ގަ އެވެ.

އެޗްޕީއޭ އިން ރޭ ކުރި ޓްވީޓް އެއް

މި ރަސްމިއްޔާތަށް ވަޑައިގަތް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި ބަލި ރާއްޖެއިން ނައްތާލަން މަސައްކަތް ކުރާނީ އެ ޕްލޭންތަކާ އެއްގޮތަށް ކަމަށެވެ.

ހެޕަޓައިޓިސް އަކީ ފުރަމޭ އަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ މައިގަނޑު ފަސް ބާވަތެއް ހުރި ނަމަވެސް، އެންމެ އާންމުކޮށް ފެންނަނީ ހެޕަޓައިޓިސް ބީ އާއި ސީ އެވެ. މިއީ މައިމީހާ ގާތުން ތުއްތު ކުއްޖާ އަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހިފައި ހުރި މީހަކު ބޭނުންކޮށްފައި ހުރި ސިރިންޖު ފަދަ ތަކެތި ބޭނުންކުރުމުންނާއި ހުރަސް ބޭނުންނުކޮށް ބަލި ޖެހިފައި ހުންނަ މީހުންނާ އެކު ޖިންސީ ގުޅުން ހިންގުމުން ވެސް މި ބަލި ފެތުރެ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަސައްކަތްކުރަނީ 2030 ގެ ކުރިން ދުނިޔެއިން ހެޕަޓަޓައިޓިސް ބީ ނައްތާލަން ކަމަށެވެ. ނަމަވެސް 2025 އަންނަން ވާ އިރަށް މި ބަލި ރާއްޖެއިން ނައްތާލަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބަލި ރާއްޖެއިން ނައްތާލަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައްޔަށް ސްކްރީން ކުރާނެ ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބަލިން ރައްކާތެރިވާން ޖަހާ ވެކްސިން ޖެހުމާ މީހުން ދުރުވަމުން އަންނަ ކަން ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޕެނަލް ޑިސްކަޝަނުގައި ބައިވެރިވި އޭޑީކޭގެ އެމްޑީ އަފްއާލް (ވ) އާއި އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ޝަހީދު އާއި  ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރިޕްރެސެންޓޭޓިވް ޑޮކްޓަރު އަރްވިންދް މާތިރް -- ފޮޓޯ: ޑަބްލިއުއެޗްއޯ

ޕެނަލް ޑިސްކަޝަނުގައި ބައިވެރިވި އޭޑީކޭގެ އެމްޑީ އަފްއާލް (ވ) އާއި އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ޝަހީދު އާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރިޕްރެސެންޓޭޓިވް ޑޮކްޓަރު އަރްވިންދް މާތިރް -- ފޮޓޯ: ޑަބްލިއުއެޗްއޯ

މި ބައްޔާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން "ނޭނގި ހުއްޓާ" ކިޔާ ކުރު ފިލްމެއް ވެސް ރޭ ނެރުނެވެ. މި ފިލްމް ޑައިރެކްޓްކުރި އަޝްވާ ފަހީން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރެއްގައި މި ބައްޔާ ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އެކަށީގެންވާ ވަރަށް ހިންގާފައި ނުވާ ކަމަށާއި އެހެންކަމުން މިފަދަ މަޝްރޫއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ.

މި ބަލި ނައްތާލަން ރާއްޖެއިން ގިނަ މަސައްކަތެއް ކުރި ނަމަވެސް މިހާރަށް ވުރެ ރަނގަޅަށް ކުރެވޭނެ އެތައް ކަމެއް އެބަހުއްޓެވެ. 1993 ވަނަ އަހަރަށް ފަހު ރާއްޖެ އަށް އުފަންވާ ކޮންމެ ކުއްޖަކަށް ހެޕަޓައިޓިސް ބީ ވެކްސިން ޖަހަ އެވެ. އެހެން ނަމަވެސް ދުވަސްވީ މީހުންނަށް ވެކްސިން ޖަހާފައި ހުރި މިންވަރެއް ނުބެލެ އެވެ. ބޭރުން ރާއްޖެ އަށް ގެންނަ ބިދޭސީ މަސައްކަތްތެރިން، މި ބައްޔަށް ވެކްސިން ޖަހާފައިވާ ކަން ދެނެގަނެވޭނެ ނިޒާމެއް ވެސް ނެތެވެ.