Roadha Mihaaru
ސީޕީ ހަމީދަށް މަޖިލީހުން އެއްބާރުލުން ދޭނަން: ނަޝީދު

ޕޮލިސް ކޮމިޝަނަރަށް މަޖިލީހުން ފުރިހަމަ އަށް އެއްބާރުލުން ދޭނަން: ނަޝީދު

23 އޮކްޓޯބަރ 2019

ދިވެހި ރައްޔިތުންގެ ޚަޒާނާ އިން ބޮޑު ވައްކަން ކުރި މީހުންނާއި އެކަމުގެ ފައިދާ ލިބިގަތް މީހުން ހޯދައި ފިޔަވަޅު އަޅަން ފުލުހުން ހިންގާ ތަހުގީގުތަކަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިވެހި ރައްޔިތުންގެ ޚަޒާނާ އިން ބޮޑު ވައްކަން ކުރި މީހުންނާއި އެކަމުގެ ފައިދާ ލިބިގަތް މީހުން ހޯދައި ފިޔަވަޅު އަޅަން ފުލުހުން ހިންގާ ތަހުގީގުތަކަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު "މިހާރު" އަށް ވިދާޅުވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އިތުބާރު އެބައޮތް ކަމަށެވެ.

އެމަނިކުފާނު މިގޮތަށް މި ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ނަންތައް ހާމަކުރަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

މި މައްސަލަ ހުށަހެޅީ ކުރީގެ ސަރުކާރުގައި ހިންގި ޚިޔާނާތުގެ މަންފާ ދައުލަތުގެ އެކި ފަންތީގެ ބޭފުޅުންނަށް ލިބިވަޑައިގަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވުމުންނެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ޖުޑިޝަރީގެ އެކި ބޭފުޅުންނަށް ދައުލަތުގެ ފައިސާ ދައުރުވެފައިވެ އެވެ. މީގެތެރެއިން މަޖިލީހުގެ ކޮމިޓީގައި މިހާތަނަށް އޭނާ ހާމަކުރެއްވީ ތުހުމަތު ކުރެވޭ ހަތަރު މެމްބަރަކާއި ތިން ވަޒީރެއްގެ ނަމެވެ.

އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ އެ ޕާޓީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި އެމްޑީޕީ އަށް ގިނަ އަދަދެއްގެ ވޯޓު ރައްޔިތުން ދިނީ ދައުލަތުގެ ޚަޒާނާ އިން ވައްކަންކުރި މީހުން ހޯދާނެ ކަމުގެ އުއްމީދާ އެކުގައި ކަމަށެވެ. އަދި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ އެތައް މަރެއްގެ ހަގީގަތާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރަށް އިންސާފު ހޯދައިދޭން ކަމަށް އެ މައްސަލައިގައިވެ އެވެ.

މި މައްސަލަތަކުގައި މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ކޮށްފައިވާ ކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ މި ކަންކަން ލަސްވެެގެން ދާ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށެވެ. އެހެންކަމުން މިވަގުތަކީ ރައްޔިތުންގެ ޚަޒާނާ އިން ވައްކަން ކުރި މީހުން ރައްޔިތުންނަށް އާއްމުކުރަން ޖެހޭ ވަގުތު ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަންކަން މިހާރަށް ވުރެން އަވަސްކޮށް ހިންގަން ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް އޮތް ނަމަ އެ ކަމެއް ހަލުވި މިނުގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތް ކަަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު އިސްވެ ހުންނަވައި ކުރައްވާ ތަހުގީގުތަކުގައި، މަޖިލީހުގެ ފަރާތުން ކޮންމެ ވަގުތަކު ކަމެއް ބޭނުންވިޔަސް އެ ކަމަކަށް އެ މުއައްސަސާ އަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.