Roadha Mihaaru
ހަމަލާ ރޭވިމީހުން ހައްޔަރުނުކުރެވެނީސް ނުދެވޭނެ: ނަޝީދު

ހަމަލާ ރޭވި މީހުން ހައްޔަރު ނުކުރެވެނީސް ރާއްޖެއަށް ދާން ޖެހިލުންވޭ: ނަޝީދު

16 އޯގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް ރާއްޖެއަށް އެނބުރި ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް ރާއްޖެއަށް އެނބުރި ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވީ ހަމަލާ ރޭވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް އެނބުރި ވަޑައިގަތުމަށް އެ މަނިކުފާނުގެ އިތުރުން، އާއިލާގެ ބޭފުޅުންނާއި ހެޔޮއެދޭ އެތައް ރައްޔިތުންނެއް ވެސް ޖެހިލުންވާ ކަމަށެވެ. އެހެންވެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވަން ނަޝީދު އެދިވަޑައިގެންނެވި އެވެ. ރާއްޖޭން ބޭރުގައި ހުންނަވާ އިރު މަޖިލީހުގެ ނައިބު ރައީސް އިސްކޮށް ހުންނަވައި މެމްބަރުންގެ އިރުޝާދާ އެކު މަސައްކަތްތައް ހިންގާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"...އަޅުގަނޑު ރާއްޖޭން ބޭރުގައި ހުންނަ އިރު ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތަށް ހިދުމަތްކުރުމުގައި މަސައްކަތްކުރިއަށް ގެންދާނަމެވެ،" ސިޓީގައި ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގައި ހުންނަވައިގެން މަޖިލީހަށާއި ދައުލަތަށް ކޮށްދެއްވާނެ ހިދުމަތަކީ ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އިންޓަޕާލަމެންޓްރީ ޔޫނިއަންއާއި ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ މަސައްކަތްތަކެވެ. އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ މަސަައްކަތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ޖަލްސާގައި ނަޝީދުގެ ސިޓީ އިއްްވުމުން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދު އެނބުރިވަޑައިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާތަން ދެކެން މަޖިލީހުގެ މެމްބަރުން އެދިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ މަނިކުފާނު އަނެއްކާވެސް ނުރައްކަލުގެ ތެރެއަށް އެނބުރިވަޑައިގަތުމަށް އެދިވަޑައިނުގަންނަވާ ކަަމަށެވެ.

"އެއީކީ ވެސް އަޅުގަނޑުމެންނަކަށް، ހަމަ ގައިމުވެސް އަޅުގަނޑު ބަލަން ބޭނުންވާ ތަނެއް ނޫން. އަދި ހިތަށް ކެތްވާނެ ވަރުގެ ވެސް ކަމެއް ނޫން،" އީވާ ވިދާޅުވި އެވެ.

މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ވަރަށް ބޮޑަަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް ނަޝީދު ވަޑައިގެންނެވީ ޖަރުމަނަށެވެ. އެތަނުގައި ފަރުވާ ހޯއްދެވުމަަށް ފަހު މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެމަނިކުފާނުގެ އާއިލާއިން މީގެ ކުރިން ބުނެފައި އޮތީ އަންނަ މަހު އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.