Roadha Mihaaru
ޖަމާލުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަަކަށް އާލާ

ޖަމާލުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަަކަށް އާލާ

26 ސެޕްޓެމްބަރ 2016

ޖަމާލުއްދީން ސްކޫލުގެ މިިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާލާ އިބްރާހިމް ސިރާޖު ހޮވިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖަމާލުއްދީން ސްކޫލުގެ މިިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާލާ އިބްރާހިމް ސިރާޖު ހޮވިއްޖެ އެވެ.

އޭނާ ވަނީ އޯ ލެވެލް އިމްތިހާނުން ހަތަރު ވަނަ އަދި އިކޮނޮމިކްސް އިން ދުނިޔެއިން އަށް ވަނަ ހޯދައިފަ އެވެ. އާލާ އަށް އެވޯޑު ހަވާލުކޮށްދެއްވީ ރޭ ބޭއްވި، ޖަމާލުއްދީން ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ އެވެ.

"މިހާރު"އާ ވާހަކަދައްކަމުން އާލާ ބުނީ ނަތީޖާ ރަނގަޅުކުރަން ފިލާވަޅަކާ ގުޅޭ ހުރިހާ މައުލޫމާތެއް ހޯދާ ކަމަށާއި އަދި ސުވާލު އުފެދޭ ކަމެއް އޮވެއްޖެ ނަމަ އެކަން ވީ އެންމެ އަވަހަކަށް ބަލާ ކަމަށެވެ. އަދި އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަވިއަސް ބުރަ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށް އާލާ ބުންޏެވެ.

ޖަމާލުއްދީން ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އާލާ ޝަރަފުވެރިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޖަމާލުއްދީން ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އާލާ ޝަރަފުވެރިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"އެންމެ މޮޅު ކަމަކީ ހިތްވަރު ދެރަނުކުރުން،" ޣިޔާސުއްދީން ސްކޫލު ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އާލާ ބުންޏެވެ.

އޭނާ ބުނީ ފިލާވަޅުތައް ހިތުދަސްކުރުމުގެ ބަދަލުގައި އެ ފިލާވަޅެއްގައި އެ ބުނާ އެއްޗެއް ދަސްކުރުމަކީ އެންމެ މުހިއްމު އެއް ކަން ކަމަށެވެ.

ޖަމާލުއްދީން ސްކޫލުން މިދިޔަ އަހަރު 63 ކުދިން އޯ ލެވެލް އިމްތިހާން ހެދި އެވެ. އޭގެ ތެރެއިން އަށް ކުއްޖަކު އޯ ލެވެލް ގަދަ ދިހެއްގައި ހިމެނޭއިރު ފަސް މާއްދާއިން ފާސްވި ކުދިންގެ ޕަސެންޓް އުޅެނީ 79ގަ އެވެ. އެ ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވީ މި އަހަރު އޯ ލެވެލް ހަދާ ކުދިންގެ ތެރެއިން ފަސް މާއްދާއިން ފާސްވާ ކުދިންގެ ޕަސެންޓް 85 އަށް ހެދުމަކީ ޓާގެޓެއް ކަމަށެވެ.

ރޭގެ ޖަލްސާގައި އެ ސްކޫލުން ފާހަގަކޮށްލެވޭ 105 ދަރިވަރަކަށް އިނާމު ދީފައި ވެ އެވެ.