Roadha Mihaaru
ބޭންކިން ދާއިރާގެ އިތުބާރު ދަމަހައްޓަން ޖެހޭ: އަޒީމާ

ބޭންކިން ދާއިރާގެ އިތުބާރު ދެމެހެއްޓުމަކީ އެންމެންގެ ޒިންމާއެއް: ގަވަރުނަރު

26 ސެޕްޓެމްބަރ 2016

ރާއްޖޭގެ ބޭންކިން ދާއިރާގެ އިތުބާރު ދެމެހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގެ ބޭންކިން ދާއިރާގެ އިތުބާރު ދެމެހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ އަމިއްލަ ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ހުޅުވުމަށް ޖެން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މިއީ މާލީ ދާއިރާގެ އިތުބާރު ދަމަހައްޓަންވީ ވަގުތު ކަމަށެވެ.

"އެއީ ވަރަށް އަސާސީ މާއްދާއެއް. އެހެންކަމުން މާލީ ދާއިރާ ރައްކާތެރިކޮށް، މާލީ ދާއިރާގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" ގަވަރުނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލީ ދާއިރާގެ އިތުރުބާރު ދެމެހެއްޓުމުގެ ޒިންމާ އެންމެންގެ ވެސް އެބައޮތް ކަމަށެވެ. އެގޮތުން ސަރުކާރާއި އެމްއެމްއޭ އަދި މާލީ އެހެން މުއައްސަސާތަކާއި މީޑިއާ އަދި ފަރުދުންގެ ވެސް ޒިންމާއެއް އެބައޮތް ކަމަށް އަޒީމާ ވިދާޅުވި އެވެ.

"ހުރިހާ އެންމެންގެ ވެސް ޒިންމާއެއް މާލީ ދާއިރާގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަކީ. އެއީ ހުރިހާ އެންމެންގެ ފައިދާއަށް ކުރަން ޖެހޭ ކަމެއް. އެއީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަކަށް ކުރާނެ ފައިދާއެއް ނޫން އަދި ސަރުކާރަކަށް ވެސް ނޫން އޭގެ ފައިދާކުރަނީ،" ގަވަރުނަރު ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ މާލީ ދާއިރާގެ އިތުރުބާރު ދެމެހެއްޓުން ވަރުގަދަކުރުމަށް ސިޔާސަތުތަކަށާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ. އަދި އެކަމަށް ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

"މާލީ ދާއިރާ ވަރުގަދަކުރުމަކީ އެމްއެމްއޭ އިން ވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއްކަންތައް. އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މާލީ ދާއިރާ ފުޅާކުރުން،" އޭނާ ވިދާޅުވި އެވެ.

ކޮމާޝިއަލް ބޭންކް އޮފް މޯލްޑިވްސް ހުޅުވުމުގެ ރަސްިއްޔާތުގެ ހަވާސާގެ ތެރެއިން، އެ ބޭންކުގެ ޗެއާމަން ޗަންޕާ ހުސެން އަފީފު (ކ) އަދި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކޮމާޝިއަލް ބޭންކް އޮފް މޯލްޑިވްސް ހުޅުވުމުގެ ރަސްިއްޔާތުގެ ހަވާސާގެ ތެރެއިން، އެ ބޭންކުގެ ޗެއާމަން ޗަންޕާ ހުސެން އަފީފު (ކ) އަދި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މާލީ އިދާރާގެ އިތުބާރު ބޮޑުކުރުމަށް ބާރު އަޅުއްވައި ގަވަރުނަރު ވާހަކަ ދެއްކެވިއިރު، އަލް ޖަޒީރާ އިން ރާއްޖެއާ ބެހޭ ގޮތުން ދާދި ފަހުން އާންމުކުރި ތަހުގީގީ ރިޕޯޓް "ސްޓީލިން ޕެރެޑައިސް" ގައި، އެމްއެމްއޭ އިން 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގެ އަމަލެއްގައި ބައިވެރިވި ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. އެކަމަކު އެމްއެމްއޭއިން ބުނެފައި ވަނީ އެފަދަ އެއްވެސް މުއާމަލާތެއް ހިނގާފައި ނެތް ކަމަށާއި އެފަދަ ފައިސާއެއް ވަދެފައި ނުވާ ކަމަށެވެ.

މަރުކަޒީ ބޭންކުން ބުނެފައި ވަނީ ދައުލަތުގެ ހަޒާނާއަށް ފައިސާ ވެއްދުމާއި ނެރުމަކީ ވަރަށް ހަރުދަނާ އުސޫލަކުން ހިނގާ ކަމެއް ކަމަށާއި އެއްވެސް ފައިސާއެއް ވެއްދުމާއި ނެރުމުގެ ކަންކަން ކުރެވޭނީ ދައުލަތުގެ ހަތަރު އިދާރާއެއްގެ އިސްވެރިން ތިބެގެން ކަމަށެވެ.

ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ބައެއް ބޭންކުތަކުން ޓެކްނޮލޮޖީ ބޭނުންކޮށްގެން އާ ކަންތައްތަކެއް އަންނަނީ ތައާރަފު ކުރަމުންނެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުން ތައާރަފްކުރި މޮބައިލް ޕޭ އަދި އުރީދޫން ތައާރަފްކުރި މޮބައިލް މަނީ ސާވިސް އަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ކަމަށް އަޒީމާ ވިދާޅުވި އެވެ.

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ހުޅުވުމުގެ ރަސްިއްޔާތުގައި ގަވަރުނަރު އަޒީމާ އާދަމް މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ހުޅުވުމުގެ ރަސްިއްޔާތުގައި ގަވަރުނަރު އަޒީމާ އާދަމް މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މާލީ ދަތިތަކަކަށް ފަހު ރާއްޖޭގެ ބޭންކިން ދާއިރާ އަށް އަންނަ ކުރިއެރުމާ ބެހޭ ގޮތުން ގަވަރުނަރު ވިދާޅުވީ ބޭންކުތަކުގެ މާލީ ގާބިލްކަން މިދިޔަ އަހަރު 13 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި ލޯނު ދޫކުރި މިންވަރު 16 ޕަސެންޓް އިތުރުވެ، 20 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އަޒީމާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ބޭންކުތަކުގެ މާލީ ގާބިލްކަން ވަރަށް ވަރުގަދަ ކަމަށާއި އަދި ޑިޕޮސިޓާއި އެސެޓް އިތުރުވަމުން އަންނަ މިންވަރު ވަރަށް ބޮޑު ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރާ ގުޅިގެން. ދުނިޔޭގެ މާލީ މައްސަލަތަކާ ގުޅިގެން ނުދެއްކި ލޯނުތައް އަނބުރާ ލިބުނު މިންވަރު ވަނީ އިތުރުވެފައި. މިހާރު އެ ބޭންކުތަކުގެ ފައިދާ ވެސް އިތުރުވެއްޖެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި އެވްރެޖްކޮށް ރިޓާން އޮން އިކުއިޓީން 17 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވޭ،" އަޒީމާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ ބޭންކިން ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކުން މިވަގުތު ފުއްދާލެވެން ނެތް ކަމަށާއި މިހާރަށް ވުރެ ހިންގުންތެރި އަދި ވާދަވެރި ދާއިރާއަކަށް ހަދައި، އާ ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށެވެ.

"އިންވެސްޓްމަންޓްތަކުގެ އާ ފުރުސަތުތަކެއް މިވަނީ އެންމެންނަށް ހުޅުވިފައި. ރާއްޖެ އަކީ ކުޑަ ގައުމެއް ނަމަވެސް މިއީ ވަރަށް ހުޅުވިފައިވާ އިގްތިސޯދެއް އޮތް ގައުމެއް،" އޭނާ ވިދާޅުވި އެވެ.