Roadha Mihaaru
އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އިސްތިއުފާ ދެއްވައިފި

އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އިސްތިއުފާ ދެއްވައިފި

16 އޯގަސްޓް 2017

އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް، ތިން އަހަރަށް ފަހު، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް، ތިން އަހަރަށް ފަހު، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި އޭނާ ވިދާޅުވީ މިއީ ހިތްހަމަ ޖެހިވަޑައިގަތުމާ އެކު އަދާކުރެއްވި ވަޒީފާއެއް ކަމަށާއި އިސްތިއުފާ ދެއްވި މައިގަނޑު ބޭނުމަކީ ދިރިއުޅުއްވުމަށް އައި ބަދަލުތައް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިރިކަލުން އަލީ ނަސީރު (އަލިނީ) އަކީ މިހާރު އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަކީ، މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ސަބަބެވެ.

އެކަމަނާ ވިދާޅުވީ ބޭރުގައި ގިނަ ދުވަހު ހުންނަވަމުން ރާއްޖޭގެ ވަޒީފާއެއްގެ ޒިންމާ ނެންގެވުމަކީ އިންސާފުވެރި ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އުމުރުން 19 އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތްކުރައްވަމުން ގެންދަވާ އަޒީމާ ވިދާޅުވި ގޮތުގައި ރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވުނީ ކިތައްމެ ކުޑަ ޚިިދުމަތެއް ނަމަވެސް ނުވަތަ ހޯއްދަވައިދެއްވުނީ ކިތައްމެ ކުޑަ ފައިދާއެއް ނަމަވެސް އެކަމުގެ ހިތްހަމަޖެހުން ލިބިވަޑައިގަންނަވަ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގަވަރުނަރުގެ ތިން އަހަރުގެ ޚިދުމަތުގައި އެމްއެމްއޭ އިން ބައެއް ކަންކަން އަލަށް ތައާރަފުކޮށް ހިންގަން ފަށާފައިވެ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރެއްވި ބޮޑު ވައްކަމުގައި އެމްއެމްއޭ "ނިދާފައި" އޮތުމުގެ ތުހުމަތު އަޒީމާގެ މައްޗަށް އެތައް ބަޔަކު ކުރެ އެވެ.

އެގޮތުން ސަރުކާރުގެ އޮފީހަކުން އެތައް މިލިއަން ރުފިޔާއެއްގެ މައާމަލާތްތައް ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާކަން އެމްއެމްއޭ އަށް އެނގޭ އިރު ވެސް ފިޔަވަޅެއް އެޅުން ލަސްވުމުގެ ޒިންމާ އަޒީމާ ނަންގަވަން ޖެހޭނެ ކަމަށް، ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

އަޒީމާގެ ވަދާއީ ކުރު ބަޔާނުގައި މިއަދު ވިދާޅުވީ ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމާއި ބޭރު ފައިސާގެ މާކެޓް ހަމަޖެއްސުމުގައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ރުފިޔާގެ އަގު ހިފެހެއްޓުމަކީ އެކަމަނާއަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ.

އޭގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފުކުރެއްވުމަކީ ވެސް އެމްއެމްއޭއަށް ހޯދުނު ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުން އަޒީމާ އިސްތިއުފާ ދެއްވިކަން މިއަދު އިއުލާން ކުރައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުން އަޒީމާ އިސްތިއުފާ ދެއްވިކަން މިއަދު އިއުލާން ކުރައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަޒީމާގެ ގަވަރުނަރުކަމުގެ އެންމެ ފަހު ދުވަސްކޮޅު ވަނީ ގެދޮރު ހޯދަން އާ ލޯން ސްކީމެއް ތައާރަފުކުރައްވައިފަ އެވެ. މިހާރަށް ވުރެ ވަރަށް ބޮޑު ތަނުން އިންޓަރެސްޓް ރޭޓް ކުޑަކޮށް ދޫކުރާ ލޯނުގެ މައްޗަށް އެކުލެވޭ އެ ސްކީމް މި މަހު ފަށާނެ ކަމަށް ބެލެވެ އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި އެ ލޯން ސްކީމަކީ ވެސް ގަވަރުނަރެއްގެ ގޮތުން ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ޕޮލިމާ ކަރުދާހުގައި އާ ނޫޓު ސީރީސްއެއް ނެރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ޝަރަފެއް ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ.

އެމްއެމްއޭ އިން ކަނޑައަޅާފައި ވަނީ ރާއްޖޭގައި ހިންގާ ބޭންކްތަކުގެ 10 ޕަސެންޓް ފައިސާ، ގެދޮރުގެ ދާއިރާ އަށް ހޭދަކުރުމަށެވެ. އެކަމަކު އެ އަމާޒަށް ވާސިލްވާން ވަކި މުއްދަތެއް ބޭންކްތަކަށް ލިބެ އެވެ.

އަޒީމާ އިސްތިއުފާ ދެއްވުމަށް ފަހު ނިއުޔޯކަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.