Roadha Mihaaru
ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ގަދަ ފަހެއް ހޮވައިފި

ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ގަދަ ފަހެއް ހޮވައިފި

31 އޮކްޓޯބަރ 2019

މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.

މިހާރު އެވޯޑްސްގެ ފުޓްބޯޅައިގެ ފަނޑިޔާރުންގެ ބައްދަލުވުމުގައި އެންމެ މޮޅު ކުޅުންތެރިޔާ އަށް ޝޯޓްލިސްޓްކުރީ މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ނާއިޒު ހަސަން (ދާދު)ގެ އިތުރުން ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ)ގެ އިތުރުން މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްލަބް ގްރީން ސްޓްރީޓްސްގެ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ފޯކައިދޫ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) އާއި ހަސަން ނަޒީމް (ޗޯޓު)، ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން)، ކްލަބް އީގަލްސްގެ ހައިޝަމް ހަސަން އަދި ޔުނައިޓެޑް ވިކްޓްރީގެ އަލީ ޝަމާލް އަބްދުﷲ އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ފުޓްބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.