Roadha Mihaaru
ލީޑަޝިޕުން މަންދޫބުން ކަނޑައަޅަން އެމްޑީޕީން ނިންމައިފި

ސަރުކާރާ އެކު ވާހަކަދައްކަން އެއްބަސްވެ، ލީޑަޝިޕުން މަންދޫބުން ކަނޑައަޅަން އެމްޑީޕީން ނިންމައިފި

26 ސެޕްޓެމްބަރ 2016

ސަރުކާރުގެ އިހުލާސްތެރިިކަމާ މެދު ސުވާލު އުފެދުނު ނަމަވެސް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެންގުމާ އެއްގޮތަށް ސަރުކާރާ އެކު ވާހަކަ ދައްކަން އެއްބަސްވެ، މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ލީޑަޝިޕުން ކަނޑައަޅަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.

ސަރުކާރުގެ އިހުލާސްތެރިިކަމާ މެދު ސުވާލު އުފެދުނު ނަމަވެސް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެންގުމާ އެއްގޮތަށް ސަރުކާރާ އެކު ވާހަކަ ދައްކަން އެއްބަސްވެ، މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ލީޑަޝިޕުން ކަނޑައަޅަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރެއްގައި ވިދާޅުވީ ސީމެގުގެ ރަސްމީ އެޖެންޑާގައި މިދިޔަ ހުކުރުދުވަހު ރާއްޖެ ހިމެނުމުން މަރުހަބާ ކިޔާ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އާއި އެ ޕާޓީ ހިމެނޭ އިދިކޮޅު އިއްތިހާދުން ގުޅިގެން ކުރި މަސައްކަތުން ސަރުކާރުގެ ނޭއްގާނީކަން ދުނިޔޭގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ. އެހެންވެ، އެމްޑީޕީން ސަރުކާރާ އެކު ވާހަކަ ދައްކަން ބޭނުން ވަނީ މައުނަވީ ގޮތަކަށް ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ސީމެގުން ހުށަހަޅާފައިވާ ކަންތައްތަކާ ބެހޭ ގޮތުން އިހުލާސްތެރިކަމާ އެކު ވާހަކަ ދައްކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ވާހަކަތަކުގައި އެމްޑީޕީ ބައިވެރިވާނީ އދ. ފަދަ ބައިނަލްއަގުވާމީ ޖަމާއަތެއްގެ މަންދޫބަކާ އެކު ކަމަށެވެ.

ޝިފާޒް ހުށަހެޅުއްވި ގަރާރަށް ވޯޓަށް އެހުމުން އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 39 މެމްބަރުންގެ ތެރެއިން 37 ވޯޓާ އެކު އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖްލިސްގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްޑީޕީ

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖްލިސްގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްޑީޕީ

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ޝިފާޒް ހުށަހެޅުއްވި ގާރާރަށް ފުރިހަމަ އަށް ތާއީދުކުރައްވާ ކަމަށެވެ. އަދި ސަރުކާރުން ޕާޓީތަކާ ވާހަކަ ދައްކަން ގޮވައިލީ މަޖުބޫރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ދައްކާ އެންމެ ބޮޑު ސަބަބަކީ އަބަދުވެސް އަޅުގަނޑުމެން ޝަރުުތުތަކެއް ކުރިމަތި ކުރުވާތީ. ސަރުކާރުން މި ފަހަރު ވާހަކަ ދައްކަން ގޮވާލީ މަޖުބޫރުވެގެން. މިއީ މިކަމާ ކުރިއަށް ދާންވީ އެންމެ މުހިންމު ވަގުތު. މިއިން ނެރެންޖެހޭ ނަތީޖާ އަކީ ސީމެގުން ހުށަހަޅާފައިވާ ގޮތަށް ކަންތައް ކުރުން،" ނިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިއީ ސަރުކާރާ އެކު ވާހަކަ ދައްކަން ޖެހޭ ރަނގަޅު ދަނޑިވަޅެއް ކަމަށެވެ.

"ސަރުކާރުން އެންމެ ބޭނުން ނުވާ ކަންތައް ކުރަން ޖެހޭ ވަގުތު އައިސް ޖެހުނީމަ އޭގެ ބޭނުން ހިފަން ޖެހޭ. ސަރުކާރު މިހާރު ވަނީ ހޫނު ފެނަށް ލެވިފައި. ރަސްމީ އެޖެންޑާ އަށް ލެވިފައި މިހާރު އެ އޮތީ. އެހެންވީމަ އަޅުގަނޑުމެން މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖްލީހުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖްލީހުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

މަޖިލީހުގެ ކެނދިކޮޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ސަރުކާރާ އެކު މަޝްވަރާކުރަން ނިންމި ނަމަވެސް ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ޝައްކުތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން މަޝްވަރާކުރަން ޖެހޭ ކަންތައް ސީމެގުން އެ ހުށަހަޅާފައި ވަނީ. އޭގައި އަޅުގަނޑުމެން ދެކޮޅު ހަދާ އެއްވެސް ކަމެއް ނެތް. އެހެންވެ މި އަށް އިންކާރުކަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަންވަރު އިބްރާހިމް ވިދާޅުވީ ސަރުކާރާ އެކު މަޝްވަރާކުރަން ހުށަހަޅާފައިވާ ގަރާރަށް ތާއީދުކުރެވެން ނެތް ކަމަށެވެ.

"ލީޑަޝިޕުން މި ޖެހެނީ ފަހަތަށް. ފަހަތަށް ޖެހެން ޖެހޭނީ މި ޕާޓީގެ އެކްޓިވިސްޓުން ރުހޭ ގޮތަށް. އެކްޓިވިސްޓުން ނުރުހޭ ރައީސް ނަޝީދާ ނުލާ މި ވާހަކަތައް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އިސްވެ މަޝްވަރާތައް އަލުން ފަށަން ނިންމައި އެ ވާހަކަތަކުގައި ބައިވެރިވާނެ މަންދޫބުން ހުށަހަޅަން އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީގައި ވެސް އެދިފަ އެވެ.

މަޝްވަރާތައް އަލުން މި ފަށަނީ ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް އަންގާފައި ވަނިކޮށެވެ. އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާގެ މޭޒު ދޮށަށް ދާން ވެސް ސީމެގުން ގޮވާލި އެވެ.

ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތައް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ. އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ބައިވެރިވެވަޑައިގެން، އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ފަށަން މަސައްކަތް ކުރައްވާފައި ވިޔަސް، އެކަމުގައި އަލިމަގެއް ފެނިފައެއް ނުވެ އެވެ.