Roadha Mihaaru
މަޝްވަރާތަކާ މެދު އުއްމީދު އާވެއްޖެ: އިނގިރޭސި ސަފީރު

މަޝްވަރާތައް ބޭއްވި، ސިޔާސީ ހަރަކާތް ހިންގަން ޖާގަ ލިބޭނެ ކަމާ މެދު އުއްމީދު އާވެއްޖެ: އިނގިރޭސި ސަފީރު

09 އޮކްޓޯބަރ 2016

ސަރުކާރާއި ސިޔާސީ ޕާޓީތަކާ މެދު ބާއްވަން މަސައަކަތް ކުރާ މަޝްވަރާތަކާ އުއްމީދު އާވެފައިވާ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިރޭ ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ސަރުކާރާއި ސިޔާސީ ޕާޓީތަކާ މެދު ބާއްވަން މަސައަކަތް ކުރާ މަޝްވަރާތަކާ އުއްމީދު އާވެފައިވާ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ އެކު ޑޯރިސް ވަނީ ވަކިވަކިން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެެވެ. އެ ގޮތުން، އިދިކޮޅު އިއްތިހާދާ އެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމަށް ފަހު އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މަޝްވަރާ އަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރާކަން ވަނީ ހާމަކޮށްފަ އެވެ.

"... އޭގެ ސަބަބުން ސިޔާސީ ހަރަކާތް ހިންގޭނެ ޖާގަ ލިބޭނެ ކަމަށް އުއްމީދު ކުރެވޭ،" ޑޯރިސްގެ ޓުވީޓުގައިވެ އެވެ.

އިނގިރޭސި ސަފީރު ޑޯރިސް ފޮރިން މިނިސްޓަރު އާސިމްއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓުވިޓާ

އިނގިރޭސި ސަފީރު ޑޯރިސް ފޮރިން މިނިސްޓަރު އާސިމްއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓުވިޓާ

ޑޯރިސް ވަނީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާ ބައްދަލުކުރައްވައި ޓެރަރިޒަމާއި ދީނީ ގޮތުން ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާ ވެސް ބައްދަލުކުރައްވައި އަންހެނުން ބާރުވެރިކުރުވަން އިނގިރޭސިވިލާތުގެ އެހީގައި ރާއްޖޭގައި ކުރަމުން ގެންދާ މަސައްކަތްތައް ގޮސްފައިވާ ހިސާބު އޮޅުންފިލުއްވި އެވެ.

އިނގިރޭސި ސަފީރު ޑޯރިސް ޖެންޑަ މިނިސްޓަރު ޒެނީޝާއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓުވިޓާ

އިނގިރޭސި ސަފީރު ޑޯރިސް ޖެންޑަ މިނިސްޓަރު ޒެނީޝާއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓުވިޓާ

ލަންކާގައި ހުންނަވާ ޑޯރިސް ރާއްޖެ ވަޑައިގަތުމުގެ ކުރިން ވިދާޅުވެފައި ވަނީ ދެ ގައުމުން ކުރާ އުއްމީދުތައް ހިއްސާކުރުމާ އެކު ދެ ބަސްވާ ކަންކަމާ ގުޅޭ ގޮތުން ވެސް ރާއްޖޭގެ ފަރާތްތަކާ އެކު ވާހަކަ ދައްކަން އުއްމީދު ކުރާ ކަމަށެވެ. އަދި ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ ދާއިރާގައި ރާއްޖޭން އެދެވޭ ކުރިއެރުމެއް ހޯދާފައި ނުވާ ކަމަށް ވިދާޅުވެ، އެ ކަމާ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

އިނގިރޭސި ސަފީރު މިއަދު ކުރެއްވި ޓުވީޓު.

ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތައް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ. އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ބައިވެރިވެވަޑައިގެން، އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ފަށަން މަސައްކަތް ކުރައްވާފައި ވިޔަސް، އެކަމުގައި އަލިމަގެއް ފެނިފައެއް ނުވެ އެވެ.

އެކަމަކު، މިދިޔަ މަހު ބޭއްވި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގު)ގެ ބައްދަލުވުމުގައި ރާއްޖެ ރަސްމީ އެޖެންޑާގައި ހިމަނައި ސަސްޕެންޑު ކުރުމުގެ އިންޒާރު ދިނުމަށް ފަހު، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އެއްވެސް ޝަރުތަކާ ނުލާ ފަށަން ހުރިހާ ފަރާތްތަކަށް ގޮވާލި އެވެ. އެހެންވެ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ކުރިން ކުރި ޝަރުތުތައް ދޫކޮށް، އދ.ގެ ބައިވެރިވުމާ އެކު މި މަހުގެ ތެރޭގައި މަޝްވަރާތައް ފަށަން އެއްބަސްވެފަ އެވެ.