Roadha Mihaaru
މަޝްވަރާ އަށް މަންދޫބުންގެ ނަން ފޮނުވަން އެދިއްޖެ

މަޝްވަރާގައި ބައިވެރިވާނެ މަންދޫބުންގެ ނަން ފޮނުވަން ސަރުކާރުން އެދިއްޖެ

08 ފެބުރުއަރީ 2018

ސިޔާސީ މަސްރަހުގައި ހުރި ނުތަނަވަސްކަން ފިލުވުމަށް ސަރުކާރާއެކު މަޝްވަރާ ކުރަން އަނެއްކާވެސް ޕާޓީތަކަށް ދައުވަތު ދީ، ބައިވެރިވާނެ މަންދޫބުންގެ ނަން ފޮނުވަން ރައީސް އޮފީހުން މިއަދު އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ މަސްރަހުގައި ހުރި ނުތަނަވަސްކަން ފިލުވުމަށް ސަރުކާރާއެކު މަޝްވަރާ ކުރަން އަނެއްކާވެސް ޕާޓީތަކަށް ދައުވަތު ދީ، ބައިވެރިވާނެ މަންދޫބުންގެ ނަން ފޮނުވަން ރައީސް އޮފީހުން މިއަދު އެދިއްޖެ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ މަސްރަހު މިހާރު އޮތް ގޮތުން، ގައުމުގެ ހަމަޖެހުމަށާއި ރައްޔިތުންގެ ހެވާއި ލާބަޔަށް ސިޔާސީ ޕާޓީތަކުގެ މެދުގައި އަލުން މަޝްވަރާ ފެށުމަކީ މުހިއްމު ކަމެއް ކަަމަށެވެ. ޕާޓީތަކަށް އަނެއްކާވެސް ދައުވަތު ދިނީ އެހެންވެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޕާޓީތަކުން މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން މި ފަހަރު މި ގޮވާލީ، ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ އިދިކޮޅު ބޭފުޅުންތަކެއް ދޫކޮށްލަން ދައުލަތުގެ މުއައްސަސާތަކަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރި މައްސަލާގައި ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވެފައި ވަނިކޮށެވެ. އެ އަމުރު ތަންފީޒުކުރަން ސަރުކާރުން ދެކޮޅު ހެދީ، އެއީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ނެރެފައިވާ އަމުރެއް ކަމަށް ބުނެ އެވެ. އެ މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާއިރު، ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ، އެ ސިޔާސީ ނުވަ ބޭފުޅުން ދޫކޮށްލަން އެ ކޯޓުން ކުރި އަމުރު ބާތިލްކޮށްފަ އެވެ.

މީގެ ކުރިން ސަރުކާރުން ވަނީ އެކި ފަހަރު މަތިން މަޝްވަރާތައް ބާއްވަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބުނުވެ، ފޭލްވީ ހުކުމް ތަންފީޒު ކުރަމުންދާ ލީޑަރުން ބައިވެރިކުރަން ސަރުކާރުން ދެކޮޅު ހެދުމުންނެވެ. ލީޑަރުން ބައިވެރި ނުކުރާ މަޝްވަރާއެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް އޭރު އިދިކޮޅު ޕާޓީތަކުން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތިން ލީޑަރުން ކަަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ޖަލު ހުކުމެއް ތަންފީޒުކުރައްވާއިރު އެ ޕާޓީތަކުގައި ދެން އިސްކޮށް ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ވެސް ތުހުމަތުކޮށް ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.

އޭގެ ފަހުން، އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ކުރެއްވި ކުރީގެ ރައީސް މައުމޫނުގެ މައްޗަށް، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުކޮށް ވަނީ ހައްޔަރުކޮށްފަ އެވެ.