Roadha Mihaaru
"ނަޝީދާއި އިމްރާން މަޝްވަރާގައި ބައިވެރި ނުކުރެވޭނެ"

ނަޝީދާއި އިމްރާން މަޝްވަރާތަކުގައި ބައިވެރިކުރަން އަނެއްކާވެސް ދެކޮޅު ހަދައިފި

10 އޮކްޓޯބަރ 2016

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް، ސަރުކާރާއި ސިޔާސީ ޕާޓީތަކުން ފަށަން ނިންމާފައިވާ މަޝްވަރާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިކުރަން ރައީސް އޮފީހުން އަނެއްކާވެސް ދެކޮޅު ހަދައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް، ސަރުކާރާއި ސިޔާސީ ޕާޓީތަކުން ފަށަން ނިންމާފައިވާ މަޝްވަރާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިކުރަން ރައީސް އޮފީހުން އަނެއްކާވެސް ދެކޮޅު ހަދައިފި އެވެ.

މަޝްވަރާތައް މީގެކުރިން ވެސް ފޭލްވީ، އެ ދެ ބޭފުޅުން ބައިވެރިކުރަން ސަރުކާރުން އެއްބަސްނުވުމުންނެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްްސަލާގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކައަކާ ގުޅިގެން އިމްރާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ރައީސް އޮފީހުން ސިޔާސީ ޕާޓީތަކަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ކައުންސިލުން ފާސްކޮށްގެން ނަން ހުށެހެޅި ނަމަވެސް، ޝަރީއަތުން ހުކުމެއްކޮށް އެ ހުކުމް ތަންފީޒުކުރާ މީހަކު ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރި ނުކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ޕާޓީތަކަށް މިގޮތަށް އެންގިއިރު، މަޝްވަރާގައި ސަރުކާރުގެ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވެފައި ވަނީ މަޝްވަރާ ފަށަން ސަރުކާރުގެ އެއްވެސް ޝަރުތެއް ނެތް ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ވަރަށް ބޮޑަށް ދޫދީގެން މަޝްވަރާ ކުރިއަށް ގެންދަން ކަމަށެވެ. މަޝްވަރާތަކުގައި އެމްޑީޕީ އާއި އަދާލަތު ތަމްސީލްކުރާނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ކަމަށް ދެ ޕާޓީން އެންގިޔަސް އެކަމަކާ ވެސް ސަރުކާރުން ދެކޮޅެއް ނުހަދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެއީ، ޝައިނީ ވިދާޅުވެފައިވާ ގޮތުގައި، އެއްވެސް ޝަރުތެއް ނެތި މަޝްވަރާ ފަށަން ކޮމަންވެލްތުން ގޮވާލާފައިވާތީ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވައި އަދާލަތު ޕާޓީ އަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ގާނޫނާއި ގަވާއިދާއި އެ ޕާޓީއެއްގެ އަސާސީ ގަވާއިދުގެ ދަށުން ހިންގުމުގެ ނިޒާމްތައް ފުރިހަމަވެފައި ހުންނަން ޖެހޭ މުއައްސަސާތައް ކަމަށެވެ. ނަމަވެސް މިވަގުތު އަދާލަތު ޕާޓީގައި އިންތިހާބުކޮށްފައިވާ ރައީސަކު ނެތުމާ އެކު ޕާޓީ ހިންގުމުގެ ނިޒާމް ގާނޫނީ އިމުގެ ތެރެއިން ފުރިހަމަވެފައި ނުވާތީ ޕާޓީގެ ނިންމުންތަކާ މެދު ސުވާލުއުފެދޭ ވާހަކަ ދަންނަވަން ރައީސް ޔާމީން އަންގަވާފައިވާ ކަމަށް ސިޓީގައި މުޖުތާޒު ވިދާޅުވި އެވެ.

މިއާއެކު، މަޝްވަރާގައި ބައިވެރިކުރެވޭނީ ކައުންސިލުން ފާސްކޮށްފައިވާ މަންދޫބުން ކަމަށް ޕާޓީ އަށް ދަންނަވަން ރައީސް އެންގެވި ކަމަށް ވެސް ސިޓީގައިވެ އެވެ.

ޖަލު ހުކުމް ތަންފީޒުކުރާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ނުތިބެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ނަޝީދާއި އިމްރާނަށް ވެސް ވަނީ ޕާޓީގެ ރައީސް ކަން ގެއްލިފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މަޝްވަރާތައް އަލުން ފަށަން ޕާޓީތަކަށް ސަރުކާރުން ދައުވަތު ފޮނުވީ ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް އަންގާފައި ވަނިކޮށެވެ. އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާގެ މޭޒު ދޮށަށް ދާން ސީމެގުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ. ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު ދެ ފަރާތުން ކުރި ޝަރުތުތަކާ ހެދި މަޝްވަރާ ކުރިއަކަށް ނުގެންދެވުނެވެ. އެ މަޝްވަރާ ފޭލްވުމުން، އދ.ގެ މަންދޫބު ތަމްރަތު ބައިވެރިވެވަޑައިގެން، އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ފަށަން މަސައްކަތް ކުރައްވާފައި ވިޔަސް، އެކަމުގައި ވެސް އަލިމަގެއް ފެނިފައެއް ނުވެ އެވެ.