Roadha Mihaaru
ހައިލަމް ސަސްޕެންޑްކޮށް، ޔާމީންގެ ޝަރީއަތް ކެންސަލް

ހައިލަމް ސަސްޕެންޑްކޮށް، ޔާމީންގެ ޝަރީއަތް ކެންސަލް

05 ނޮވެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރާ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް މިއަދު ސަސްޕެންޑް ކުރުމާ އެކު، ޔާމީންގެ މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރާ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް މިއަދު ސަސްޕެންޑް ކުރުމާ އެކު، ޔާމީންގެ މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުންތައް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު މެންދުރު ފަހު 1:00 އަށް އޮތީ ތާވަލްކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ބައްލަވާ އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމުމާ އެކު، ހުކުމް ކުރުމުގެ މަޖިލިސް ކެންސަލްކުރީ އެވެ.

އިސް ގާޒީ ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުމަށް އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހާފައިވާ ފޮޓޯއެއް ފޮނުއްވި މައްސަލަ ހޫނުވެ، އެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމަށް ފަހު އެވެ.

އެ މައްސަލާގައި މިއަދު ހެނދުނު ޖޭއެސްސީ އަށް ހާޒިރުވާން އިސް ގާޒީ ހައިލަމަށް އެންގި ނަމަވެސް، އޭނާ އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގެންފައި ނުވާ ކަމަށެވެ. ހާޒިރުވެ ވަޑައިނުގަތް ސަބަބެއް ކަމަށް ހައިލަމް ޖޭއެސްސީ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި އަންގަވާފައި ވަނީ، މައްސަލަޔާ ގުޅޭ ގޮތުން ބަޔާނެއް ނެރުއްވައި ވީ ގޮތް ސާފުކޮށްދެއްވާފައިވާ ވުމެވެ. އެއީ ޖޭއެސްސީ އަށް ވެސް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ހައިލަމް ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެކަމަކު މިއީ މަގްބޫލު ސަބަބެއް ނޫން ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ތަހުގީގު ކުރިއަށް ދާއިރު ހައިލަމް ވަޒީފާއަށް ނިކުމެވަޑައިގަތުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށްވާތީ 60 ދުވަހަށް ވުރެ ދިގު ނުވާ ގޮތަށް ހައިލަމް ސަސްޕެންޑް ކުރަން، ކޮމިޝަންގެ ރައީސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި ނިންމީ ކަމަށެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަސް ތެރޭގައި ކޮންމެ މައްސަލައެއްގެ ވެސް ހުކުމް އިއްވަން ޖެހޭނެ އެވެ. ޔާމީންގެ މައްސަލާގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށްވާތީ އެ މުއްދަތު އަންނަ ހޮނިިހިރު ދުވަހަށް ހަމަވާނެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް. -- ފޮޓޯ: މިހާރު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް. -- ފޮޓޯ: މިހާރު

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން ހުކުމް އިއްވުމުގެ މަރުހަލާގައި މައްސަލަ އޮއްވައި އެ މައްސަލަ ބައްލަވާ ފަނޑިޔާރަށް އެ ޝަރީއަތް ކުރިއަށް ނުގެންދެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމުގައި ދެން ގޮތެއް ނިންމާނީ އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނަ ފަނޑިޔާރެކެވެ. އެގޮތުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން އެހެން ފަނޑިޔާރަކާ ހަވާލުކުރަން ނުވަތަ ޝަރީއަތް އަލުން ބާއްވަން ކަނޑައެޅިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

އެ މައްސަލާގައި ހައިލަމް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ފޮޓޯ އެ ގްރޫޕަށް ފޮނުއްވުނީ އެ ފޮޓޯގައި ރައީސާއި މަޖިލީހުގެ ރައީސް ނަޝީދަށް ނިސްބަތްކޮށް ކުރެހުމެއް ހުރިކަން އެނގިވަޑައިނުގެން ކަމަށެވެ. އެހެންވެ، އެކަމަށް އޭނާ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.

ބަޔާނުގައި ހައިލަމް ވިދާޅުވީ، ޔާމީންގެ މައްސަލައިގައި ރިޝްވަތު ނަންގަވާފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އިރު، އެއީ ކޯޓުގައި ކުރިއަށްދާ މައްސަލަ އާއި އޭނާ ކުރައްވާ މަސައްކަތަށް ނުފޫޒު ފޯރުވުން ކަމަށެވެ.

"އަޅުގަނޑު މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖައިޒު މަންފާއެއް ހޯދައި ދިނުމަށް އެއްވެސް އިރެއްގައި، އެއްވެސް ސިފައެއްގައި މަސައްކަތް ކޮށްފައި ނުވާނެ ކަމާއި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް މި ފުރުސަތުގައި އަރުވަމެވެ،" ހައިލަމް ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ވެސް ބުނަމުން އަންނަނީ ހައިލަމްގެ މައްސަލަ ބަލަނީ ހުކުމަށް ނުފޫޒު ފޯރުވަން ކަމަށާއި މިއަށްވުރެ ބޮޑަށް ޖުޑީޝަރީ އަށް ނުފޫޒު ފޯރުވި ދުވަސްވަރެއް ނާންނަ ކަމަށެވެ.