Roadha Mihaaru
އައްޑޫ ޕޮލިސް އެކަޑެމީ ހުޅުވާނީ އަންނަ އަހަރު: ހަމީދު

އައްޑޫ ޕޮލިސް އެކަޑެމީ ހުޅުވާނީ އަންނަ އަހަރު: ސީޕީ ހަމީދު

07 ނޮވެމްބަރ 2019

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ ޓްރޭނިން އެކަޑެމީ އަންނަ އަހަރުގެ މިނިވަން ދުވަހު ހުޅުވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން ސ. ގަމުން އަހުމަދު އަދްޝަން

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ ޓްރޭނިން އެކަޑެމީ އަންނަ އަހަރުގެ މިނިވަން ދުވަހު ހުޅުވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ފުލުހުންގެ ނެއިބަހުޑްގެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށް ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ހަވާސާގައި މީޑިއާއާ ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، އައްޑޫ ލިންކް ރޯޑް ހިމެނޭ ސަރަހައްދުގެ ފަޅުރަށްތަކުގެ ތެރޭގައި ބިނާކުރާ ފޮލިސް އެކަޑެމީގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު އަންނަ އަހަރުގެ ޖުލައި 26 ގައި ހުޅުވައި، ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

ފުލުހުންގެ ޓްރޭނިން ސްކޫލް ހަދަނީ ހިތަދޫ ސަރަހައްދީ ބަނދަރު ކުރިމަތީގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އޮފީސް ކައިރިން ފެށިގެން ބޮޑު ސަރަހަދެއްގަ އެވެ. އެތަނުގެ އަމަލީ މަަސައްކަތް 2017 އިން ފެށިގެން ކުރަމުން އަންނަ އިރު، އެ ސަރަހައްދުގެ މޫދާ ދިމާވާ ފަޅިން ވެސް ބައެއް ހިއްކައި، އެތަނުގައި ވަނީ ރިވެޓްމަންތެއް ވެސް ލައިފަ އެވެ.

މި ޓްރޭނިން އެކަޑެމީ އަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު އައްޑޫގައި އެމްޑީޕީން ހިންގި ހަމަނުޖެހުންތަކުގައި އަލިފާން ރޯކުރި ޓްރޭނިން ސްކޫލް ގައި ރޯކުރުމުން، ހިލޭ އެހީގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ހިންގައިދޭ މަޝްރޫއެކެވެ. ސީދާ އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުން އެތަނުގެ ހުރިހާ މަސައްކަތަކެއް ކުރިއަށް ގެންދާއިރު، މި މަޝްރޫ އަށް 18 މިލިއަން ޑޮލަރު އިންޑިއާ އިން ހޭދަކުރާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ.

މި މަޝްރޫއު އިއުލާންކުރީ އޭޕްރީލް 6، 2014 ގައި ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.

ފުލުހުންގެ އާ އެކަޑެމީ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. ފުލުހުން ބުނި ގޮތުގައި ޓްރޭނިން ސެންޓަރު ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެތަނުގައި އެކުލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެހެން ވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެ އެވެ.

އައްޑޫ ނޭބަހުޑް ޕޮލިސްގެ ހިދުމަތް އިފުތިތާހުކުރުމުގެ ތެރެއިން.

އައްޑޫ ނޭބަހުޑް ޕޮލިސްގެ ހިދުމަތް އިފުތިތާހުކުރުމުގެ ތެރެއިން.

"ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މައިގަނޑު ބޮޑެތި ޓްރޭނިންތަކާއި އެހެނިހެން ހަރަކާތްތައް އެ އެކަޑެމީގައި ކުރިއަށް ދާނީ. އަދި އެތަން ބޭނުން ކުރަން ފެށުން ވެގެން ދާނީ އަނެއްކާ ވެސް ފުލުހުންގެ ޓްރޭނިންތަކާއި ހިދުމަތްތަކަށް ޒަމާނީ ބަދަލުތަކެއް އަދި ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަކަށް،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑު ސަރަހައްދެއްގައި ފުލުހުންގެ އެކަޑެމީ ބިނާކުރާތީ އެކި ކަހަލަ ފާޑުކިޔުންތައް އަމާޒު ވިޔަސް، އެއީ ސީދާ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނާނެ ތަނެކެވެ. މި އެކަޑެމީއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރާ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެއީ އައްޑޫގައި އިންޑިއާގެ ނުފޫޒު ގަދަކުރަން ކުރާ ކަމެކެވެ.

ނަމަވެސް ސީޕީ ވިދާޅުވީ އެކަހަލަ އެއްވެސް ނިޔަތެއް މި މަޝްރޫއުގެ ތެރޭގައި ނެތް ކަމަށެވެ.

"މިކަމަކީ ޓްރޭނިން އެކަޑެމީގެ މުހިއްމުކަން ބޮޑުވެގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް. އެތަން އޯން ކުރާނީ ސީދާ ދިވެހި ފުލުސް. އެތަނާ ގުޅޭ ގޮތުން އެކި ކަހަލަ ވާހަކަތަކެއް ދެއްކި ނަމަވެސް މީގެ ތެރޭގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ ފުލުހުންގެ ޓްރޭނިން އެކަޑެމީއަކަށް ވިޔަސް މުޅި އައްޑު އަށް އެތަނުގެ ވަސީލަތްތަކުން ފައިދާކުރާނެ ކަމަށެވެ. އެގޮތުން ފުލުހުންގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަން ފަދަ ލޯ އެންފޯސްމަންޓް ކޮމިއުނިޓީގެ ތަމްރީނުތައް ހިންގޭނެ ތަނަކަށް ވެސް އެކަޑެމީ ވާނެ ކަމަށް ފުލުހުން ބުންޏެވެ.

"ހަމައެކަނި ފުލުހުން ބޭނުންކުރާ ތަނަކަށް އެކަންޏެއް ނޫން އެތަން ވާނީ. އައްޑޫގެ ވަރަށް ގިނަ ކަންކަމަށް ބޭނުން ކުރެވޭ ތަނަކަށް އެކަޑެމީ ވެގެން ދާނެ،" ސީޕީ ވިދާޅުވި އެވެ.