Roadha Mihaaru
ސްޓްރީމިންއާ އެކު ސިނަމާތަކަށް ވާނީ ކިހިނެއް؟

ސްޓްރީމިންއާ އެކު ސިނަމާތަކަށް ވާނީ ކިހިނެއް؟

12 ނޮވެމްބަރ 2019

އޯވަ ދަ ޓޮޕް (އޯޓީޓީ) ނުވަތަ ސްޓްރީމިން ޓީވީގެ ހިދުމަތަކީ މިހާރު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފުޅާވަމުން އަންނަ އެއް ވިޔަފާރިއެކެވެ. ސްޓްރީމިންގެ ހިދުމަތްދޭ ޕްލެޓްފޯމްތައް އިތުރުވަމުން ދިއުމަކީ އޭގެ ހެއްކެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޯވަ ދަ ޓޮޕް (އޯޓީޓީ) ނުވަތަ ސްޓްރީމިން ޓީވީގެ ހިދުމަތަކީ މިހާރު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފުޅާވަމުން އަންނަ އެއް ވިޔަފާރިއެކެވެ. ސްޓްރީމިންގެ ހިދުމަތްދޭ ޕްލެޓްފޯމްތައް އިތުރުވަމުން ދިއުމަކީ އޭގެ ހެއްކެކެވެ.

ރާއްޖޭގައި ވެސް މިސްރާބު ހުރީ މި ދިމާލަށެވެ.

އަނެއްކޮޅުން ސްޓްރީމީން ސާވިސް އަށް ގިނަ ބަޔަކު މިހާރު ވަރަށް ބޮޑަށް ބަރޯސާ ސަބަބެއް ވެސް އެބައޮތެވެ. އެއީ ސިނަމާތަކުގައި ރިލީޒްކުރާ ފިލްމުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކިއެކި ސްޓްރީމިން ޕްލެޓްފޯމްތަކުން ބަލަން ފުރުސަތު ލިބުމާއި ސިނަމާތަކުގައި ރިލީޒްނުކުރާ ފިލްމުތައް މި ހިދުމަތުގެ ތެރެއަށް މިހާރު އަންނަލެއް އިތުރުވުމެވެ.

މީގެ އިތުރުން އެފަދަ ފްލެޓްފޯމްތަކަށް އޮރިޖިނަލް ކޮންޓެންޓްތައް އަންނަ މިންވަރު ވެސް އެތައް ގުނަ އިތުރުވުން ހިމެނެ އެވެ. ހަމައެކަނި އުފެއްދުންތައް އިތުރުވަނީކީ ވެސް ނޫނެވެ. ސިނަމާތަކުގައި ދައްކާ ފިލްމުތަކަށް ވުރެ އެތައް ގޮތަކުން ކޮލިޓީ އަދި ޝައުގުވެރި އުފެއްދުންތައް ސްޓްރީމިން ސާވިސްގެ ތެރެއިން މިހާރު ބަލައިލެވެ އެވެ. މިކަމަށް ޖީބުން މާ ބޮޑު ހަރަދެއް ކުރާކަށް ވެސް ނުޖެހެ އެވެ.

ބޮޑު އަގުގައި ޓިކެޓް ގަނެގެން، ސިނަމާތަކުގެ އަަޑުފައްގަނޑުގެ ތެރެއިން ފިލްމަށް ފޯކަސްނުކުރެވޭ މައްސަލާގައި ސިނަމާތަކާ ފެއަށް ޖެހޭ މީހުން ވެސް އެބަ އުޅެ އެވެ. މިކަމުގެ ފައިދާ ސްޓްރީމިން ސާވިސްތަކުން އަންނަނީ ވަރަށް ރަނގަޅަށް ނަގަމުންނެވެ.

އިންޑިއާ ވެސް މިހާރު މިސްރާބު ޖަހާފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށެވެ. ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކާއި ތަރިންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވެސް މިހާރު އެ މީހުންގެ އުފެއްދުންތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ދޫކޮށްލާކަށް ކަންބޮޑެއް ނުވެ އެވެ. އަދި އެފަދަ އިންވެސްމަންޓްތައް އަންނަނީ އިތުރު ވެސް ވަމުންނެވެ.

އަދި ހަމައެއާ އެކު އިންޑިއާގެ އެކި ސްޓޫޑިއޯތަކުން ވެސް އަންނަނީ މިފަދަ ޕްލެޓްފޯމްތައް އުފައްދަމުންނެވެ. އެގޮތުން އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީ އާއި ޒީ ނެޓްވޯކްގެ ޒީ5 އާއި އަދި މި ނޫން ވެސް ފްލެޓްފޯމްތަކެއް އެބަ ހުއްޓެވެ.

އަނެއްކޮޅުން ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ފަދަ ސްޓްރީމިން ސާވިސްތަކުގެ ނުފޫޒު އިންޑިއާގައި މިހާރު ވަރަށް ބޮޑެވެ. ޝާހްރުކް ހާނާއި އަކްޝޭ ކުމާރާއި ކަރަން ޖޯހަރާއި އަނޫރާގް ކެޝަޕާއި ސައިފް އަލީ ހާނާއި ކާޖޮލް އާއި ރޯނީ ސްކްރޫވާލާ އާއި ސުޖޯއި ގޯޝް އާއި އަދި އެ ނޫން ވެސް ބޮލީވުޑްގެ ނުފޫޒު ގަދަ މީހުން މިހާރު އަންނަނީ އެ ޕްލެޓްފޯމްތަކާ އެކު މަސައްކަތްކުރަމުންނެވެ.

އެހެންވެ، ކުރިއަށް އޮތް ތަނުގައި ސިނަމާގެ ވިޔަފާރި އަށް ވާނީ ކިހިނެއް ހެއްޔެވެ؟

މިހާރު ވެސް ހޮލީވުޑްގައި އޮންނަ އެއް އުސޫލަކީ އޮސްކާ އެވޯޑްގައި ފިލްމަކަށް ވާދަކުރުމުގެ ފުރުސަތު ލިބޭނީ އެ ފިލްމެއް ސިނަމާތަކުއި ވެސް ރިލީޒްކޮށްފައިވުމެވެ. އެހެންވެ ސިނަމާގެ ގަދަފަދަކަމަކީ ވެސް އެހާ ފަސޭހަ އިން ކެނޑިގެން ދާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

މިކަމާ ބެހޭ ގޮތުން ކުރެވޭ ބަހުސްތައް އަންނަނީ އިތުރުވަމުންނެވެ. އަނެއްކޮޅުން ސްޓްރީމިން ސާވިސް ނުވަތަ އޯޓީޓީގެ ނުފޫޒު ގަދަވެ، ސިނަމާތަކުގެ ފޯރި ކުޑަވުމަކީ ބައެއް ޑައިރެކްޓަރުންނާއި ފިލްމީ ތަރިންގެ ބޮލުގެ ރިހުމަކަށް ވަނީ ވެފަ އެވެ. ފިލްމުތައް ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފައި، މި ފަހުން ވެސް ބޮލީވުޑްގެ ފިލްމުތަކެއް ސިނަމާތަކަށް ގެނައުން ވަނީ ކެންސަލްކޮށްފަ އެވެ.

އޭގެ ތެރޭގައި ނެޓްފްލިކްސް އިން މި މަހު ކުރީކޮޅު ސްޓްރީމް ކުރި "ޑްރައިވް" އާއި ސިނަމާތަކުގައި ރިލީޒްކުރުން ކެންސަލްކުރި ރޯނީގެ "ބަންގްރާ ޕާލޭ" އާއި ކުނާލް ކޭމޫގެ "ލޫޓްކޭސް" ފަދަ ފިލްމުތައް ހިމެނެ އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ބައެއް ޑައިރެކްޓަރުންނާއި ފިލްމީ ތަރިން މިހާރު އަންނަނީ އެ މީހުން ފިލްމަކަށް ސޮއިކުރާ އިރު، އެގްރިމަންޓްގައި އިތުރު މާއްދާއެއް ހިމަނަން ޑިމާންޑް ކުރަމުންނެވެ. އެއީ ފިލްމުތައް ސިނަމާތަކުގައި ރިލީޒްކުރުމުގެ ޔަގީންކަން ދިނުމެވެ.

ބައެއް ފަންނާނުން ގަބޫލުކުރާ ގޮތުގައި ސިނަމާތަކުގައި ފިލްމު އަޅުވައިގެން ލިބޭ ސަމާލުކަމެއް، މަޝްހޫރު ކަމެއް ފޯނުން އައިޕެޑުން ނުވަތަ ލެޕްޓޮޕުން ސްޓްރީމްކޮށްލައިގެން މީހުންނަށް ބަލައިލަން ލިބުމަކުން ނުލިބެ އެވެ. އެހެންވެ މިއީ އެހާ ކަމުދާ ކަމަކަށް ނުވެ އެވެ. މިކަމާ މިހާރު ވެސް ހިތްހަމަނުޖެހިފައި ތިބި ތަރިން އެބަ ތިއްބެވެ.

އެކަމަކު މިހާރު ބައެއް ޕްރޮޑިއުސަރުން އެ މީހުންގެ އުފެއްދުންތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ދޫކޮށްލަނީ ސިނަމާތަކުގައި ރިލީޒްކޮށްގެން ލިބޭ ގެއްލުމުން ސަލާމަތްވުމުގެ ގޮތުންނެވެ. އަދި ފަސޭހަ އިން ހަރަދު ފޫބެއްދޭ ކަމަކަށް މިކަންވެ އެވެ. އެހެންވެ އެ ބައެއްގެ ފިލްމުތަކުގެ ކޮލިޓީއާ ދޭތެރޭ މިހާރު ސުވާލު އުފެދޭ ނަމަ އެންމެ ރައްކާތެރި ގޮތަކީ ޑިޖިޓަލް ޕްލެޓްފޯމަކަށް ފިލްމު ދޫކޮށްލައިގެން ހަރަދު ސަލާމަތްކުރުމެވެ.

ޕްރޮޑިއުސަރުންނަށް މިކަމުން ފައިދާ ވިޔަސް ހަގީގަތުގައި މިއީ އުފެއްދުމަކުން ތަރިންނާއި ޑައިރެކްޓަރުންނަށް ލިބެންވާ ސަމާލުކަން ލިބުމަށް އެޅޭ ހުރެހެކެވެ. އެހެންވެ އެކަމާ ބައެއް މީހުން ދެކޮޅުހަދަނީ އެވެ.

ސްޓްރީމިން ސާވިސްގެ ނުފޫޒު ގަދަވުމުން ނުކުންނަ އަނެއް ނަތީޖާއަކީ އާންމުކޮށް އެހެންޏާ ޓީވީ ޗެނެލްތަކުން ބަލައިލަން ލިބޭ އުފެއްދުންތައް މިހާރު ޗެނެލްތަކާ ހަމައަށް ވެސް ނުފޯރުމެވެ.

ކުރިއާ ހިލާފަށް ފިލްމުތަކުގެ ސެޓެލައިޓް ރައިޓްސް ޗެނެލްތަކުން ހޯދައިގެން، ފިލްމުތައް އެ ޗެނެލްތަކުން ގެނެސްދެމުން ދިޔަ ނަމަވެސް އެ ވިޔަފާރި ވެސް ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. މިހާރު ޕްރޮޑިއުސަރުން ފިލްމުތަކުގެ ރައިޓްސް ދޫކޮށްލަނީ ކޮންމެވެސް ޑިޖިޓަލް ޕްލެޓްފޯމަކަށެވެ. ނަތީޖާ އަކީ އެ ފިލްމެއް ބަލަން ބޭނުން ނަމަ އެ ޕްލެޓްފޯމަކަށް ފީ ދައްކައިގެން ބަލަން ޖެހުމެވެ.

ހަމަމިއާ އެކު އެކި ކަހަލަ ވެބް ސީރީޒްތަކާއި ޓޯކް ޝޯކަތާއި ޑޮކިއުމަންޓަރީތަކާއި އަދި މި ނޫން ވެސް އެތައް އުފެއްދުމެއް މިހާރު އަމާޒު ހިފާފައި ހުރީ ޑިޖިޓަލް ޕްލެޓްފޯމަށެވެ. އެހެންވެ މުނިފޫހިފިލުވުމުގެ ދާއިރާ ދިރާސާ ކުރާ މީހުން ވެސް އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ސިނަމާ އަކީ މާޒީ އަށް ވެދާނެ އެވެ.