Roadha Mihaaru
ފަނޑިޔާރު އާދަމް އުޒުރުވެރިވާތީ އަޑުއެހުން ކެންސަލް

ފަނޑިޔާރު އާދަމް ހާޒިރުވެ ވަޑައިގަތުމަށް އުޒުރުވެރިވުމުން ތަހުގީގު އަޑުއެހުން ކެންސަލް

12 ނޮވެމްބަރ 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލާގެ ތަހުގީގު އަޑުއެހުމަށް ހާޒިރުވެ ވަޑައިގަތުމަށް ފަނޑިޔާރު އާދަމް އުޒުރުވެރިވެ ވަޑައިގަތުމުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލާގެ ތަހުގީގު އަޑުއެހުމަށް ހާޒިރުވެ ވަޑައިގަތުމަށް ފަނޑިޔާރު އާދަމް އުޒުރުވެރިވެ ވަޑައިގަތުމުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްތަކުން ބޭރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ މައްސަލާގައި ފަނޑިޔާރު އާދަމްގެ މައްޗަށް ހިންގާ ތަހުގީގުގެ ދެ އަޑުއެހުމެއް މީގެކުރިން ބޭއްވިޔަސް، ވަކީލަކާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ފަނޑިޔާރު އާދަމަށް އޮތީ ފުރުސަތު ދެއްވައިފަ އެވެ.

އެ މައްސަލާގައި މިއަދު މެންދުރު ފަހު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ ފަނޑިޔާރު އާދަމް ހާޒިރުވެ ވަޑައިގަތުމަށް އުޒުރުވެ ވަޑައިގަންނަވާތީ ކަމަށް ޖޭއެސްސީން ބުންޏެވެ. އެކަމަކު އޭނާ ހާޒިރުވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަތީ ކޮން ސަބަބަކާ ހެދި ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

އެ މައްސަލާގައި ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖެއްސުމުން އޭނާ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ޖޭއެސްސީން ނިންމި އެވެ. ސަބަބެއްގެ ގޮތުގައި ޖޭއެސްސީން ބުނީ ޖަމީލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ބައްލަވާ ބެންޗުގައި ފަނޑިޔާރު އާދަމް ހިމެނިވަޑައިގަންނަވާތީ އެވެ.

އެ މައްސަލައިން ފަނޑިޔާރު އާދަމް ތަނާޒުލްވެ ވަޑައިގެންފައި ވިޔަސް، ޖޭއެސްސީން ވަނީ އެއީ ސުލޫކާ ޚިލާފް ކަމެއް ނިންމައި، އެ މައްސަލަ ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމައިފަ އެވެ.