Roadha Mihaaru
ޓިކްޓޮކް ގޮތަށް އިންސްޓަގްރާމް ބޭނުންކުރެވޭ ގޮތް ހަދަނީ

ޓިކްޓޮކް ގޮތަށް އިންސްޓަގްރާމް ބޭނުންކުރެވޭ ގޮތް ހަދަނީ

14 ނޮވެމްބަރ 2019

ލިޕްސިންކޮށްފައި، ވީޑިއޯތައް ހިއްސާކުރެވޭ މަޝްހޫރު ޓިކްޓިކްގެ ފޯމެޓަށް އިންސްޓަގްރާމަށް އާ ފީޗާއެއް އިތުރުކޮށްފައިވާ ކަމަށް ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލިޕްސިންކޮށްފައި، ވީޑިއޯތައް ހިއްސާކުރެވޭ މަޝްހޫރު ޓިކްޓިކްގެ ފޯމެޓަށް އިންސްޓަގްރާމަށް އާ ފީޗާއެއް އިތުރުކޮށްފައިވާ ކަމަށް ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.

ޓެކް ކްރަންޗުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ބްރެޒިލްގައި ލިބެމުން އަންނަ ފީޗާގެ ނަމަކީ "ރީލްސް" އެވެ. މިއީ ޓިކްޓޮކްގެ ފޯމެޓާ އެއްގޮތަށް އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް 15 ސިކުންތުގެ ވީޑިއޯތައް ޝޫޓްކޮށް، އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރެވޭ ފީޗާއެކެވެ.

ޓެކް ކްރަންޗުން ބުނިގޮތުގައި އިންސްޓަގްރާމްގެ "ރީލްސް" މިހާރު ބްރެޒިލްގައި އެންޑްރޮއިޑާއި އައިއޯސްގެ އަހުލުވެރިންނަށް ލިބެމުން ދިޔަ ނަމަވެސް، އެ ފީޗާ ހުރިހާ އެންމެންނަށް ބޭނުން ކުރެވޭ ގޮތަށް ދޫކޮށްލާނެ އިރެއް އަދި ސާފެއް ނުވެ އެވެ.

މިކަމާ ބެހޭ ގޮތުން އިންސްޓަގްރާމްގެ އެއް ބާނީ އަދި ސީއީއޯ ރޮބީ ސްޓީން ބުނީ އެ ޕްލެޓްފޯމްގެ "ރީލްސް" އަކީ ޓިކްޓޮކް ކޮޕީކުރުމެއް ނޫން ކަމަށެވެ.

"މި ދޭއްޗަކީ އެކައްޗެކޭ ނުވަތަ ކޮޕީއެކޭ ނުބުނެވޭނެ. މިއުޒިކާ އެކު ވީޑިއޯ ޝެއާކުރުމަކީ ޔުނިވާސަލް ކަމެއް،" އޭނާ ބުންޏެވެ. "އަދި ފޯމެޓްގެ އަސްލު ކްރެޑިޓް ހައްގުވާ ބަޔަކީ މިއުޒިކަލީ ކަމަށް އަހަރެމެން ގަބޫލުކުރަނީ. އެހެންވީމާ ޓިކްޓިކާ އިންސްޓަގްރާމްގެ ރީލްސްއާ އަޅާކިޔުމުގެ ފުރުސަތެއް އޮވެގެން ނުވާނެ."

ޗައިނާގެ ޓިކްޓޮކަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެޕެކެވެ. މި އެ އެޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ބިލިއަނަކަށް ވުރެ ގިނަ އެވެ. ޓިކްޓޮކަކީ އެމެރިކާގެ މިއުޒިކަލީ ގަނެގެން ޗައިނާ ބައިޓްޑާންސުން ފައްކާކުރި އެޕެކެވެ.

ފޭސްބުކްގެ ދަށުން މިހާރު ހިންގަމުން އަންނަ އިންސްޓަގްރާމަކީ ވެސް ވަރަށް މަގުބޫލު ޕްލެޓްފޯމެކެވެ. އެއިން އަންނަނީ ވަރަށް ގިނަ ގިނަ އެކި ކަހަލަ ބަދަލުތައް މިހާރު ގެންނަމުންނެވެ. އިންސްޓަގްރާމް ވުޖޫދަށް އައީ 2010 ގަ އެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު ވެސް ބިލިއަނަކަށް ވުރެ ގިނަ އެވެ.