Roadha Mihaaru
ތިލަފުށި ހިންގާ ކުންފުނީގައި އެތެރޭގައި ކޯޅުމެއް

ތިލަފުށި ހިންގާ ކުންފުނީގެ އެތެރޭގައި ބޮޑު ކޯޅުމެއް

20 ނޮވެމްބަރ 2019

ސިނާއީ ރަށް ތިލަފުށްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ ބޯޑާ ދެމެދު ބޮޑު ކޯޅުމެއް އުފެދި ކުންފުނި ހިންގުމުގައި މައްސަލަތައް ކުރިމަތިވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިނާއީ ރަށް ތިލަފުށްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ ބޯޑާ ދެމެދު ބޮޑު ކޯޅުމެއް އުފެދި ކުންފުނި ހިންގުމުގައި މައްސަލަތައް ކުރިމަތިވެއްޖެ އެވެ.

ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) އާއި ކުންފުނީގެ ބޯޑާ ދެމެދު އޮތް ކޯޅުންގަނޑު މިއަދު ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) އަށް ބޯޑާއި އެމްޑީ ހާޒިރު ކުރުމުންނެވެ.

އެ ކުންފުނީގެ ހުރިހާ ވެރިން ކޮމިޓީ އަށް ހާޒިރު ކުރީ ދެ މައްސަލައަކާ ގުޅިގެންނެވެ. އެއީ ކެމިކަލް ގުދަންތައްް ތިލަފުށްޓަށް ބަދަލުކުރުމަށް ޓަކައި އެޅި ގުދަންތަކުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އާއި ތިލަފުށި ފަޅުން އެމްޗީ ސީހޯމް ސަފަޔާ ނެގުމުގެ މައްސަލަ އެވެ.

އެސްއޯއީ ކޮމިޓީން ޖީއެމްއައިޒެޑްއެލްގެ އެމްޑީ އަދި ބޯޑާ މިއަދު ބައްދަލުކުރަނީ.--- ފޮޓޯ:ނިޝާން އަލީ/މިހާރު

އެސްއޯއީ ކޮމިޓީން ޖީއެމްއައިޒެޑްއެލްގެ އެމްޑީ އަދި ބޯޑާ މިއަދު ބައްދަލުކުރަނީ.--- ފޮޓޯ:ނިޝާން އަލީ/މިހާރު

ގުދަންތައް އެޅުމުގެ މަސައްކަތް ހަވާލުކުރުމާ ގުޅޭ ގޮތުން އޮތް އެއް އަރައިރުމަކީ މަސަައްކަތް ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ކަމުނުގޮސްގެން މަސައްކަތް ކުރިއަށް ނުގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންގާފައި ވަނިކޮށް ކުރިއަށް ގެންދިޔަ ކަމުގެ ތުހުމަތެވެ.

ޖީއެމްއައިޒެޑްއެލްގެ ޗެއާމަން ސައުދުﷲ އަހުމަދު ވިދާޅުވީ، އޭސީސީގެ އެފަދަ އެންގުމެއް އޮތްކަން ބޯޑަށް ނުވެސް އިނގޭ ކަމަށެވެ. އިބޫ ވިދާޅުވީ އޭސީސީގެ އެންގުމާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދިޔައީ އެއީ ހާއްސަ ހާލަތެއްގައި ކުރަން ޖެހޭ ކަމަކަށް ވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވި އެންގެވުން ތަންފީޒު ކުރަން ކަމަށެވެ.

އިބޫ އެހެން ވިދާޅުވުމުން، ކޮމިޓީގެ ބައެއް މެމްބަރުން ވެސް ނުރުހުން ފާޅުކުރެއްވި އެވެ. އެގޮތަށް ދެކޮޅު ހެއްދެވި މެމްބަރުން ވިދާޅުވީ ކުންފުނީގެ އުސޫލުން ބޭރުން ކަމެއް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާންގަވާނެ ކަަމަށެވެ.

ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބޫ، އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި: އޭނާ އާއި ކުންފުނީގެ ބޯޑާ ދެމެދު ބޮޑު ހިޔާލު ތަފާތުވުމެއް އެބައޮތް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބޫ، އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި: އޭނާ އާއި ކުންފުނީގެ ބޯޑާ ދެމެދު ބޮޑު ހިޔާލު ތަފާތުވުމެއް އެބައޮތް.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެެއްވެސް ހާލެއްގައި ގާނޫނާ ހިލާފަށް ކަމެއް ކުރަން ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އެންގެވި ވާހަކައެއް ނޫން. މި ޕޮލިސީ، ބޯޑުން ފާސްކޮށްފައި އޮތް ޕޮލިސީގެ ތެރެއިން އަޅުގަނޑުމެންނަށް ސެލެކްޓިވް ބިޑިން އަށް ފުރުސަތު އޮންނަ އެއްޗެކޭ،" ތަފްސީލް ދެއްވަމުން އެމްޑީ އިބޫ ވިދާޅުވި އެވެ.

އެމްޑީއާ ދެކޮޅަށް ވާހަކަ ދައްކަވަމުން ޗެއާމަން ސައުދު ވިދާޅުވީ ގުދަންތަކުގެ މަސަައްކަތް ހަވާލުކުރުމަށް އެމްޑީ ނިންމެވި ނިންމުން ބޯޑުން ބަދަލުކުރީ ރަނގަޅު އުސޫލުން ކަންތައްތައް ކުރަން ކަމަށެެވެ.

ކުންފުންޏެއް ހިންގާހެން ހިންގާ: މެމްބަރުން

މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުތަކުން އެނގުނީ ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބޫ ފިޔަވައި، ބޯޑުގެ އެހެން ހުރިހާ ބޭފުޅުން ވެސް ހިޔާލު އެއްގޮތް ކަމެވެ.

ޖީއެމްއައިޒެޑްއެލްގެ ޗެއާމަން ސައުދު، އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖީއެމްއައިޒެޑްއެލްގެ ޗެއާމަން ސައުދު، އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެހެންވެ، މެނޭޖްމަންޓުގެ ފަރާތުން ބޯޑު މެމްބަރުން ހޯދަން އެދިވަޑައިގަންނަވާ މައުލޫމާތު އެމްޑީ އިބޫ ނުދެއްވާ ކަމުގެ ތުހުމަތު ޗެއާމަން ސައުދު ކުރެއްވި އެެވެ. އެމްޑީ އިބޫގެ ތުހުމަތަކީ ކުންފުނީގެ ސިއްރު ލިޔެކިޔުންތައް ބޯޑުން ލީކް ކުރުމެވެ.

ޖީއެމްއައިޒެޑްއެލްގައި ކޯޅުން އޮތްވަރު އެނގިވަޑައިގެންނެވުމުން ކޮމިޓީގެ މެމްބަރުން ލަފާދެއްވީ ގުޅުން ރަނގަޅުކޮށް ކުންފުންޏެއް ގޮތަށް އެ ތަން ހިންގުމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ތަނުން ފެންނަމުން މިދާ ރޫހު މީ އެންމެ ރަނގަޅު ގޮތެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ޗެއާމަންގެ ވެސް ޒިންމާއެއް އެއީ އެމްޑީއާ އަދި އިތުރަށް މެމްބަރުންނާ އެއްކޮށް ރަނގަޅު މާހައުލެއްގައި މަސައްކަތް ކުރުން. ކުރިއަށް ދިއުން ޗެއާމަންގެ ޒިންމާއެއް އެއީ. އަދި އެމްޑީގެ ޒިންމާއެއް އެއީ ކޮރަޕްޝަނާ އިދިކޮޅު ރަނގަޅު އެތިކަލް ޕްރެކްޓިސްގައި ކުންފުނީގެ ކަންތައްތައް ކުރިއަށް ގެންދިއުން،" ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވިދާޅުވީ ޖީއެމްއައިޒެޑްއެލްގައި އޮތީ ކެމިކަލް ގުދަން ނުވަތަ ބޯޓުގެ މައްސަލައެއް ވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޮތީ، ކުންފުނީގެ ވެރިންގެ މެދުގައި އޮތް މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖީއެމްއައިޒެޑްއެލްގެ ކޯޅުމުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ބޯޑުގެ މެމްބަރުން ހާޒިރުކޮށް، އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެހެންވީމާ އިށީންނާނެ ތާކު އިށީނދެ ރީތިކޮށް ހަަމަޖެހިގެން ވާހަކަ ދައްކައިގެން، ކެމްޕޭން ނިންމާ ޕާޓީގެ ފިކުރުގެ ތަފާތު ނިންމައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ސާފުކޮށް ދޭންވީ. ވަރަށް ސާފުކޮށް މި ދަންނަވަނީ ތިޔަ ބޭފުޅުންގެ ތެރޭގައި އުޅޭ ޒާތީ ހަސަދަގަނޑެއް މީގައި މި އުޅެނީ،" އަނދުން ހުސައިން ވިދާޅުވި އެވެ.

ޖީއެމްއައިޒެޑްއެލްގެ ޗެއާމަން ސައުދަކީ ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. މެނޭޖިން ޑިރެކްޓަރު މާމިގިލީ އިބޫ އެ މަގާމަށް ވަޑައިގަތީ އެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ފަރާތުންނެވެ.