06 ޑިސެމްބަރ 2019
ތިލަފުށި ފަޅުތެރެއިން ބޯޓު ނަގައި ނައްތާލަން ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޯޓުތަކުން ނެރުނު އަމުރުތަކާއި ފިނޭންސް މިނިސްޓްރީއާ އެކު ކުރި މުއާމަލާތްތަކާ އެއްގޮތަށް ކަމަށް ވިދާޅުވެ، ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް ދައްކަވާ ވާހަކަތައް ފިނޭންސް މިނިސްޓްރީން އިއްޔެ ދޮގުކޮށްފި އެވެ.
ތިލަފުށި ފަޅުތެރެއިން ބޯޓު ނަގައި ނައްތާލަން ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޯޓުތަކުން ނެރުނު އަމުރުތަކާއި ފިނޭންސް މިނިސްޓްރީއާ އެކު ކުރި މުއާމަލާތްތަކާ އެއްގޮތަށް ކަމަށް ވިދާޅުވެ، ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް ދައްކަވާ ވާހަކަތައް ފިނޭންސް މިނިސްޓްރީން އިއްޔެ ދޮގުކޮށްފި އެވެ.
ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތެއް ނޭނގެ އެވެ. އެހެންވެ ސިވިލް ކޯޓު މެދުވެރިކޮށް އެ ބޯޓު ވަނީ ދައުލަތަށް (ފިނޭންސް މިނިސްޓްރީ އަށް) ނަގައިފަ އެވެ. ފަޅުން މި ބޯޓު ބޭރުކުރުމުގެ މަސައްކަތާ ގުޅިގެން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން ކަމާ ބެހޭ އިދާރާތަކާ އެކު ކުރި މުއާމަލާތަތްކަށް ފަހު، ބޯޓު ނަގަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓާ އެވެ.
އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުންވަމުންދާތީ އެވެ.
ޕާކަވަންއާ އެކު ގްރޭޓާ މާލެ އިން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތެއް ނުނިންމަ އެވެ. އެއީ، ގްރޭޓާ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދަން ޕާކަވަން އިން ވަނީ ދައުވާކޮށްފަ އެވެ.
މި މައްސަލަ، ރައްޔިތުންގެ މަޖިލީޙުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒްް (އެސްއޯއީ) ކޮމިޓީން ބަލަން ފެށީ، ކޯޓުން ނިމޭ ގޮތަކުން ދައުލަތުން އަނެއްކާވެސް ބޮޑު މާލީ ބަދަލެއް ކުންފުންޏަކަށް ދޭން ޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަން ހިނގައިދިޔަ ގޮތް ބެލުމަށެވެ.
ތިލަފުށި ފަޅުގައި އެޅި މައްސަލަ ބޮޑުވި ބޯޓު.
ގްރޭޓާ މާލޭގެ މެނޭޖިން ޑިރެކްޓަރު އިބޫ މިހާތަނަށް ވިދާޅުވަމުން ގެންދެވީ ބޯޓު ފަޅުގައި ބާއްވައިގެން ލިބުނު ގެއްލުންތަކާއި އައިޑީބީގެ 165 މިލިއަން ޑޮލަރުގެ މަޝްރޫއެއް ގެއްލިދާނެ ކަމުގެ ބިރަށް، ބޯޓު ފަޅުން ނެގުމުގެ މައްސައްކަތް ޕާކަވަންއާ ހަވާލުކުރީ ރަނގަޅަށް ކަމަށެވެ. އެ އެއްބަސްވުމުގައި އޮންނަނީ، ބޯޓު ފަޅުން ނެގުމުގެ ހުރިހާ ޚަރަދެއް ޕާކަވަން އިން ކުރުމަށް ފަހު، ބޯޓު ވިއްކާލައިގެން ލިބޭ އެއްޗެއް ވެސް އެ ކުންފުންޏަށް ލިބޭ ގޮތަށެވެ.
ބީލަމަށް ނުލައި އެގޮތަށް އެއްބަސްވީ ބޯޓު ނެގުމާ ގުޅޭ ގޮތުން ތަފާތު ތިން ވިސްނުމެއްގެ ތެރެއިން ދައުލަތާއި ކުންފުންޏަށް އެންމެ ގެއްލުން ކުޑަ ގޮތަކީ އެއީ ކަމަށް ވާތީ ކަމަށް އިބޫ ވިދާޅުވެ އެވެ.
އޭނާ ވިދާޅުވަނީ، ބޯޓު ނަގަން ބަޔަކާ ހަވާލުކުރުމާ ހަމައަށް ކުންފުންޏަށް ލިބުނު ގެއްލުން 20 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. ބޯޓުގެ މައްސަލައިގައި އަމަލުކުރީ އެންމެ ޚަރަދުކުޑަ ގޮތަކަށް ކަމަށާއި އެ ބޯޓު އެތަނުން ނަގަން 2.3 މިލިއަން ރުފިޔާ ހޭދަވާއިރު ބޯޓު ނީލަން ކިއުމުން ވެސް ލިބެން އަންނަނީ 1.4 މިލިއަން ރުފިޔާ ކަމަށް އިބޫ ވިދާޅުވި އެވެ.
އެސްއޯއީ ކޮމިޓީގައި ގްރޭޓާ މާލެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލާ މި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސެއިން އިއްޔެ އެ ކޮމިޓީ ގައި ވިދާޅުވީ ގްރޭޓާ މާލޭ ކުންފުންޏަށް ހުއްދަ ދިނީ ފަޅު ތެރެއިން ބޯޓު ނަގަން ކަމަށެވެ. އޭގެ އިތުރަށް، ބޯޓު ކަފާލައި ނައްތާލަން ނުވަތަ ބާދަގަނޑުގެ ގޮތުގައި ވިއްކުމުގެ އެއްވެސް ހުއްދައެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޓީގެ މެމްބަރުން ތަކުރާރުކޮށް އަމާޒުކުރި ސުވާލުތަކާ ގުޅިގެން ތަކުރާރުކޮށް އޭނާ ވެސް ވިދާޅުވީ ކޮންމެ ގޮތަކަށް މާނަކުރެއްވި ނަމަވެސް ފިނޭންސް މިނިސްޓްރީން ހުއްދަ ދިނީ ބޯޓު ފަޅުން ނެގުމަށް އެކަނި ކަމަށެވެ.
"ގްރޭޓާ މާލެ އިން އެދުނީ ފަޅުތެރެއިން ބޯޓު ނެގުމުގެ ހުއްދަ އަށް. އެ ހުއްދަ ފިނޭންސުން ދިނީ،" އިބޫގެ ވާހަކަތައް ދޮގު ކުރައްވަމުން ފިރުޒުލް ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ އަމުރުގައި، 30 ދުވަހުގެ ތެރޭގައި ބޯޓު ފަޅުން ނެގުން ލާޒިމްކޮށްފައިވާ އިރު އެކަން އެގޮތަށް ނުކުރުމުގައި ފިނޭންސްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރައްވަންތޯ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން ސުވާލު ކުރެއްވުމުން ފިރުޒުލް ވިދާޅުވީ އެ 30 ދުވަސް ހަމަވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އެހެންވެ، އޭރު ފިނޭންސް މިނިސްޓްރީ ހިންގަވަން ތިއްބެވި ބޭފުޅުން އަމަލުކުރެއްވި ގޮތާ މެދު އޭނާ އަށް އެއްޗެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަަމަށެވެ.
ކޮމިޓީ އަށް ވަޑައިގަންނަވާ އިރު، އެއީ ކުރީގެ ސަރުކާރުން ކުރި ކަމެކޭ ވިދާޅުވެ ނިންމާ ނުލެއްވޭނެ ކަމަށާއި ފިނޭންސްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރައްވަންތޯ ތަކުރާރުކޮށް ޝިޔާން އެއްސެވުމުން ފިރުޒުލް ވިދާޅުވީ ކޯޓު އަމުރުގައި އޮތް ތާރީޚުގައި އޭރު އެކަން ނުކުރެވުމަކީ މުއައްސަސާއެއްގެ ހައިސިއްޔަތުން ފިނޭންސްގެ އިހުމާލެއް އޮތް ކަމެއް ކަމަށް ބެލެވިދާނެ ކަމަށެވެ.
"އެކަން ނުކުރެވުނީ ކީއްވެތޯ ބަލާފައި ކޮމިޓީގެ މުގައްރިރު ބޭނުންވާ ނަމަ ސިޓީއަކުން ފޮނުވަދޭނަން. ކޯޓު އަމުރު ތަންފީޒު ނުވެ އެ 30 ދުވަސް ނިމިގެން ދިޔައީ، 2017 ވަނަ އަހަރު،" އޭނާ ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި، ބޯޓު ފަޅުން ނެގުމުގެ ހުއްދަ ދީފައި ވަނިކޮށް ފުލުހުންގެ ސިޓީއެއް ފިނޭންސަށް ލިބުނެވެ. އެއީ، ބޯޓު ކަފާލުމުގެ ހުއްދަ އެއްވެސް ބަޔަކަށް ދިންތޯ ބެލުމަށެވެ. އެ ހުއްދަ ނުދޭ ކަމަށް ލިޔުމުން ފުލުހުންނަށް އެންގުމުން، ފުލުހުން ވަނީ ބޯޓު ކަފާލުމުގެ މަސައްކަތް ހުއްޓުވައިފަ އެވެ.
މި ހިސާބުން ފިނޭންސް މިނިސްޓްރީން ވެސް ވަނީ، ބޯޓު ފަޅުން ނެގުމުގެ މަސައްކަތް ޕާކަވަންއާ ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންކަން ހުރެގެން އެ މިނިސްޓްރީގެ ޓީމެއް ގްރޭޓާ މާލެ އަށް ފޮނުވައި އިންކުއަރީއެއް ހަދައި ރިޕޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓް، ޕްރައިވަޓައިޒޭޝަން ބޯޑަށް ފޮނުވުމުން، އެތަނުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށް ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް ވިދާޅުވި އެވެ.
"ޕީސީބީން އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ސްޕެޝަލް އޮޑިޓަކަށް ވެސް ވަނީ އޮޑިޓަ ޖެނެރަލްގެ އަރިހުގައި ވަނީ އެދިފައި،" އޭނާ ވިދާޅުވި އެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި އިބޫ ވިދާޅުވި ގޮތުގައި ބޯޓާ މެދު އަމަލުކުރާނެ ގޮތަކާ މެދު ގްރޭޓާ މާލެ ކުންފުނިން ދެކޭ ގޮތް ބަލަން ފިނޭންސުން އެއް ފަހަރަކު ފޮނުވި ސިޓީގެ ޖަވާބުގައި ތަސައްރަފްކޮށް ނައްތާލުމުގެ ހުއްދަ ދީފައިވެ އެވެ.
މިހެން ވިދާޅުވުމުން ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަަބީބް އެއްސެވީ "ތަސައްރަފް" ކުރުމަކީ ނައްތައިލުމުގެ ގޮތުގައި މާނަ ކުރައްވަނީ ކީއްވެތޯ އެވެ.
"މިއީ އަރަބި ބަހެއް. އަޅުގަނޑު މީތި [ތަސައްރަފްކުރުން] ދަސްކުރީ މި ކުންފުނިން މައްސަލަ ކޯޓަށް ވެއްދިއިރު ހުންނެވީ އަރަބި ބަހަށް ފަރިތަ ގާނޫނީ ވަކީލެއް. އެ ބޭފުޅާ މީތި މާނަ ކޮށްދެއްވި ގޮތް އަޅުގަނޑަށް އެނގެނީ،" އިބޫ ވިދާޅުވި އެވެ.
މި ހިސާބުން ފިނޭންސް މިނިސްޓްރީން ވެސް ވަނީ، ބޯޓު ފަޅުން ނެގުމުގެ މަސައްކަތް ޕާކަވަންއާ ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންކަން ހުރެގެން އެ މިނިސްޓްރީގެ ޓީމެއް ގްރޭޓާ މާލެ އަށް ފޮނުވައި އިންކުއަރީއެއް ހަދައި ރިޕޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓް، ޕްރައިވަޓައިޒޭޝަން ބޯޑަށް ފޮނުވުމުން، އެތަނުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށް ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް ވިދާޅުވި.
ބޯޓު "ތަސައްރަފް ކުރުމަކީ ނައްތައިލުމުގެ ހުއްދަ ކަމަށް ގްރޭޓާ މާލެ ކުންފުނިން މާނަކުރަނީ ރަނގަޅަށް ކަމަށް އެއްބަސްވެވަޑައިގަތީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން( އެވެ. ފިނޭންސް މިނިސްޓްރީގެ އޮކްޓޯބަރު، 27، 2019 ސިޓީ އަށް ބަލާއިރު ބޯޓުގެ ހުރިހާ ކަމެއް ގްރޭޓާ މާލެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ފިނޭންސް މިނިސްޓްރީން އޭނާ މާނަކުރެއްވި ގޮތާ ވެސް ދެކޮޅު ހެދީ އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ނިހާދުގެ ސުވާލުގެ ކުރިން އޭނާ ވަނީ، މި ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ގެންގުޅޭ އިރު، ގްރޭޓާ މާލެ ކުންފުނިން މީގެ ކުރިން އެ ކޮމިޓީގައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެއީ، ގާނޫނީ ކުށެއް ކަން ގްރޭޓާ މާލެ ކުންފުނީގެ އިސް ބޭފުޅުންނަށް އޭނާ ހަނދާން ކޮށްދެއްވި އެވެ.
ފިނޭންސް މިނިސްޓްރީ އަށް ސުވާލު އަމާޒު ކުރައްވައި ނިހާދު އެއްސެވީ މި ބޯޓު މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ އިރު ކުންފުންޏަށް ގެއްލުމެއް ލިބިދާނެތޯ އެވެ. ފިނޭންސުން ބުނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ ސީދާ ޖަވާބެއް ދޭން ނޭނގޭ ކަމަށެވެ.
ނިހާދުގެ އަނެއް ކަންބޮޑުވުމަކީ، ޕާކަވަން އިން ގްރޭޓާ މާލެއާ ދެކޮޅަށް ދައުވާ އުފުލައި، ޝަރީއަތަށް ހާޒިރުވާން ދެ ފަހަރަށް އެންގުމުން ވެސް ގްރޭޓާ މާލެ ކުންފުނިން ހާޒިރުނުވި މައްސަލަ އެވެ.
އޭގެ ރައްދުގައި އެމްޑީ އިބޫ ވިދާޅުވި ގޮތުގައި، ފުރަތަމަ ދުވަހު ޗިޓު ނުލިބެ އެވެ. ދެ ވަނަ ޗިޓު ލިބުނު އިރު ގާނޫނީ ވަކީލު ޗުއްޓީގައި ހުރި ކަން އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީ އާއި ކޯޓު އަދި އެހެން އިދާރާތަކުގެ ލިއުންތަކަށް ބަލާއިރު ވެސް އެ ބޯޓު "ތަސައްރަފް" ނުވަތަ ކޮށާލައިގެން ވިއްކާލަން ބާރެއް ދީފައި ނެތް އިރު އެކަން ކުރީ ކުންފުނީގެ ބޯޑަށް ހުށަހަޅައިގެންތޯ ފޭދޫ މެމްބަރު ނިހާދު އެއްސެވި އެވެ.
ޖަވާބުގައި ކުންފުނީގެ ޗެއާމަން، އަހްމަދު ސައުދު ވިދާޅުވީ އެކަން ކުރީ ބޯޑަށް ނޭނގި ކަމަށެވެ. އެހެންވެ އެކަން މަޑުޖައްސައިލަން އެންގި ކަމަށާއި އޭގެ ފަހުން އިންޓާނަލް އޮޑިޓެއް ހެދި އިރު ބައެއް ކަންބޮޑުވުންތައް ފާހަގަވެފައިވާ ކަމަށާއި އެކަން ކަމާބެހޭ އިދާރާތަކަށް ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުު ވެސް ވާހަކަ ދެއްކެވީ ޗެއާމަންއާ އެއްކޮޅަށެވެ. ބޯޓާ ގުޅޭ ހުކުމެއް ސިވިލް ކޯޓުން ކޮށްފައިވާ އިރު، ބޯޓު ނައްތާލުމުގެ ބާރު އެ ހުކުމުން އެއްވެސް ބަޔަކަށް ދީފައި ނުވާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ ހުކުމުން، ބޯޓުގެ ބާރުވެރިކަން ފިނޭންސް މިނިސްޓްރީ އަށް ދީފައި އޮތް އިރު، ގްރޭޓާ މާލެ ކުންފުނިން އަމަލުކުރި ގޮތާ މެދު އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދު ވެސް ސުވާލު އުފެއްދެވި އެވެ. ބިޑްނުކޮށް ބޯޓު ހަވާލުކުރުމާ މެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ހުއްދަ ނުދެނީސް ބޯޓު ނައްތާލަން އުޅުމުން އެކަން ހުއްޓުވިންތޯ، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު މުހައްމަދު ދީދީ އެއްސެވުމުން ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ އޭނާ އަށް އެ މައުލޫމާތު ލިބިވަޑައިގެންފައި ނެތް ކަމަށެވެ. ފަހުން އެ މައުލުމާތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގްރޭޓާ މާލެ ކުންފުނީގެ ބޯޑަށް އެންގުމަކާ ނުލައި މެނޭޖިން ޑިރެކްޓަރު އިބޫ، ބޯޓުގެ ހުރިހާ ކަމެއް ނިންމެވީ ކީއްވެތޯ މެމްބަރަކު އެއްސެވުމުން، އިބޫ ވިދާޅުވީ ކުރީގެ ބޯޑުން ގަރާރު ފާސްކޮށްފައި އޮތީ ބޯޓު ނައްތާލުމަށެވެ.
އެ ބޯޓު ނެގުން ވީ އެންމެ އަވަހަށް ބަޔަކާ ހަވާލުކުރަން ޖެހުނީ، އޭނާ ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، އޭޑީބީގެ 165 މިލިއަން ޑޮލަރުގެ މަޝްރޫއެއް ގެއްލިދާނެތީވެ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރަމުން އައި ޕްރެޝަރެއްގެ ސަަބަބުންނެވެ.
"އެ ދުވަސްވަރަކީ ބޯޑު އެއްބައި ދުވަސް ވަރުގައި ހަމަވެ، އަނެއް ބައި ދުވަސްތަކުގައި ހަމަނުވެ، އެ ކަހަލަ ހާލަތެއްގައި ދިޔަ ދުވަސް ވަރެއް،" އިބޫ ވިދާޅުވި އެވެ.
ބޯޓަކީ ކޮން ބައެއްގެ އެއްޗެއްކަން ނޭނގޭ ކަމަށާއި ހޮވި ބޯޓެއް ކަމަށް ގްރޭޓާ މާލެ ކުންފުނިން ބުނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަސް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި އެވެ. ކަސްޓަމްސް އާއި ޑިފެންސް މިނިސްޓްރީގެ ލިއުންތަކުން އެނގޭ ގޮތުގައި، އެ ބޯޓަކީ ވިއެޓްނާމްގެ ބޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއްގެ ބޯޓެއް، "ތަސައްރަފް"ގެ މާނަ ތަފާތު ގޮތްގޮތަށް ނަގައިގެން ގްރޭޓާ މާލެ ކުންފުނީގެ ބޯޑުގެ ވެސް ނިންމުމެއް ނެތި ވަކި މީހަކަށް ދީގެން ކީހާލައި ކުދި ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ބާދަގަނޑުގެ ގޮތުގައި ބޭނުންކުރަން ބޯޓު ކީހާލި ފޮޓޯތައް ވެސް ކޮމިޓީ އަށް ލިބިފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހިނގައިދިޔަ ކަންތައްތަކަކީ، ބޭރުގެ ބޯޓެއް ފޭރުމުގެ ދައުވާ ދިވެހި ދައުލަތުގެ މައްޗަށް ކޮށްފާނެ ކަމުގެ ބިރު ވެސް އޮތް މައްސަލަ އެކެވެ. ބޯޓު ކަފާލީ އެމްޑީ އިބޫ އެކަނި ނިންމައިގެން ކަމަށް ވާ ނަމަ އެ ޒިންމާ އުފުލަން ޖެހިވަޑައިގަންނަވާނީ އޭނާ އެކަނި ކަމަށާއި ދައުލަތުން ޒިންމާވާން ނުޖެހޭނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އެސްއޯއީ ކޮމިޓީގެ މެމްބަރުން، ކަމާބެހޭ އިދާރާތަކާ ސުވާލު ކުރައްވަނީ. --ފޮޓޯ/މަޖިލީސް
އިބޫ ވިދާޅުވި ގޮތުގައި މަސައްކަތް ނުނިންމައި ބޮޑު ބަދަލަކަށް އެދި ޕާކަވަން އިން ދައުވާ ކޮށްފައި ވިޔަސް އެއީ ދޭން ޖެހޭ ބަދަލެއް ކަމަކަށް ގްރޭޓާ މާލެ ކުންފުނިން ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ، އެ ކުންފުންޏާ އެކު އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ބޯޓު އެތަނުން ނަގަން ކަމަށާއި އެ މުއްދަތުގައި ޕާކަވަން އިން މަސައްކަތް ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ގްރޭޓާ މާލެ ކުންފުންޏާ މިލްކުވެރިކަން ހަވާލުނުކުރާ ބޯޓެއް ކަފާލުމުގެ ހުއްދަ ޕާކަވަން އަށް ދީ މި ހިނގި ކަންކަމުގައި، ކޯޓުން ބަދަލެއް ނަގައި ގްރޭޓާ މާލެ އަށް ގެއްލުންވެއްޖެ ނަމަ، މެނޭޖިން ޑިރެކްޓަރު އިބޫ އަމިއްލަ އަށް ޒިންމާ ނަންގަވާނަންތޯ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ނާޝިޒް އެއްސެވުމުން، އިބޫ ވިދާޅުވީ ކުންފުނީގައި އޭނާ ނިންމުންތައް ނިންމަވަނީ އަމިއްލަ ހައިސިއްޔަތަކުން ނޫން ކަމަށެވެ.
"އަޅުގަނޑު އަމިއްލަ އަށް އެއްވެސް ހާލެއްގައި ގޮތެއް ނިންމައިފައެއް ނޯންނާނެ. ތަކުރާރުކޮށް މި ދަންނަވަނީ. ޓެކްނިކަލް ކޮމިޓީގެ އިންޖިނިއަރުންގެ ރިޕޯޓްތަކާއި ގާނޫނީ ޓީމުގެ ލަފަޔާ އެއްކޮށޭ ގެންގޮސްފައި ވާނީ. އެކަން ކޮށްފައި ވާނީ ދައުލަތަށާއި ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އަޅުގަނޑު ދަންނަވަން،" އިބޫ ވިދާޅުވި އެވެ.
ވަކި ގޮތެއް ނުނިމި، މުގައްރިރު އިލްޔާސް ލަބީބް އިއްޔެ ކޮމިޓީ ނިންމާލެއްވީ މާދަމާ ހެނދުނު އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ.
"އެ ބައްދަލުވުމުގައި އަޅުގަނޑުމެން ނިންމުންތަކެއް ނިންމަންޖެހޭނެ،" އިލްޔާސް ލަބީބް ވިދާޅުވި އެވެ.
ބޯޓުގެ މައްސަލާގައި އިހުމާލުވިމީހުންނަށް ފިޔަވަޅު އަޅަނީ
ބޯޓު މައްސަލާގައި ކުންފުނީގެ އިހުމާލެއް ނެތް: އިބޫ
ބީލަމަށް ނުލާތީ ފާޑުކިޔުން! "މިއީ ޒީރޯ ޓޮލަރެންސް؟"
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
ޓީއެމްއޭ އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!
ޓީއެމްއޭއަށް ޓާމިނަލް ދޭން ނިންމި ގޮތާ އޭސީސީ ދެކޮޅު
ބޯޓާ ހެދި ގެއްލުމެއް ވެދާނެ، ފިނޭންސުން މަޝްވަރާކުރަނީ
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު
ޝަޒައިލް ސަސްޕެންޝަންގައި، އިބޫ އަށް ފިޔަވަޅެއް ނާޅާ!
ބޯޓުގެ މައްސަލައިގައި އެމްޑީ އިބޫ "ހޫނުފެނަށް"