Roadha Mihaaru
ބޯޓުގެ މައްސަލައިގައި އެމްޑީ އިބޫ "ހޫނުފެނަށް"

ބޯޓުގެ މައްސަލައިގައި ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބޫ "ހޫނުފެނަށް"

21 ނޮވެމްބަރ 2019

ތިލަފުށި ފަޅުގައި އެޅި ދަގަނޑު ބޯޓު ނަގަން ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ހޫނު ރައްދެއް ދީ، އޭނާ އެ މަގާމުން ވަކިކުރުމަށް އިއްޔެ ގޮވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ތިލަފުށި ފަޅުގައި އެޅި ދަގަނޑު ބޯޓު ނަގަން ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ހޫނު ރައްދެއް ދީ، އޭނާ އެ މަގާމުން ވަކިކުރުމަށް އިއްޔެ ގޮވާލައިފި އެވެ.

މާލެ ސަރަހައްދުގައި ޒަމާނީ ބަނދަރެއް ހަދަން ކަނޑައަޅާފައިވާ ސަރަހައްދަށް އުރުވާލާފައި އޮތް އެމްވީ ސީހޯމް ސަފަޔާ ނެގުމުގެ މަސައްކަތް ޖީއެމްއައިޒެޑްއެލް އިން ހަވާލުކުރީ ޕާކަވަން ނަަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެކަމަކު، ތިލަފުށި ބަލަހައްޓާ ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބޫ އާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރުމުން ކޮމިޓީ އަށް ފާހަގަކުރެވުނު ކަމަކީ ބޯޓު ނެގުން ހަވާލު ކުރުމުގައި ބޮޑެތި ގޯސްތަކެއް ޖީއެމްއައިޒެޑްއެލްގެ މެނޭޖުމަންޓުން ހަދާފައިވާ ކަމަށެވެ.

އެހެންވެ، މެނޭޖިން ޑިރެކްޓަރު އިބޫ މަގާމުން ވަކި ކުރުމަށް، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އެސްއޯއީ ކޮމިޓީގެ ބައެއް މެމްބަރުން ގޮވާލެއްވި އެވެ.

މެނޭޖިން ޑިރެކްޓަރު ކަންތައްތައް ކުރައްވާފައިވާ ގޮތާ މެދު އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، ބޯޓު ނަގަން ހަވާލުކުރުމުގެ ތެރޭގައި ޖީއެމްއައިޒެޑްއެލްގެ ވެރިންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު ވަނީ ކޮރަޕްޝަނުގެ ތެރެއިން ފައިސާތަކެއް ހޯއްދަވައިފަ އެވެ. ކުންފުނި ހިންގާ ގޮތަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ: ޖީއެމްއައިޒެޑްއެލްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ: ޖީއެމްއައިޒެޑްއެލްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މިހާރު އަޅުގަނޑުމެންނަށް މި ޚިޔާލަށް އަންނަނީ ކުރީ ސަރުކާރުގައި އުޅުނު ކަހަލަ ބްރޯއެއް. ބްރޯއަކަށް ވެގެން، އެ ބީދައިންތޯ ތިޔަ ކުންފުނި ތިޔަ ހިންގަވަނީ؟ ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ މިހާރު ކުންފުންޏެއްގެ ފާޑެއް ނުޖަހާ. ގޭންގެއް ފާޑު ޖަހަނީ،" ބޮންޑޭ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑަކަށް ބަލައެއް ނުގަނެވޭނެ. އަޅުގަނޑު އެދެން މި އެމްޑީ ވަރަށް އިހުތިރާމާ އެކު މުގައްރިރު އަރިހުން، ސަރުކާރަށް ދަންނަވައިގެން ވެސް މި އެމްޑީ ބަދަލުކުރަން."

ބޮންޑޭ އެ ވިދާޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުރިހާ ބާރެއް "މުށުތެރެ އަށް" ލައްވައިގެން އުޅުއްވި އަދި ބޮޑެތި ޖަރީމާތަކެއް ހިންގެވި ކަމުގެ ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ.

ބޮންޑޭ ވިދާޅުވީ، ގާނޫނާ އެއްގޮތަށް ޖީއެމްއައިޒެޑްއެލް އިން ކަންތައްތައް ކުރާ ނަމަ ދިވެހި ރައްޔިތުންގެ މަައްޗަށް ބުރައެއް ނާންނާނެ އެވެ. އެ ކުންފުނީގެ ހުރިހާ ކަމެއް މިހާރު ނިންމަވަމުން ގެންދަވަނީ އެމްޑީ އިބޫ އަމިއްލަ އަށް ކަމަށް ވެސް ބޮންޑޭ ތުހުމަތު ކުރެއްވި އެވެ.

ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ، އޭނާގެ ކަންބޮޑުވުމަކީ ބޯޓުގެ މައްސަލައިގައި ތާށިވެ، ޖީއެމްއައިޒެޑްއެލް އިން ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ ކަމަށެވެ.

"އެމްޑީ އަދި ތިމަންނައަށް ފެންނަ ގޮތުގައި ބަދަލުދޭން ނުޖޭހޭނެއޭ އެހެން ބުންޏަކަސް އަދި އެކަމެއް ނުކުރެވޭނެ އިނގޭތޯ. އެއީ އަޅުގަނޑުމެންނަށް އެބަ އިނގެން ޖެހޭ ސަރުކާރުން، އެޓާނީ ޖެނެރަލުން ލަފާ ހޯދައި، އެ ކަންކަން ރަނގަޅަށް ވެރިފައިކޮށްފައި ހުރި ކަން. އަޅުގަނޑު މާދަމާ ތަނެއްގެ އެމްޑީއަކަށް ހުރެފައި އާ މިތަނުން އެއްވެސް ކަމެއް ކޮށްދޭން ނުޖެހޭނެއޭ އަދި ބުނުމަކީ މި ކޮމިޓީގައި ކިތަންމެ ގިނަ ފަހަރު އެމްޑީ ތިހެން ތަކުރާރު ކުރެއްވިޔަސް އެއީ އަޅުގަނޑުމެނަކަށް އެއްވެސް ޔަގީން ކަމެއް ނެތް ތިޔަ ބަދަލުދޭން ނުޖެހޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ހުއްދަ ނުހޯދައި 2012 ގައި ތިލަފުށި ފަޅުގައި އެޅި "އެމްވީ ސީހޯމް ސެފަޔާ" ނަގަން ހަވާލުކުރި ޕާކަވަން އިން ވަނީ މަސައްކަތް ވަކި ހިސާބަކުން ހުއްޓާލައި ޖީއެމްއައިޒެޑްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

އެ ދައުވާގައި އެދިފައި ވަނީ، ބޯޓު ނެގުމުގެ މަސައްކަތް އޮޅުވާލައިގެން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ނަގައި ދިނުމަށެވެ. މައްސަލަ ކޯޓަށް ވެއްދީ، ޖީއެމްއައިޒެޑް އަށް ދިން ފަސް ދުވަހުގެ މުއްދަތުގައި އެ ފައިސާ ނުދެއްކުމުންނެވެ.

ނަމަވެސް، ޕާކަވަން ކުންފުންޏަށް ބަަދަލުގެ ގޮތުގައި ދިވެހި ދައުލަތުން ފައިސާ ދޭންޖެހޭނެ ކަމަށް އެމްޑީ އިބޫ ގަބޫލެއް ނުކުރައްވަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވި ގޮތުގައި، ބޯޓުގެ މައްސަލަ އަށް ހައްލެއް އަންނަ ތަން އަދި ފެނިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު، އެއީ އަވަހަށް ހައްލު ކުރަންޖެހޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ތިލަފުށީގެ ފަޅުގައި އޮތް ދަގަނޑު ބޯޓު ނެގުމުގެ ތެރޭގައި އުފެދިފައިވާ މައްސަލަ އަވަހަށް ހައްލު ކުރަންޖެހޭ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ތިލަފުށީގެ ފަޅުގައި އޮތް ދަގަނޑު ބޯޓު ނެގުމުގެ ތެރޭގައި އުފެދިފައިވާ މައްސަލަ އަވަހަށް ހައްލު ކުރަންޖެހޭ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މި މައްސަލަ ހައްލުކުރަން ޖެހޭ. އެހެން ނޫނީ ދައުލަތުގެ މައްޗަށް ބޮޑު އިލްޒާމެއް އެޅިދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮމިޓީއާ ހަމައަށް ވެސް މި ކަންތައްގަނޑު އައީ މައްސަލަ ހައްލު ނުކުރެވުމުން ކަމަށާއި ކޮމިޓީން ވެސް އެކަމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.

ބޯޓު ނަގަން ހަވާލުވި ކުންފުނި ރަޖިސްޓަރީ ކުރީ މަސައްކަތަށް އިއުލާން ކުރި ދުވަހު

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް މައްސަލަ އަކީ ބޯޓު ނަގަން ހަވާލުކޮށްފައިވާ "ޕާކަވަން" އަކީ އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ޖީއެމްއައިޒެޑްއެލް އިން އިއުލާން ކުރި ދުވަހު ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ވުމެވެ. އެހެންވެ، އެއީ ބޯޓު ނެގުމުގެ ގާބިލްކަން ނެތް ކުންފުންޏެއް ކަމަށް ގިނަ މެމްބަރުންނާއި ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު ވެސް ވިދާޅުވި އެވެ.

"17 ފެބްރުއަރީ 2019 ގައި އެމްވީ ސީހޯމް ސަފަޔާ ސެލްވޭޖް ކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުންފުނީީގެ ފަރާތުން އިއުލާން ކޮށްފައި ވަނީ. އަދި ޕާކަވަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޮޕްމަންޓްގައި ރަޖިސްޓަރީ ކޮށްފައި ވަނީ ވެސް 17 ފެބްރުއަރީ 2019 ވަނަ ދުވަހު. ކުންފުނި ރަޖިސްޓަރީ ކޮށްފައި ވަނީ މި ބޯޓް ސެލްވޭޖް ކުރުމަށް އިއުލާން ކުރެވުނު ދުވަހު،" އިލްޔާސް ވިދާޅުވި އެވެ.

ތިލަފުށީ ފަޅުގައި އޮތް ބޯޓު.

ތިލަފުށީ ފަޅުގައި އޮތް ބޯޓު.

އޭނާ ވިދާޅުވި ގޮތުގައި، ބޯޓު ނަގަން ބިޑް ކުރި އިރު ޕާކަވަން އިން ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ވެސް ފުރިހަަމައަށް ހުށަހަޅައިފައެއް ނެތެވެ. ޚާއްސަކޮށް، އެ ކުންފުނީގެ ފައިނޭންޝަލް އޮޑިޓް ރިޕޯޓު ނެތުމުން ވެސް ސުވާލު އުފެދޭ ކަމަށް އިލްޔާސް ލަބީބް ވިދާޅުވި އެވެ.

އެކަމަކު، ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބޫ ވަނީ ޕާކަވަން ރަޖިސްޓަރީ ކުރި ތާރީޚާއި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޯދަން އިއުލާންކުރި ތާރީޚު އެއް ދުވަހަކަށް ދިމާވުމުން އިލްޔާސް ލަބީބް ކަންބޮޑުވި މައްސަލައާ ދެކޮޅަށް ކޮމިޓީ ގައި ވާހަކަ ދައްކަވައިފަ އެވެ.

އިބޫ ވިދާޅުވީ، ކަމަކަށް އިއުލާން ކުރުމުގެ 10 ދުވަސް ކުރިން ރަޖިސްޓަރީ ކުރާ ކުންފުންޏަކަށް ވެސް އެ ކަމަކަށް ކުރިމަތިލެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. ޕާކަވަން ކުންފުނި ދިފާއު ކުރައްވަމުން އިބޫ އަދި ވިދާޅުވީ، ތިން އަހަރު ނުވާ ކުންފުންޏަކުން ތިން އަހަރުގެ ފައިނޭންޝަލް އޮޑިޓް ހުށަހެޅޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެސްއޯއީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގެ ތެރެއިން: ތިލަފުށީ ފަޅުގައި އޮތް ބޯޓު ނެގުން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި ޖީއެމްއައިޒެޑްއެލްގެ މެނޭޖުމަންޓުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ކޮމިޓީގެ ގިނަ މެމްބަރުން ވިދާޅުވޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެސްއޯއީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގެ ތެރެއިން: ތިލަފުށީ ފަޅުގައި އޮތް ބޯޓު ނެގުން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި ޖީއެމްއައިޒެޑްއެލްގެ މެނޭޖުމަންޓުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ކޮމިޓީގެ ގިނަ މެމްބަރުން ވިދާޅުވޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަމަވެސް އެ ކުންފުނިން ހުށަހެޅީ ރާއްޖޭގައި އެންމެ ގިނައިން އެފަދަ މަސައްކަތް ކޮށްފައިވާ އެކަކު އިސްވެ ހުރެގެން މަސައްކަތް ކުރާ ގޮތަށް އަދި ގެރެންޓީއެއްގެ ގޮތުގައި ފައިސާ ވެސް ބަހައްޓާ ގޮތަށް ކަމަށް ވާތީ މަސަައްކަތް ޕާކަވަންއާ ހަވާލުކުރީ ކަމަށް އެމްޑީ އިބޫ ވިދާޅުވި އެވެ.

ތިލަފުށީ ފަޅުގައި އޮތް ދަގަނޑު ބޯޓު ނަގައިގެން ގެންގޮސް ވައްދާފައި އޮތީ ބީއެމްސީ ނަމަކަށް ކިޔާ ކުންފުންޏަކުން ތިލަފުށީގައި ހިންގާ ސްލިޕްވޭއެއްގެ ސަރަހައްދަށެވެ.

އެނގިފައިވާ ގޮތުގައި އެތަނުގައި ބާއްވައިގެން، ބޯޓު ބާދަނގަނޑަށް ކީހާލަން ޕާކަވަން އިން ފުރަތަމަ އުޅުނެވެ. އެކަމަކު، އެބޯޓްގެ މިލްކުވެރިކަމަށް ދައުވާކުރާ ބަޔަކު ކ. ގުރައިދޫ ކޯޓަށް ދިއުމުން އެ ކޯޓުން ނެރުނު ވަގުތީ އަމުރަކުން އެ މަަސައްކަތް ހުއްޓުވީ ފުލުހުންނެވެ. ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ.

ޕާކަވަން އިން ބަދަލު ހޯދަން ކޯޓަށް

ބޯޓް ކީހާލުމުގެ މަސައްކަތް ފުލުހުން ހުއްޓުވުމުން ޕާކަވަން އިން ދެކެނީ ޖީއެމްއައިޒެޑްއެލް އިން އެ ކުންފުންޏާ ހަވާލުކޮށްގެން އުޅެނީ ކުންފުނީގެ ބާރު ނުހިނގާ ބޯޓެއް ކަމަށެވެ.

ތިލަފުށީގައި ބޯޓު ފުރަތަމަ އޮތް ސައިޓުން އެ ނެގީ އެ މަސަައްކަތުގެ އަގަކީ ބޯޓު ކަމަށް ހަދައި އެކުލަވައިލި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމާ އެއްގޮތަށް ބޯޓު ކީހާލެވޭ ގޮތް ނުވުމުން ޕާކަވަން އިން ވަނީ ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ނަގައިދޭން އެދި ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ ބޯޓު ނަގަން ހަރަދުވި ފައިސާ އާއި ބީއެމްސީގެ ސައިޓުގައި ބޯޓް އޮތުމުގެ ސަބަބުން ބީއެމްސީ އަށް ދައްކަން ޖެހޭ ކުއްޔާ އެކު ހަރަދުވި ކަމަށް ބަލާ އަދަދެކެވެ.

ހަމަ އެއާ އެކު ޕާކަވަން އިން ވަނީ އެއީ އެ ކުންފުންޏާ ގުޅުމެއް ނެތް އުޅަނދެއް ކަމަށް ބަލައި ބޯޓު ދޫކޮށްލައިފަ އެވެ. އެ ހިސާބުން ބީއެމްސީން ގަބޫލުކުރީ އެއީ އަދިވެސް ޖީއެމްއައިޒެޑްއެލްގެ އުޅަނދެއް ކަމަށެވެ. އެހެންވެ، ބޯޓް އެތަނުގައި އޮންނަ ކޮންމެ ދުވަހަކަށް 3،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ބުނެ ބީއެމްސީން އަންނަނީ ޖީއެމްއައިޒެޑްއެލް އަށް ބިލް ފޮނުވަމުންނެވެ.

ނަމަވެސް، އިބޫ ކޮމިޓީގައި ތަކުރާރުކޮށް ވިދާޅުވީ ބީއެމްސީއާ ޖީއެމްއައިޒެޑްއެލްއާ ދެމެދު ބޯޓުގެ ކަންތަކުގައި އެއްވެސް މުއާމަލާތެއް ނެތް ކަަމަށެވެ.

"އަޅުގަނޑުމެންނަކާ ބީއެމްސީއަކާ އެއްވެސް ގުޅުމެެއް އެއްވެސް އިރަކު ނެތް. އަޅުގަނޑުމެންނަށް މުއާމަލާތް ކުރެވުނީ ޕާކަވަންއާ،" އޭނާ ވިދާޅުވި އެވެ.

ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބޫ އާއި އެ ކުންފުނީގެ ބޯޑާ ދެމެދު ގުޅުމެއް ނެތްކަން ވެސް އެސްއޯއީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ފާހަގަވި އެވެ.