Roadha Mihaaru
ބަޖެޓް ރަނގަޅުކަމަށް ވިދާޅުވެ ގާސިމް ރައްދު ދެއްވައިފި

ބަޖެޓް ވަރަށް ރަނގަޅު ކަމަށް ވިދާޅުވެ ގާސިމް ރައްދު ދެއްވައިފި

17 ނޮވެމްބަރ 2019

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓު ވަރަށް ރަނގަޅު ކަމަށާއި ބަޖެޓުގައި ތަސައްވުރެއް އެބައޮތް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، އިދިކޮޅު ފަރާތްތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓު ވަރަށް ރަނގަޅު ކަމަށާއި ބަޖެޓުގައި ތަސައްވުރެއް އެބައޮތް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، އިދިކޮޅު ފަރާތްތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.

ބަޖެޓު ބަހުސްގައި އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުގެ ބަޖެޓަކީ ރާއްޖެ ކަފުންކުރަން ތައްޔާރުކޮށްފައި އޮތް ބަޖެޓެކެވެ. އަދި އެހެން ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ބަޖެޓުގައި އެއްވެސް އަމާޒެއް އަދި އާމްދަނީ އިތުރުކުރާނެ އެއްވެސް ގޮތެއް ނެތެވެ. އޭގެ ބަދަލުގައި ބަޖެޓުގައި އޮތީ ރާއްޖެ އިތުރަށް ދަރަނިވެރިވާނެ މަގު ކޮށައިދޭ ބަޖެޓެއް ކަމަށް އެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ.

އިދިކޮޅު ފަރާތްތަކުގެ އެ ވާހަކަ އަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ ބަޖެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ވައުދުތައް ފުއްދުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވާ ކަމަށެވެ. އަދި އިގްތިސާދު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތައް ކުރަން ބަޖެޓުގައި ހިމަނާފައި އެބަހުރި ކަމަށް، ކުރިން ފިނޭންސް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރާއްޖެ ކަފުން ކުރާނެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދެއްކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގަ އެވެ. އެއީ ވަރަށް ދެރަވަރު ވާހަކައެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

މީގެ ކުރިން ފާސް ކުރި ބަޖެޓުތަކަށް އިޝާރާތް ކުރައްވައި ގާސިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅި ބަޖެޓުގައި އެއްވެސް ދަރަންޏެއް ނެތްތޯ ސުވާލު ކުރައްވައިފަ އެވެ. އަދި "143 މިލިއަން ޑޮލަރަށް އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތެއް އެޅީމަ" އެކަން ބަލަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ތަނަކީ ސާފު "ހުދު ކަރުދާސް ފޮތިގަނޑެއް" ތޯ ވެސް ގާސިމް ސުވާލު ކުރެއްވި އެވެ.

"ބްރިޖު ކަމަށް ވިޔަސް، އެއާޕޯޓު ކަމަށް ވިޔަސް ދެ ގުނަ ހަރަދުގައި ކަމެއް ކުރީމަ ކަމެއް ކުރެވުނީތޯ؟ ކަމެއް ކުރެވުނީއެއް ނޫން،" މަޖިލިހުގެ ރައީސް ކަން ކުރިން ކުރެއްވި ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް

އިންކަމް ޓެކްސް ނެގުމަށް ބަޖެޓުގައި ހިމަނާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އިންކަމް ޓެކްސް ނަގަންޖެހޭނެ ކަމަށާއި އެކަމަކު، އެ ނަގަން ޖެހޭނީ އުސޫލުތަކަކާއި ހަމަތަކަކާ އެކީގައި ވަރަށް ވިސްނުންތެރިކަމާ އެކީގައި ކަމަށެވެ. އަދި ވިސްނުންތެރިކަމާ އެކީގައި އެކަން ނުކޮށްފި ނަމަ، އިންކަމް ޓެކްސް ނަގައިގެން ލަނޑެއް ލިބިދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ބަޖެޓު ވަރަށް ރަނގަޅޭ. ތަސައްވުރެއް ހުރެގެން މެނުވީ އެއްވެސް ކަމެއް ހާސިލް ނުވާނެއޭ،" މީގެކުރިން ހަތަރު ބަޖެޓެއް ތައްޔާރު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ 2008 އިން ފެށިގެން ރާއްޖެ އަށް އައިސްފައި ވަނީ ރައްޔިތުން ޝުކުރުވެރިވާ އަދި ހައްގުވާ މިންވަރުގެ ތަރައްގީތަކެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖެ ތަރައްގީ ކުރައްވާ އިރު، މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ފަދަ ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ހިޔަންޏަށް މުޑި ނަގާ ހެން ފާޑު ފާޑުގެ ކަންކަން ސިޔާސީ ޕޯޑިއަމެއްގައި ހުރެ ދައްކާ ގޮތަށް މަޖިލިހުގެ ޖަލްސާގައި ރައްޔިތުންގެ ހައްގުގައިއޭ ކިއާފައި ވާހަކަ ދެއްކުމަކީ އަޅުގަނޑަށް ހީވަނީ މާ ރީތި ކަމެއް ނޫނޭ،" އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ވިޔަސް، ދައްކަން ޖެހޭނީ ބިނާ ކުރުވަނިވި އުފެއްދުންތެރި އަދި ދެކޮޅުޖެހޭ ވާހަކަ އެވެ.

ނަމަވެސް ގާސިމްގެ ވާހަކައިގައި މާމިގިލީ ދާއިރާ އަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައި ވާތީ އެއީ ހިތާމަކުރައްވާ އަދަދެއް ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި މާމިގިލީގައި ދައުލަތުން ކޮނެދީފައިވާ ބަނދަރެއް އަދި ކަރަންޓުގެ ހިދުމަތެއް ދީފައެއް ނެތެވެ. އަދި 2006 އިން ގެ ފަހުން އިމާރާތެއްގެ "ކައިވަތެއް" ވެސް އަޅާފައި ނެތް ކަމަށް ވިދާޅުވި އެވެ.

މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަކާއި ޕޯޓެއް އޮތް ނަމަވެސް، މަގު ހަދާފައި ނެތުމާއި ތައުލީމީ ރަނގަޅު މަރުކަޒެއް އަދިވެސް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ފުލުހުންގެ އިމާރާތެއް އެޅުމާއި ފުޓްބޯޅަ ދަނޑެއް އެޅުމަކީ މާމިގިލި ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާ ކުރާ އިރު، މާމިގިލި ރައްޔިތުން ބޭނުންވާ ކަންކަން ބަޖެޓުގައި ހިމަނައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.