Roadha Mihaaru
ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅަނީ

ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅަނީ

13 ސެޕްޓެމްބަރ 2020

ކޮވިޑް-19ގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ބަޖެޓަށް ބަދަލު ގެންނާނެ ކަމަށް ފިނޭންސުން ބުނި ނަމަވެސް ގެންނަ ބަދަލުތަކެއް ނުބުނެ އެވެ. ނަމަވެސް އާމްދަނީ ދަށްވުމުގެ ސަބަބުން މިހާރު ބަޖެޓުގައި ހިމަނާފައިވާ ބައެއް ޕްރޮޖެކްޓުތައް ނުފެށުމާއި ހަރަދުތައް ކުޑަ ކުރުމަށް އެކި ބަދަލުތައް ގެންނާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ފިނޭންސުން ބުނީ މަޖިލިސް ހުޅުވުމާ އެކު، ބަޖެޓު ރިވިއު ކުރުމަށް ފަހު އަލުން ހުށަހަޅާނެ ކަމަށެވެ. ޗުއްޓީއަށް ފަހު މަޖިލިސް އަލުން ހުޅުވާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގަ އެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް މިދިޔަ އޮގްސްޓު މަސް ނިމުނު އިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 46 ޕަސެންޓު ދަށްވެފަ އެވެ. މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓު ރިވައިޒް ކުރުމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ގައުމީ ޓާސްކް ފޯހުގެ "ވޯކިން ގްރޫޕް އޮފް ފައިނޭންސް"އާ ރައީސް ވަނީ ދިރާސާތައް ކުރުމަށް ފަހު ބަޖެޓު އަލުން ރިވައިޒް ކުރުމަށް ހަވާލު ކުރައްވައިފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އާމްދަނީ އެންމެ ބޮޑަށް ދަށްވެފައި ވަނީ ޓޫރިޒަމް ދާއިރަ އެއްކޮށް ހުއްޓުމަކަށް އައުމުންނެވެ. ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ވަންދެން ޓޫރިޒަމުން ލިބޭ އާމްދަނީ އެއްކޮށްހެން ހުއްޓިފައި އޮތުމަށްފަހު އަލުން ޓޫރިސްޓުންނަށް ބޯޑަރު ހުޅުވާލީ ޖުލައި 15 ގަ އެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ހާލަތު އަދިވެސް ރަނގަޅު ނުވާތީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.