މަގާމުން ވަކިކުރަން މިއަދު މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ކުރާ ތުހުމަތުތައް މަޖިލީހުން ހާމަކޮށްފި އެވެ.
18 ނޮވެމްބަރ 2019
މަގާމުން ވަކިކުރަން މިއަދު މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ކުރާ ތުހުމަތުތައް މަޖިލީހުން ހާމަކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ދިރާސާ ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ވޯޓު މިއަދު އަހަން ވަނީ ނިންމާފަ އެވެ.
އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ނިންމި ސަބަބުތަކުގެ ތަފްސީލް މަޖިލީހުގައި ވަނީ ހާމަކޮށްފަ އެވެ.
އޭގެ ތެރެއިން އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން ޖޭއެސްސީން ހުށަހެޅި ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމި ރިޕޯޓް ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ. އެ ރިޕޯޓާ ގުޅޭގޮތުން ބަހުސް ކުރެއްވުމަށް ދެ ގަޑިއިރު ކަނޑައެޅި އެވެ.
ޖުޑީޝަރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ބަހުސްގައި ވިދާޅުވީ އެ މައްސަލަތައް ބެއްލެވުމުގައި ޖޭއެސްސީން ގާނޫނީ އިޖުރާތްތައް ފުރިހަމަކޮށްފައިވޭތޯ ކޮމެޓީން ބެލި އިރު ޖޭއެސްސީން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. އެހެންވެ ޖޭއެސްސީގެ ނިންމުންތައް ނިންމާފައިވަނީ އިޖުރާތްތައް ފުރިހަމަކޮށްގެން ކަމަށް ވިދާޅުވި އެވެ.
"މިކަންކަމަށް ބަލާއިރު އުއްތަމަ ފަނޑިޔާރެއްގެ ހުންނަން ޖެހޭ ސުލޫކީ ކަންކަން ހުރި ކަމަށް ނުފެންނާތީ ކޮމެޓީން އެގޮތަށް ނިންމީ" އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވި އެވެ.
ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ވަކިކުރަން ނިންމި ސަބަބުގެ ތަފްސީލު ހަސަން ލަތީފް ވަނީ ދެއްވާފަ އެވެ.
• ރައްޔިތުންގެ މަޖިލީހާއި ޖެއެސްސީ އަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް އެ މުއައްސަސާތަކަށް ހުރަސްއެޅުން
• އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީ ކަންކަން ހިންގާ ބެލެހެއްޓުމުގެ ގޮތުން ގާނޫނީތަކުގައި ކަނޑައަޅާފައިވާ ނިޒާމު ސުޕްރީމް ކޯޓުން ބަދަލުކޮށް އަދުލު އިންސާފު ގާއިމުކުރުމުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
• ގާނޫނުން ޖުޑީޝަލް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަވާފައިވަނިކޮށް އެ ކައުންސިލް އުވާލައި އެ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ހަވާލުވެ، ފަހުން އެ ކައުންސިލްގެ ނަމުގައި އެހެން ކައުންސިލެއް އުފެއްދުން
• ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
• އިސްތިއުނާފް ކުރުމުގެ މުއްދަތުގެ ގޮތުގައި ގާނޫނުތަކުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ސުޕްރީމް ކޯޓުން ބަދަލު ގެނައުން
• ދަށު ކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވައިދެއް ހަދައި ގާނޫނުގެ ދަށުން ޖޭއެސްސީއަށް ލިބިފައިވާ ބާރު ނެގުން
• މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތު ނުވާކަމަށް ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެލޭނެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި މައްސަލަ
• ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ލިބިގެން ނުވާ ކަމަށް ނިންމި މައްސަލަ
• އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ނިންމައި މަގާމުން ވަކިކުރި މައްސަލަ
• ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން އެޗްއާރުސީއެމްގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ގެއްލޭ ގޮތަށް އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް ކަނޑައެޅި މައްސަލަ
• ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މައްސަލަ
• ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅުން
• ނިމިދިޔަ މަޖިލީހުގެ 12 މެމްބަރެއްގެ ގާނޫނީ ވާޖިބު އަދާނުކުރެވޭ ގޮތަށް އަމަލު ކުރި މައްސަލަ
• މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބައިތައް ފަހުން ބަދަލުކުރި މައްސަލަ
• ސުޕްރީމް ކޯޓުގެ ސާކިއުލާތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމަށް ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމް ގާނޫނު ހަދާ މައްސަލަ
އުއްތަމަ ފަނޑިޔާރު ވަކި ކުރުމާ ގުޅޭ ބަހުސަށް ފަހު ދެން ކުރިއަށް އޮތީ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމާ ގުޅޭގޮތުން ޖޭއެސްސީން ހުށަހެޅި މައްސަލަ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމާއި ބަހުސް ކުރުމެވެ.
ޖޭއެސްސީ ބަދަލުކުރުން: ރަނގަޅު ފޯމިއުލާއެއް ނެތް!
ތިން ވަނަ ބާރު: އަޅާލުމެއް، ހިޔާވައްސެއް ނެތް!
ދެ މެޖިސްޓްރޭޓަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
ފަނޑިޔާރުންނަށް ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!
އިންސާފުގެ އެންމެ މުހިންމު ވައުދަށް ސުމެއް!
ގާޒީ ބާރީ އާއި މެޖިސްޓްރޭޓަކު މަގާމުން ވަކިކޮށްފި
ގާޒީ ބާރީ އާއި މެޖިސްޓްރޭޓަކު މިއަދު ވަކިކުރަނީ
ހައި ކޯޓަށް ފަރުހީޒާ އާއި ޝަފީއު
އަލީ ރަޝީދާއި މުހައްމަދު އިބްރާހީމަށް ރުހުން ދީފި
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް