Roadha Mihaaru
ގާޒީ ބާރީ އާއި މެޖިސްޓްރޭޓަކު މަގާމުން ވަކިކޮށްފި

ގާޒީ ބާރީ އާއި މެޖިސްޓްރޭޓަކު މަގާމުން ވަކިކޮށްފި

30 ނޮވެމްބަރ 2020

ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލްބާރީ ޔޫސުފާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލްބާރީ ޔޫސުފާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގާޒީ ބާރީ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅީ އޭނާ ސަސްޕެންޑްކޮށްފައި ހުންނަތާ އަހެރެއްހާ ދުވަސް ވީ ފަހުން މިމަހު 17 ގައެވެ. އޭނާ ސަސްޕެންޑްކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އެންގުމުންނެވެ. އޭނާ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގަ އެވެ.

ބާރީ ފަނޑިޔާރުކަމުން ވަކިކުރަން މިއަދު ފާސްކުރީ މަޖިލީހުގެ މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެތެރެއިން 62 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ބާރީ ވަކިކުރަން މަޖިލީހަށް ހުށަޙެޅުމަށް ފަހު، ޖޭއެސްސީން އޭރު ނެރުނު ބަޔާނުގައި ބުނީ ބާރީއާ ގުޅޭގޮތުން ބަލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އާއި މެއި، 2014 އިން ފެބްރުއަރީ، 2018 އާ ހަމައަށް އަމަލީ ގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވުމާއި އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާނުގައި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކުރައްވާފައިވާ ނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ކަމަށެވެ. ގާޒީކަމުން ބާރީ ވަކިކުރަން ހުށަހެޅީ މި މަހު އެވެ.

އެ މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބާރީއާ ދެމެދު ގާތް ގުޅުން އޮތް ކަމާއި ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ބުންޏެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި މާޗު 13، 2015ގައި 13 އަހަރުގެ ޖަލު ހުކުމް އިއްވުމުގެ ކުރިން، އެ ހުކުމުގެ ކޮޕީއެއް އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބަށް ޚާއްސަކޮށް ބާރީ ހުކުމުގެ ކޮޕީއެއް ދެއްވާފައިވާ ކަމަށް ވެސް ބުންޏެވެ.

ބާރީ ވަކިކުރަން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައި އޮތީ އޭނާ ވަކިކުރަން ޖޭއެސްސީން ނިންމީ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ރަނގަށް ކަމަށެވެ.

ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ވަކިކުރަން ޖޭއެސްސީން ނިންމީ ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ދެ މައްސަލައެއްގައި ދައުވާ ލިބުނު މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް މައްސަލަ ހިންގާފައި ވާތީ އެވެ. މި ދެ މައްސަލަ ހިންގާފައި ވަނީ ކުރިން މި މައްސަލައިގައި ހުކުމް ކޮށްފައިވާކަން އަބްދުލްރައްޒާގަށް އެނގިވަޑައިގެން ހުންނަވައިގެން ކަމަށް ޖޭއެސްސީން ބުނެ އެވެ. އަދި މި މައްސަލަ ޖޭއެސްސީން ތަހުގީގުކުރި އިރު އަބްދުލްރައްޒާގު އޮޅުވާލައިގެން މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އޭނާ ވަކިކުރަން މަޖިލީހުގެ މިއަދު ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ވޯޓުންނެވެ.