Roadha Mihaaru
އެއާ އެމްބިއުލެންސެއްގައި ނަވާޒް ޝަރީފް ލަންޑަނަށް

އިތުރު ފަރުވާ އަށް އެއާ އެމްބިއުލެންސެއްގައި ނަވާޒް ޝަރީފް ލަންޑަނަށް

19 ނޮވެމްބަރ 2019

ލާހޯރު (ނޮވެމްބަރު 19) - ހަތް އަހަރުގެ ހުކުމެއް ތަންފީޒް ކުރަން ޖަލުުގައި ހުންނަވަނިކޮށް ވަރަށް ބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް އިތުރު ފަރުވާ ދިނުމަށް، އެއާ އެމްބިއުލެންސެއްގައި ލަންޑަށް މިއަދު ފޮނުވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލާހޯރު (ނޮވެމްބަރު 19) - ހަތް އަހަރުގެ ހުކުމެއް ތަންފީޒް ކުރަން ޖަލުުގައި ހުންނަވަނިކޮށް ވަރަށް ބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް އިތުރު ފަރުވާ ދިނުމަށް، އެއާ އެމްބިއުލެންސެއްގައި ލަންޑަށް މިއަދު ފޮނުވައިފި އެވެ.

ނަވާޒް ޝަރީފް، 69، ލާހޯރުގެ ސާވިސަސް ހޮސްޕިޓަލްގައި އޮކްޓޯބަރު 22 ވަނަ ދުވަހު އެޑްމިޓްކުރީ ޕްލޭޓްލެޓް ލެވެލް 2،000 އަށް ދަށްވުމުންނެވެ. ހޮސްޕިޓަލުގައި އޮންނަވަނިކޮށް ނަވާޒް ޝަރީފަށް ވަނީ ހާޓްއެޓޭކެއް ވެސް ޖެހިފަ އެވެ. ހޮސްޕިޓަލުން ނަވާޒް ޝަރީފް ގެއަށް ބަދަލުކުރި ނަމަވެސް ގޭގައި ވެސް އަައިސީޔޫއެއް ގާއިމްކޮށް ވަނީ ފަރުވާ ދީފަ އެވެ.

ބަލި ހާލަތު ހުރި ގޮތުން ގައުމުން ބޭރުން އިތުރު ފަރުވާ ހޯދުމަށް ނަވާޒް ޝަރީފް ގެންދިއުން ލަސްވީ އެގްޒިޓް ކޮންޓްރޯލް ލިސްޓުގައި ނަން އޮތުމުންނެވެ. ނަވާޒް ޝަރީފް ދަތުރު ކުރުމުގެ ހުއްދަ ލާހޯރުގެ ހައި ކޯޓު ދީފައި ވަނީ ހޮނިހިރު ދުވަހު އެވެ. އަދި ސަރުކާރުން އެ ހުއްދަ ދިނީ އިއްޔެ އެވެ. ސަރުކާރުން ފުރަތަމަ ބޭނުންވީ ހަތް ބިލިއަން ޕާކިސްތާން ރުޕީސް (45 މިލިއަން ޑޮލަރު) ގެ ބޮންޑެއްގައި ސޮއިކުރުމަށް ފަހު ނަވާޒް ޝަރީފް ބޭރަށް ފޮނުވުމަށެވެ. ނަމަވެސް ކޯޓުން ފަހުން ވަނީ ބޮންޑެއް ނެތި ފުރަން ހުއްދަ ދީފަ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް. --ފޮޓޯ:ރޮއިޓާސް

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް. --ފޮޓޯ:ރޮއިޓާސް

ނަވާޒް ޝަރީފުގެ ޑޮކްޓަރު ވިދާޅުވީ ދޯހާ މަގުން ލަންޑަނަށް ވަޑައިގަންނަވާނީ ސްޓާފުންނާ އެކު އިންޓެންސިވް ކެއާ ޔުނިޓަކާއި އޮޕަރޭޝަން ތިއޭޓަރެއް ވެސް ހުރި "ހައި-އެންޑް އެއާ އެމްބިއުލެންސެއް" ގައި ކަމަށެވެ.

ނަވާޒް ޝަރީފް ފޮނުވީ ހަތަރު ހަފުތާއަށެވެ. ނުވަތަ ދަތުރު ކުރަން ފިޓް ކަމަށް ޑޮކްޓަރުން ޔަގީންކަން ދެންދެނެވެ.

ލިޔުންތަކުގައި ނަވާޒް ޝަރީފުގެ ފަރާތުން ސޮއިކުރެއްވީ އެކުގައި ވަޑައިގަންނަވާ ކޮއްކޯފުޅު ޝަހުބާޒް ޝަރީފެވެ. އެ ލިޔުމުގައި ވަނީ ދަތުރު ކުރަން ފިޓްވުމަށް ފަހު ނަވާޒް ޝަރީފް ލަންޑަނުގައި ދިރިއުޅުއްވާ ނަމަ ޕާކިސްތާން ހައި ކޮމިޝަންގެ އޮފިޝަލުން ނަވާޒް ޝަރީފުގެ ޑޮކްޓަރުންނާ ބައްދަލުކޮށް ސިއްހީ މައުލޫމާތު އޮޅުންފިލުވުމުގައި މައްސަލައެއް ނެތް ކަމަށް ޝަރުތުކޮށްފަ އެވެ.

ޕާކިސްތާނުގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ ނަވާޒް ޝަރީފް ވަނީ 1990-1993 އަށް، 1997-1999 އަށް އަދި 2013 އިން 2017 އަށް ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ.

ޕެނަމާ ޕޭޕާސްގެ ލީކާ ގުޅިގެން ނަވާޒް ޝަރީފުގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތު ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް 2018 ގައި އިއްވި އެވެ. ނަމަވެސް އެ ހުކުމް ކޯޓުން ސަސްޕެންޑް ކުރުމާ ގުޅިގެން، ދެ މަހަށް ފަހު ޖަލުން މިނިވަންވި އެވެ.

ސައުދީ އަރަބިއާގައި ހުރި ނަވާޒް ޝަރީފުގެ އާއިލީ ސްޓީލް މިލްއަކާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ޑިސެމްބަރު 2018 ގައި ނަވާޒް ޝަރީފް ހަތް އަހަރަށް ޖަލަށްލި އެވެ. ނަވާޒް ޝަރީފް ވިދާޅުވަނީ ކޮރަޕްޝަނުގެ އަމަލެއް ނުހިންގާ ކަމަށާއި އެއީ ސިޔާސީ ކެރިއަރު ދުއްވާލަން ގަސްދުގައި ބަޔަކުު ރާވައިގެން ކުރި ކަމެއް ކަމަށެވެ.