Roadha Mihaaru
"އެމް.އެސް ދޯނީ" ފިލްމު ޕާކިސްތާނުން ބޮއިކޮޓްކޮށްފި

"އެމް.އެސް ދޯނީ" ފިލްމު ޕާކިސްތާނުން ބޮއިކޮޓްކޮށްފި

29 ސެޕްޓެމްބަރ 2016

ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ، އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މެހެންދުރަ ސިންގް ދޯނީގެ ބައޮޕިކް "އެމްއެސް ދޯނީ – ދި އަންޓޯލްޑް ސްޓޯރީ" ޕާކިސްތާނުން ބޮއިކޮޓް ކޮށްފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ، އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މެހެންދުރަ ސިންގް ދޯނީގެ ބައޮޕިކް "އެމްއެސް ދޯނީ – ދި އަންޓޯލްޑް ސްޓޯރީ" ޕާކިސްތާނުން ބޮއިކޮޓް ކޮށްފި އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، މި ދުވަސްވަރު ދެ ގައުމުން ވެސް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.

ސުޝާންތު ސިންގް ރާޖްޕޫތު ދޯނީގެ ރޯލު އަދާކޮށްފައިވާ މި ފިލްމު ޕާކިސްތާނުން ބޮއިކޮޓްކޮށްފައި މި ވަނީ އިންޑިއާގެ ނުފޫޒުގަދަ ސިޔާސީ ޕާޓީއެއް ކަމަށްވާ މަހަރަޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން، ބޮލީވުޑްގައި މަސައްކަތްކުރާ ޕާކިސްތާނު އާޓިސްޓުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އެ ޕާޓީން ވަނީ އިންޑިއާގައި މަސައްކަތްކުރާ ޕާކިސްތާނު އެކްޓަރުން އިންޑިއާ އިން ފޭބުމަށް ވެސް އަންގައިފަ އެވެ.

ޕާކިސްތާނު ފަންނާނުން ލައްވާ މަސައްކަތް ނުކުރުވުމަށް ވެސް ފިލްމު އިންޑަސްޓްރީއަށް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ. އަދި މިހާތަނަށް ޕާކިސްތާނު އެކްޓަރުން ބައިވެރިކޮށްގެން އުފައްދާފައިވާ ބައެއް ފިލްމުތައް ރިލީޒްކުރިޔަ ނުދޭން ވެސް ދަނީ މަސައްކަތްކުރަމުންނެވެ.

"އެމް.އެސް ދޯނީ – ދި އަންޓޯލްޑް ސްޓޯރީ" ޕާކިސްތާނުގައި ޑިސްޓްރިބިއުޓްކޮށްދޭން ހަމަޖެހިފައިވާ ފަރާތުން މިހާރު ވަނީ އެކަން ނުކުރަން ނިންމައި ފިލްމުގެ ޕްރޮޑިއުސަރުންނަށް އަންގައިފަ އެވެ. އެ ފަރާތުން ފިލްމު ޑިސްޓްރިބިއުޓް ނުކުރަން ނިންމީ ފިލްމު އަޅުވައިގެން އެ ގައުމުގައި އިތުރު މައްސަލަތަކެއް އުފެދިދާނެ ކަމުގެ ބިރަށެވެ.

އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާކުރަން އަމުރެއް ނެރެދިނުމަށް އެދި ސެޕްޓެމްބަރު 23 ވަނަ ދުވަހު ލާހޯރް ހައި ކޯޓަށް ވެސް ބަޔަކު ވަނީ ހުށަހަޅައިފަ އެވެ.