Roadha Mihaaru
ޕާކިސްތާނުގެ "ޒިންދަގީ ގުލްޒާރު ހޭ" އަލުން ޒީޓީވީ އަށް

ޕާކިސްތާނުގެ ސިލްސިލާ "ޒިންދަގީ ގުލްޒާރު ހޭ" އަލުން ޒީޓީވީ އަށް

05 ޖޫން 2021

އިންޑިއާގައި ކުރިން ދެއްކި ޕާކިސްތާނުގެ ވަރަށް މަގުބޫލު ޓީވީ ސިިލްސިލާއެއް ކަމަށްވާ "ޒިންދަގީ ގުލްޒާރު ހޭ" އަލުން އިންޑިއާގައި މިއަދު ދައްކަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ކުރިން ދެއްކި ޕާކިސްތާނުގެ ވަރަށް މަގުބޫލު ޓީވީ ސިިލްސިލާއެއް ކަމަށްވާ "ޒިންދަގީ ގުލްޒާރު ހޭ" އަލުން އިންޑިއާގައި މިއަދު ދައްކަން ނިންމައިފި އެވެ.

ބެލުންތެރިން ވަރަށް ބޮޑު ޑިމާންޑަކާ އެކު އެ ސިލްސިލާ މިއަދުން ފެށިގެން އަލުން ދައްކާނީ ޒީޓީވީންނެވެ. އެ ޗެނެލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އޭގެ ޓްރެއިލާ އަކާ ވެސް އެކީ ބުނެފައިވާ ގޮތުގައި އެ ދައްކާނީ ރާއްޖެ ގަޑިން ހެނދުނު 11:30 އިން މެންދުރު 1:30 އަށެވެ.

"ޒިންދަގީ ގުލްޒާރު ހޭ" އަކީ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު އަދި ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅުނު ފަވާދު ޚާނާއި ސަނަމް ސައީދު ލީޑް ރޯލު ކުޅުނު ސިލްސިލާއެކެވެ. އެއް ސީޒަނަކަށް 26 އެޕިސޯޑާ އެކު އެ ސިލްސިލާ ގެނެސްދިނީ 2012-2013 އަށް ޕާކިސްތާނުގެ ހަމް ޓީވީންނެވެ. ލޯބީގެ އަސަރު ގަދަ ވާހަކައެއް ކިޔައިދިން "ޒިނދަގީ ގުލްޒާރު ހޭ" އަކީ ޕާކިސްތާނުން މިހާތަނަށް ގެނެސްދިން އެންމެ މަގުބޫލު ސިލްސިލާތަކުގެ ތެރެއިން އެކައްޗެކެވެ.

މީގެ ބަތަލު ފަވާދަކީ ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ. އޭނާގެ އަލަތު ފިލްމަކީ ސޯނަމް ކަޕޫރްގެ 2014 ގެ "ޚޫބްސޫރަތު" އެވެ. އޭގެ ފަހުން ފަވާދު ކުޅުނު ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ 2016 ގެ "ކަޕޫރް އެންޑް ސަންސް" ގެ އާއި "އޭ ދިލް ހެ މުޝްކިލް" ހިމެނެ އެވެ.

ޕާކިސްތާނަށް ނިސްބަތްވާ ހަރުކަށި ޖަމާއަތެއްގެ ބަޔަކު 2016 ގައި އިންޑިއާ އަށް ދިން ޓެރަރިސްޓް ހަމަލާތަކެއްގައި އެ ގައުމުގެ ސިފައިންތަކެއް މަރާލުމާ ގުޅިގެން އިންޑިއާ އިން ވަނީ ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ނުކުރެވޭ ގޮތް ހަދައިފަ އެވެ.

"ޒިންދަގީ ގުލްޒާރު ހޭ" އަލުން އިންޑިއާގައި ދައްކަން ނިންމި އިރު ފަވާދު ކުޅުނު ސިލްސިލާތަކުގެ ތެރެއިން 2011 ގެ "ހަމްސަފަރު" އަކީ ވެސް އިންޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އެއްޗެކެވެ. އޭގެ ބަތަލާއިންނަކީ ޝާހްރުކް ޚާނާ އެކު 2017 ގެ ފިލްމު "ރައީސް" އިން ފެނިގެން ދިޔަ ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާންގެ އިތުރުން ނަވީން ވަގަރު އެވެ.