Roadha Mihaaru
އެމްޑީޕީގެ އިންތިހާބު: ވޯޓުލާން 87،000 މީހުން

އެމްޑީޕީގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 87،000 މީހަކަށް

21 ނޮވެމްބަރ 2019

އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބުގައި 87،000 އަށްވުރެ ގިނަ މީހުންނަށް، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބުގައި 87،000 އަށްވުރެ ގިނަ މީހުންނަށް، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މާދަމާ ބާއްވާ މި އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. ނައިބު ރައީސްކަމަށް ދެ ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ ދެ ވަނަ ދައުރަކަށް އެ މަގާމަށް ކުރިމަތިލެއްވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އެ އިންތިޚާބާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތިޚާބާ ކޮމެޓީގެ މުގައްރިރް މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

މަނިކު ވިދާޅުވީ ވޯޓާސް ލިސްޓް އާއްމުކޮށް ރަށްރަށަށް ބޭނުންވާ ވޯޓާސް ކަރުދާސް ފޮނުވައި އިންތިޚާބަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ. މާލޭގެ އިތުރުން އެމްޑީޕީގެ ހަރުގެ ހުންނަ ހުރިހާ ރަށެއްގައި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ވޯޓުލުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ވޯޓުލާނީ ހަރުގޭގެ އިތުރުން އިސްކަންދަރު ސްކޫލުގަ އެވެ.

ދާއިރާތައް، މަތި އުތުރު ޕްރޮވިންސާއި އުތުރު ޕްރޮވިންސާއި މެދު އުތުރު ޕްރޮވިންސާއި މެދު ޕްރޮވިންސާއި މެދު ދެކުނު ޕްރޮވިންސްގެ އިތުރުން މަތި ދެކުނު ޕްރޮވިންސްތަކަށް ބަހާލާފައިވާއިރު، އެ ސަރަހައްދުތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން މާލޭގައި އުޅޭ މީހުން ވޯޓުލާނީ އިސްކަންދަރު ސްކޫލުގަ އެވެ.

މާލޭގެ ހަތަރު އަވަށަށް ނިސްބަތްވާ މީހުންގެ ވޯޓުލުން ވެސް އިސްކަންދަރު ސްކޫލުގައި ހަމަޖައްސާފައި ވާއިރު އައްޑޫ އަދި ފުވައްމުލަކު މީހުން ވޯޓުލުން އޮންނާނީ ހަރުގޭގަ އެވެ.

ހުޅުމާލޭގައި ޣާޒީ ސްކޫލުގައި ވޯޓު ފޮއްޓެއް ބަހައްޓާއިރު ވިލިމާލޭގައި ހަރުގޭގައި ވެސް ލީޑަޝިޕް އިންތިހާބް އޮންނާނެ އެވެ. އެމްޑީޕީގެ ފޯރި އެންމެ ގަދަ ލަންކާގައި ވެސް ވޯޓުލުން ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.