Roadha Mihaaru
ނަޝީދަށް މަގާމު ދިފާއު ކުރެއްވުނީ 23،000 ވޯޓުން

ނަޝީދަށް މަގާމު ދިފާއު ކުރެއްވުނީ 23،000 ވޯޓުން

23 ނޮވެމްބަރ 2019

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 87,439 މީހުންނަށް ލިބިފައިވީ ނަމަވެސް އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވޯޓު ދިނީ 23،369 މީހުންކަން މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

އެމްޑީޕީގެ އެންމެ މުހިންމު އަދި އެންމެ ބޮޑު އިންތިޚާބުގައި، އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މިހާރުގެ ވެސް ރައީސް ނަޝީދު އެކަނި ކަމަށް ވުމުން، އެ މަގާމަށް ބޭއްވީ ފެންނަ ނުފެންނަ ވޯޓެކެވެ.

ރެއާ ހަމައަށް އިއުލާން ކޮށްފައިވާ 172 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އަށް ބަލާއިރު، ނަޝީދަށް 23،369 މީހުން ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިން މީހުންގެ ޖުމްލަ އަކީ 63 އެވެ. ސައްހަ ވޯޓުގެ ޖުމްލަ އަކީ 23،432 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 152 އެވެ. އެ އިންތިޚާބުގެ ޖުމްލަ ވޯޓުގެ އަދަދަކީ 23،584 އެވެ.

ވާދަވެރިކޮށް ދިޔަ ނައިބުގެ ރައީސްގެ މަގާމު ދިފާއު ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. އޭނާއާ ވާދަކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ އިންތިޚާބުގައި ޝިފާޒް އިއްޔެ ވޯޓުލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ލީޑަޝިޕްގެ އިންތިޚާބުގައި ޝިފާޒް އިއްޔެ ވޯޓުލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރެއާ ހަމައަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާ އަށް ބަލާއިރު މި އިންތިޚާބުގައި އެންމެ ގިނައިން ވެސް ވޯޓުލާފައި ވަނީ ނައިބު ރައީސްގެ މަގާމަށެވެ. މިހާތަނަށް އިއުލާން ކޮށްފައިވާ 172 ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު، ނައިބު ރައީސްގެ މަގާމުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ޖުމްލަ އަކީ 23،613 އެވެ.

އެމްޑީޕީގެ މިހާރުގެ ވެސް ނައިބު ރައީސް ޝިފާޒަށް އެ 172 ވޯޓު ފޮށިން ލިބިވަޑައިގަތީ 13،233 ވޯޓެވެ. އަސްލަމަށް ހޯއްދެވުނީ 9،957 ވޯޓެވެ. ނައިބު ރައީސްގެ މަގާމުގެ އިންތިޚާބުގެ ސައްހަ ވޯޓުގެ އަދަދަކީ 23،190 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 423 އެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ތިބި ސިޔާސީ ޕާޓީގެ ލީޑަޝިޕް އިންތިޚާބުގައި މިހާ މަދު ބަޔަކު ނުކުމެ ވޯޓުލީ ސަބަބާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި އަސްލަމާއި ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މަޝްވަރާއެއްގައި.---ފައިލް ފޮޓޯ: މިހާރު

އެމްޑީޕީގެ ނައިބު ރައީސްގެ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި އަސްލަމާއި ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މަޝްވަރާއެއްގައި.---ފައިލް ފޮޓޯ: މިހާރު

ނައިބު ރައީސްގެ މަގާމަށް ޝިފާޒާއި އަސްލަމް ވާދަވެރި ކެމްޕެއިނެއް ކުރެއްވި އެވެ. ޚާއްސަކޮށް، އަސްލަމް ވަނީ ޝިފާޒާ ހިލާފަށް ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އަސްލަމަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވިއިރު، އެމްޑީޕީގެ ބައެއް ސީނިއާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އަދި ޕާޓީގެ ސޯޝަލް މީޑިއާ ޓީމުގެ ގިނަ މީހުން ވެސް ތިބީ އަސްލަމްގެ ފަހަތުގަ އެވެ.