Roadha Mihaaru
ބޯޓާ ހެދި ގެއްލުމެއް ވެދާނެ، ފިނޭންސުން މަޝްވަރާކުރަނީ

ބޯޓާ ހެދި ބޮޑު ގެއްލުމެއް ވެދާނެ، ފިނޭންސުން މަޝްވަރާކުރަނީ

24 ޑިސެމްބަރ 2019

ތިލަފުށި ފަޅުތެރޭގައި އެޅި މައްސަލަ ބޮޑުވެފައިވާ ބޯޓާ ހެދި ދައުލަތަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީން އެންގި އެންގުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތިލަފުށި ފަޅުތެރޭގައި އެޅި މައްސަލަ ބޮޑުވެފައިވާ ބޯޓާ ހެދި ދައުލަތަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީން އެންގި އެންގުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތެއް ނޭނގެ އެވެ. އެހެންވެ ސިވިލް ކޯޓު މެދުވެރިކޮށް އެ ބޯޓު ވަނީ ދައުލަތަށް (ފިނޭންސް މިނިސްޓްރީ އަށް) ނަގައިފަ އެވެ. ފަޅުން މި ބޯޓު ބޭރުކުރުމުގެ މަސައްކަތާ ގުޅިގެން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން ކަމާ ބެހޭ އިދާރާތަކާ އެކު ކުރި މުއާމަލާތަތްކަށް ފަހު، ބޯޓު ނަގަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓާ އެވެ.

މި މުއާމަލާތާ ގުޅިގެން ތުހުމަތުކުރާ މައްސަލަތަކެއް އެސްއޯއީ ކޮމިޓީން ބެލުމަށް ފަހު ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި ޕީސީބީ އަށް އެންގުންތަކެއް އަންގާފައިވެ އެވެ.

އޭގެތެރޭގައި، ބޯޓު މައްސަލައިގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތީތީވެ، ދައުލަތަށް އެންމެ ލުއި ގޮތަކަށް އެކަން ނިންމަން އެދިފައިވެ އެވެ. ބޯޓު މިހާރު އަޅާފައި އޮތް ތަނުން ނެގުމަށް ކުރަން ޖެހޭ ކަންކަން ވެސް ކުރަން ފިނޭންސަށް ވަނީ އަންގައިފަ އެވެ. މީގެއިތުރުން ދައުލަތަށް ގެއްލުންވާ ގޮތަށް ބޯޓުގެ ކަންކަން ހަވާލުކުރި އެންމެންނާ މެދު ފިޔަވަޅު އަޅަން އަންގާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އެސްއޯއީގެ ކޮމިޓީގެ އެންގުންތަކާ ގުޅޭ ގޮތުން އަޅާނެ ފިޔަވަޅަކާ މެދު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ތަފްސީލް ދެވޭނީ އެކަން ނިމުމުން ކަމަށް ވިދާޅުވި އެވެ.

މި ބޯޓުގެ މައްސަލަ ބޮޑުވީ ފަޅުތެރެއިން ބޯޓު ނަގަން ހަވާލުކުރި ޕާކަވަން އިން ބޯޓު ކަފާލައި ފައިދާ ހޯދަން އުޅުމުންނެވެ. އެ ހުއްދަ ދިނީ، ގްރޭޓާ މާލެ އިން ކަމަށާއި އެކަން ހުއްޓުވުމުން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެ އެ ކުންފުނިން ވަނީ ދައުލަތާ ދެކޮޅަށް ގްރޭޓާ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދަން ޕާކަވަން އިން ވަނީ ދައުވާކޮށްފަ އެވެ.

މި ބަދަލު ދައުލަތުން ދައްކަން ޖެހިދާނެ ކަމަށް އޭނާ އަށް ގަބޫލުކުރެއްވޭ ކަމަށް ގްރޭޓާ މާލޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޝާތިރު އަބްދުއްރަހްމާން ވަނީ ކޮމިޓީގައި ވިދާޅުވެފަ އެވެ. މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ކަންބޮޑުވުންފާޅުކުރި އެވެ.

ޕާކަވަން އިން ބުނެފައި ވަނީ ބޯޓު ކަފާލަން ގްރޭޓާ މާލެ ކުންފުންޏާ ހަވާލުކުރީ ފިނޭންސްގެ ހުއްދައާ އެކުގަ އެވެ. އެކަމަކު އެ މިިނިސްޓްރީން އެކަން ދޮގު ކުރެ އެވެ. ފިނޭންސުން ބުނެފައި ވަނީ އެ ކުންފުނީން އަންގާފައި ވާނީ ބޯޓު އޮތް ތަނުން ނެގުމަށެވެ. ކަފާލައިގެން ފައިދާ ހޯދުމުގެ ހުއްދައެއް ދީފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ވާހަކަ ގްރޭޓާ މާލެ ކުންފުނިން ދޮގު ކުރެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ ބޯޓު ފަޅުން ނެގުމާއި ކަފާލުމުގެ ހުއްދަ ދީ ފިނޭންސުން ފޮނުވި ސިޓީއެއް އެ ކުންފުނީގައި އެބައޮތް ކަމަށެވެ.