Roadha Mihaaru
ރިޕޯޓު ގައި އަޅުގަނޑުމެންނަށް ތުހުމަތެއް ނެތް: ސަލަފް

ކޮމިޝަންގެ ރިޕޯޓްގައި އަޅުގަނޑުމެންނަށް ތުހުމަތު ކޮށްފައެއް ނެތް: ސަލަފް

22 ނޮވެމްބަރ 2019

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ގުޅޭ ގޮތުން، ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިންނަށް ނުވަތަ ރާއްޖޭގެ އެހެން އިލްމުވެރިއަކަށް ވެސް ތުހުމަތު ކޮށްފައި ނެތް ކަމަށް އެ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ގުޅޭ ގޮތުން، ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިންނަށް ނުވަތަ ރާއްޖޭގެ އެހެން އިލްމުވެރިއަކަށް ވެސް ތުހުމަތު ކޮށްފައި ނެތް ކަމަށް އެ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.

ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ސަލަފް ޖަމިއްޔާގެ ނަން އޮތުމުން އެ ޖަމިއްޔާ އަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ސަރުކާރަށް ލަފާދޭން އިއްޔެ ނިންމައިފަ އެވެ. އެ ޖަމިއްޔާ އުވައިލަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އޭގެ ކުރިން ވެސް ވަނީ ގޮވާލައްވައިފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދިނުމަށް ސަލަފުން މިއަދު ބޭއްވި ނިއުސް ބްރީފިން ގައި، އެ ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އަހުމަދު ސަމީރު ވިދާޅުވީ، އަފްރާޝީމްގެ މަރާ، ސަލަފާ ގުޅުވައިގެން ވާހަކަ ދައްކަނީ މުޅިން އެހެން މަގްސަދެއް ގައި ކަމަށެވެ.

"އަޅުގަނޑު ބަލައިލާއިރުގައި، މި ރިޕޯޓަކީ އެންމެންނަށް ފެންނަން އޮތް ރިޕޯޓެއް. ބަލާއިރުގައި އަސްލުގައި މަރު ކޮމިޝަންގެ ރިޕޯޓުގައި ޖަމިއްޔަތުއް ސަލަފްއާ ޑރ. އަފްރާޝީމްގެ މަރާ ސީދާ ގުޅުވައިފައެެއް ނެތް ހަގީގަތުގައި. މި ރިޕޯޓުގައި، އިލްމީ ގޮތުން ޑރ. އަފްރާޝީމަށް ޖަމިއްޔަތުއް ސަލަފުން ރައްދެއް ދީފައި އޮތް ބަޔާނެއްގެ ވާހަަކަ ހިމަނާފައި މި އޮތީ،" ސަމީރު ވިދާޅުވި އެވެ.

އިލްމީ ގޮތުން ބޭފުޅަކަށް ރައްދެއް ދީފައި އޮތް އޮތުމާ ބޭފުޅެއްގެ މަރާ ގުޅުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ފުރަތަމަ ތަހުގީގުކުރީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) ގެ އެހީތެރިކަމާ އެކުގައި ކަމަށާއި އޭރުގައި ވެސް ސަލަފް ޖަމިއްޔާގެ އިލްމުވެރިންނަށް ނުވަތަ ރާއްޖޭގެ އެހެން އިލްމުވެރިއަކަށް ވެސް ތުހުމަތުކޮށްފައި ނެތް ކަމަށް ސަމީރު ވިދާޅުވި އެވެ.

ސަލަފްގެ ރައީސް ޝައިޚު އަބްދުﷲ މުހައްމަދު އިބްރާހީމް ވިދާޅުވި ގޮތުގައި، އަފްރާޝީމާ ބެހޭ ގޮތުން ސަލަފުން އޭރު ފަތުވާ ނެރުނީ އޮޅުން އަރާ ބައެއް މައްސަލަތަކުގެ ސަބަބުން އާއްމުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދޭތީ އެ ކަންތައްތަކުގެ ހަގީގަތް ހާމަކޮށް ދިނުމަށެވެ.

އޭނާ ވިދާޅުވީ، ސަލަފުން އެ ދުވަސްވަރު ނެރުނު ފަތުވާގައި 15 އިލްމުވެރިއެއްގެ ސޮއި ހިމެނޭ ކަމަށެވެ.

ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ މުހައްމަދު އިބްރާހީމް މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ މުހައްމަދު އިބްރާހީމް މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އޭގެ ތެރޭފައި މިއަދުގެ ހޯމް މިނިސްޓަރު [އިމްރާން އަބްދުﷲ] ވެސް އަދި އެނޫން ބޭބޭފުޅުން ވެސް ހިމަނާފައި ވަނީ،" އަބްދުﷲ ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓް އެކުލަވައިލި އިރު ސަލަފްގެ އިލްމުވެރިންނާ ސުވާލުކޮށްފައި ވޭތޯ ނޫސްވެރިއަކު ދެންނެވުމުން ސަމީރު ވިދާޅުވީ، އެފަދަ ކަމެއް އެ ކޮމިޝަނުން ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެންނާ އެއްވެސް ގޮތަކަށް ބައްްދަލުކުރާކަށް މަރު ކޮމިޝަނުން އެދިފައެއް ނުވޭ. އަޅުގަނޑުމެންގެ އެއްވެސް ބޭފުޅަކާ އެއްވެސް ސުވާލެއް ވެސް ކުރައްވާފައެއް ނުވޭ މަރު ކޮމިޝަނަކުން. މި ރިޕޯޓުގައި ފާހަގަކޮށްފައި ވޭ އެކަމަކު ޖަމިއްޔަތުއް ސަލަފްގެ އިސް ޝޭޚެއްގެ ގޮތުގައި ޝޭޚު މުހައްމަދު ލަތީފުގެ ނަން ޖަމިއްޔަތުއް ސަލަފްގެ ޝޭޚެއްގެ ގޮތުގައި،" ސަމީރު ވިދާޅުވި އެވެ.

"އެކަމަކު އެއީ ދޮގެއް އަސްލުގައި. އެއްވެސް ޒަމާނެއްގައި ޝޭޚު ލަތީފު އަޅުގަނޑުމެންނާ އެކު މަސައްކަތެއް ނުކުރައްވާ."

ފޮރުވިފައިވާ އެއްވެސް ކަމެއް ނޯންނާނެ

ސަލަފް ޖަމިއްޔާގެ ނައިބު ރައީސް ހަސަން މޫސާ ފިކްރީ ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސަލަފް ޖަމިއްޔާގެ ނައިބު ރައީސް ހަސަން މޫސާ ފިކްރީ ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސަލަފްގެ ނައިބު ރައީސް ޝައިޚު ހަސަން މޫސާ ފިކްރީ ވިދާޅުވީ، އެ ޖަމިއްޔާ އިން ދޭ ދަރުސްތަކާއި ހޭލުންތެރިކަން އިތުރުކުރަން ހިންގާ ހަރަކާތްތަކެއް ވެސް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެ ކަމަށާއި ފޮރުވިފައިވާ އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. އެގޮތުން، އެ ޖަމިއްޔާއިން މިހާތަނަށް ދީފައިވާ ދަރުސްތައް ގައުމީ ޓީވީންނާއި ރާއްޖޭގެ އެހެން ޓީވީ ޗެނަލްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އާއްްމުކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި މީގެ އިތުރުން އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުން ވަނީ އަޅުގަނޑުމެންގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން، އެއީ އަހަރީ ހިސާބުތައް ވެސް އަޅުގަނޑުމެން ކޮންމެ އަަހަަރަކު ވެސް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަމުން ދަން،" ފިކްރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަން ސަލަފުން މަސައްކަތެއް ނުކުރެ އެވެ. އަދި ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިއުމާ ދެކޮޅަށް އެ ޖަމިއްޔާއިން އަބަދުވެސް ވާހަކަ ދައްކާފަައި ވާނެ ކަމަށް ފިކްރީ ވިދާޅުވި އެވެ.

ޝަރުއީ އުސޫލުން ބޭރުން މީހުން ކާފަރު ކުރުމާއި ބިދުއަވެރި ކުރުމުގެ ފިކުރަކީ ސަލަފާ ގުޅުން ހުރި ފިކުރުތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހަނގުރާމަތަކަށް ދިއުމަށް ގޮވާލާ މީހުންނަކީ އިލްމުވެރިންނާ ވެސް ދެކޮޅު ބައެއް ކަމަށާއި އެކަން ކަމާ ބެހޭ މުއައްސަަސާތަކަށް ވެސް އިނގޭ ކަމަށް ފިކުރީ ވިދާޅުވި އެވެ.

"އިލްމުވެރިންނަށް ހަޖޫ ޖަހައި، އިލްމުވެރިން ދެކެ ރުޅި އައިސްގެން ވާހަކަ ދައްކާ ފަރާތްތައް އެއީ މި ހަނގުރާމަތަކަށް ގޮވާލައި މީސްތަކުން ކާފަރުކޮށް އަދި އެ ނޫން ވެސް ފިތުނަވެރި ބަސްތައް ގޮވާ ބަޔަކީ އެ ފަރާތްތައް،" ފިކްރީ ވިދާޅުވި އެވެ.

"މި ކަންކަން، ދިވެހިރާއްޖޭގައި މި ކަންކަން ހުއްޓުވުމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ވަނީ އެނގިފައި. އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އަޅުގަނޑުމެން ވެސް މި މަސައްކަތް [ހަރުކަށި ފިކުރު ހުއްޓުވުމުގެ މަަސައްކަތް] ކުރަން."