Roadha Mihaaru
ފުލުހުން އަނދިރި ދައުލަތަށް ބައިއަތު ހިފައިފި: ނަޝީދު

ފުލުހުންނާއި ސިފައިން ވަނީ "އަނދިރި" ދައުލަތަށް ބައިއަތު ހިފާފައި: ނަޝީދު

24 ނޮވެމްބަރ 2019

ފުލުހުންނާއި ސިފައިން "އަނެއް ފަލްސަފާ" އަށް ލެނބި "އަނދިރި ދައުލަތަށް" ބައިއަތު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުލުހުންނާއި ސިފައިން "އަނެއް ފަލްސަފާ" އަށް ލެނބި "އަނދިރި ދައުލަތަށް" ބައިއަތު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަނދިރި ދައުލަތަކޭ ނަޝީދު ވިދާޅުވީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި މީހުންނަށް ޖެއްސެވި މިސާލެއްގެ ގޮތުގަ އެވެ. އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އަނދިރި ދައުލަތެއް ހިންގާ ކަމަށާއި ރާއްޖެ އިން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ދާ ސަބަބަކީ އެ ދައުލަތް ކަމަށެވެ.

ޖުޑިޝަލް އެކަމީން އިންތިޒާމު ކޮށްގެން ބޭއްވި ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، ކުޑަކުދިންނާ މެދުގައި އަމަލު ކުރާނެ ގޮތާ މެދުގައި އާ ފަލްސަފާއެއް ފެތުރެން ފަށާފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންނާއި ބެހުމާއި ޖިންސީ ގޯނާކުރުން އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރުގެ ތެރެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ސައްހަ ނޫން ކައިވެންޏެއް ކުރި މައްސަލަ އަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ކުޑަ ކުއްޖާ ގޯއްޗެއް ބޭނުންވެގެން ސަރުކާރުގެ އިދާރާތަކަށް ސެޓްފިކެޓެއް ހުށަހެޅުމުން އެ ބަލައިގެންފައިވާ ކަމަށެވެ.

"އަނދިރި ދައުލަތެއް، މުޅިން އެހެން ނިޒާމެއް މި ވާދަކުރަނީ އަޅުގަނޑުމެންގެ ޝަރުއީ ނިޒާމާއި އަޅުގަނޑުމެންގެ ގާނޫނުތަކާ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުން ފާސް ކުރާ ބިލް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރި ނަމަވެސް، އެ ގާނޫނު ކޮންމެހެން ނުދެމެހެއްޓިޔަސް ރަނގަޅު ކަމެއް ކަމަށް ދެކޭ މީހުން އެބަތިބި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންގެ ވިސްނުމަށް ބަދަލު އައީ ދިފާއީ ބާރުގެ ތެރޭގައި ފަރުވާ ކުޑަކަމާއި އަޅާނުލުމުގެ ސަބަބުންނެވެ.

"އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން ތިއްބަވާ ބޭފުޅުން، އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން މި މައްސަލަތައް ނުބައްލަވައި ދޫކޮށްލަވަނީ އެ ބޭފުޅުން އެ އަނެއް ފަލްސަފާ އަށް ލެނބެން ފަށައިފި. އަނދިރި ދައުލަތަށް ބައިއަތު ހިފައިފި،" ނަޝީދު ވިދާޅުވި އެވެ.

މިއީ 100 ޕަސަންޓު އިސްލާމީ ގައުމެއް ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތަކާއި ހަމަތަކުގެ ބޭރުން ދައުވަތު ނުދެވޭނެ އެވެ. މި ގައުމުގައި އެހެން ގޮތަކަށް އިސްލާމް ދީނަށް އުޅުމަށް ދައުވަތެއް ނުދެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެކަމެއް ވަރިހަމަ ކޮށްގެން އަޅުގަނޑުމެންނަށް ނުތިބެވޭނެ. އެގޮތަށް ވަރިހަމަ ކޮށްލައިގެން ތިބުމަކީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަށް ދޫކޮށްލާފައިވާ މިންވަރު،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިންނާ ގުޅޭ 50 ބިލެއް، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހެދިދާނެ ކަމަށާއި އެކަމަކު، މިއުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށެވެ.

"ހިތަށް ނުވަންނަނީއެއް ނޫން އުޅެންވީ ގޮތް. އަޅުގަނޑުމެންގެ ތެރެއަށް ފެތުރިއްޖެ ފަލްސަފާއެއް އަޅުގަނޑުމެންގެ ތެރޭގައި ފެތުރެން ފަށައިފި ފިކުރެއް، ހިޔާލާތެއް. ދިވެހިންނަކީ އެހެން ބައެއްގެ ގޮތުގައި، ދިވެހިން އުޅެން ޖެހޭ ގޮތް ބަދަލު ކުރަން ބަޔަކު ނުކުމެއްޖެ. މިއީ ފިކުރީ ހަނގުރާމައެއް. މިއީ ގާނޫނެއްގައި ލިޔެގެން ވާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އަމަން އަމާންކަމާއި މަސްލަހަތު ބަލަހައްޓަން ތިބޭ މީހުން، މިފަދަ މައްސަލަތައް ނުބަލައި ދޫކޮށްލަނީ އަނެއް ފަލްސަފާ އަށް ލެނބެން ފެށުމުން ކަމަށެވެ.

ރާއްޖެ ސަލާމަތް ކުރަން ބޭނުން ނަމަ، "ނިދިން" ދިވެހިން ހޭލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މި މަގުގައި ދިވެހިން އެދޭ ބަދަލާއި ތަރައްގީ އާއި ހަމަޖެހުމެއް ނުހޯދޭނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، މި މައްސަލަތައް ހައްލު ކުރަން "އެހެން ރާސްތާއެއް" ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ބޭނުންވާ ބަޔަކު އެބަތިބި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހަރާބުގެ މަގު ހިޔާރުކޮށްފި ނަމަ، ރާއްޖެ ގެއްލިގެން ހިނގައިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.