Roadha Mihaaru
ނަޝީދަށް އަނެއްކާވެސް ފާޑުކިޔުން!

ނަޝީދަށް އަނެއްކާވެސް ފާޑުކިޔުން!

25 ނޮވެމްބަރ 2019

ފުލުހުންނާއި ސިފައިން ހަރުކަށި ފިކުރަށް ލެނބި އަނދިރި ދައުލަތަށް ބައިއަތު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފުލުހުންނާއި ސިފައިން ހަރުކަށި ފިކުރަށް ލެނބި އަނދިރި ދައުލަތަށް ބައިއަތު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ދީނީ ހިޔާލު ތަފާތުވުން ގިނަ ވެފައިވާ ދުވަސްވަރެއްގައި ނަޝީދު ލ. އަތޮޅުގައި ވިދާޅުވީ ދީނީ ހަރުކަށި ވިސްނުން އުފެދި ދިވެހިންގެ ވިސްނުމަށް ބަދަލު އައީ ދިފާއީ ބާރުގެ ތެރޭގައި ފަރުވާ ކުޑަކަމާއި އަޅާނުލުމުގެ ސަބަބުން ކަމަށެވެ.

ނަޝީދުގެ އެވާހަކަފުޅަށް އެކަމަށް ރައްދު ދެއްވައި ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު، އަދި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ގައުމަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކުން ސިފައިންނާއި ފުލުހުންގެ މައްސަލައެއް އުޅޭ ނަމަ އެކަން ހައްލު ކރާނީ އެކަން ސިޔާސީ ކުރުމުގެ ބަދަލުގައި ޕްރޮފެޝަނަލްކޮށް ކަމަށެވެ.

"ސިފައިންނާއި ފުލުހުންނަކީ ގައުމުގެ އިސްތިރާޖީ ތަރިކަ. އިންސާނުން ތެރޭގައި މައްސަލައެއް އުޅެދާނެ،" ނަޝީދުގެ ވެރިކަމުގައި، މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި ދީދީ ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ނަޝީދަށް ފާޑުވިދާޅުވެ ދީދީ ކުރެއްވި ޓްވީޓް--

އެ މައްސަލާގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކާ އެ މުއައްސަސާތަކުން ބައިއަތު ހިފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ސިފައިންނާއި ފުލުހުންގެ ހިދުމަތުގައި ތިއްބެވި ގިނަ މީހުންނަކީ ގައުމަށް ތެދުވެރި، ގައުމު ދެކެ ލޯބިވާ ހިދުމަތްތެރިން،" ރިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ވެސް ވަނީ ނަޝީދުގެ ވާހަކަފުޅު ކުށްވެރި ކުރައްވައިފަ އެވެ.

ޖަމީލް ވިދާޅުވީ ސަލާމަތީ ބާރުތަކާ ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅުތައް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

"އެއީ ސީރިއަސް އިލްޒާމްތަކެއް، ނުރައްކާ ނަތީޖާތަކެއް ނުކުމެދާނެ ކަމެއް. ގައުމީ ސަލާމަތަށް މި ވާހަކަތަކުން ނުރައްކާވޭ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ކުރެއްވި ޓްވީޓް--

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ނަޝީދުގެ ފޮޓޯއެއް ޓްވީޓް ކުރައްވައި ޖަމީލް ވިދާޅުވީ މީގެ ކުރިން ވެސް ސަލާމަތީ ބާރުތަކުގެ އަގުވައްޓާލުމަށް އެމްޑީޕީން މަސައްކަތް ކުރި ކަމަށެވެ. އަދި މިއީ ސަލާމަތީ ބާރުތަކުގެ ވެރިން ހަނުހުންނަ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.