Roadha Mihaaru
"އަނދިރި ދައުލަތު"ގެ ވާހަކަ ނަޝީދުގެ ދޫފުޅުން

"އަނދިރި ދައުލަތު"ގެ ބިރުވެރި ވާހަކަ ނަޝީދުގެ ދޫފުޅުން!

11 ސެޕްޓެމްބަރ 2019

ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން "އަނދިރި ދައުލަތެއް" ހިންގާ ކަމަށް ސިފަކުރައްވައި އެމީހުންގެ ބިރުވެރި ވާހަކަތަކެއް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން "އަނދިރި ދައުލަތެއް" ހިންގާ ކަމަށް ސިފަކުރައްވައި އެމީހުންގެ ބިރުވެރި ވާހަކަތަކެއް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

"އަނދިރި ދައުލަތެއް"ގެ ގޮތުގައި ނަޝީދު ސިފަކުރެއްވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލުމުގައި" ބައިވެރިވީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ބަޔަކު ކަމަށް ރިލްވާންގެ މައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން އާންމުކުރި ޑްރާފްޓް ރިޕޯޓުގައި ބުނެފައިވަނިކޮށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މަސައްކަތު ބައްދަލުވުމެއް ފައްޓަވައި ދެއްވުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުގެ ތެރޭގައި ބާރުގަދަ "އަނދިރި ދައުލަތެއް" އުފެދެމުން އަންނާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ދައުލަތެއްގެ ތެރޭގައި "އެހެން ދައުލަތެއް" އުފެދޭ ހާލަތު ބައެއް ދައުލަތްތަކަށް ދިމާވެފައި ހުރި ކަން ފާހަގަކުރައްވައި އެމަނިކުފާނު މިސާލު ނެންގެވީ އިޓަލީ ވިލާތުގެ ސިސިލީންނެވެ. އިޓަލީގެ ސިސިލީގައި ބާރުގަދަވެ ދުނިޔެ އަށް މަޝްހޫރުވި މާފިއާ ޖަމާއަތަކީ މިކަމުގެ ފުރިހަމަ މިސާލެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަސައްކަތު ބައްދަލުވުން ފެށުމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

މަސައްކަތު ބައްދަލުވުން ފެށުމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި ސީރިއާ އާއި އިރާގުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ދައުލަތް، ނުވަތަ އިސްލާމިކް ސްޓޭޓް (އައިއެސް) އުފެއްދުމާއި ދެމެހެއްޓުމުގައި ދިވެހިންގެ ތެރެއިން 250 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ދާ ސަބަބަކީ ވެސް "އަނދިރި ދައުލަތެއް" ހިންގަމުން އަންނާތީ އެވެ.

"އެތައް ދިވެހި ޒުވާން އަންހެން ދަރިންނެއް ވަނީ އައިއެސްގެ ހަނގުރާމަވެރިންނަށް ވިއްކާފައި. ރާއްޖެ އިން ގިނަ އަދަދެއްގެ ފަހުލަވާނުން އައިއެސް އަށް ފޮނުވުނީ ރާއްޖޭގައި އެ ޖަމާއަތުގެ ތަފާތު ހަރަކާތްތައް ހިންގިގެން، ދިވެހި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް އުފައްދާ އެ އަނދިރި ދައުލަތުގެ ބާރު އެ ދިވެހި ދައުލަތުގެ މައްޗަށް ގަދަކުރުމުން. ދިވެހި ދައުލަތް ހޮޅިކުރަމުން ގެންދިޔައީތީ،" ނަޝީދު ވިދާޅުވި އެވެ.

"ދައުލަތުގެ އެންމެ އެތެރެއަށް މި އަނދިރި ބާރު ވަންނަމުން ދިޔައީތީ."

ނަޝީދު ވިދާޅުވި ގޮތުގައި 2013 އާއި 2016 އާ ދެމެދު 26 އަށް ވުރެ ގިނަ މީހުންގެ ގަޔަށް ވަޅި ޖަހައި މެރި ކަމަށެވެ. މާހިރުންނާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ ރާއްޖޭގެ މަރުތައް ވެސް ހުރީ އެހެން ވެސް އަނދިރި ދައުލަތުގެ ކަންކަން ހުންނަ ގޮތަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ މީހުން މަރާފައި ވަނީ މަރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށާއި އިންޒާރުތައް ހުންނަނީ ހަރުކަށި ޖަމާއަތްތަކުގެ ފަތުވާތަކާ އެއްގޮތަށް ކަމަށެވެ.

"އަނދިރި ދައުލަތުގެ ފިކުރުތަކާއި ހުށަހެޅުންތަކާ ދެކޮޅަށް ބަސް ބުނާ މީހުން، ދައުލަތުގެ ފަރާތުން ފާހަގަކުރޭ. ބަސް ބުނާ މީހުންގެ ބޮލުގައި ދީނާ ހިލާފުވާ ކަމުގެ އިލްޒާމު އަޅުވާ. އެމީހުން މަރަން ވެއްޖެ ކަމުގެ ހުކުމް ނެރެނީ ދީނުގެ ނަމުގައި. އެންމެ ފަހުން ފެންނަނީ އެމީހުން މަރާ އެއްލާލައިފައި ވަނިކޮށް،" ނަޝީދު ވިދާޅުވި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މަސައްކަތު ބައްދަލުވުން ފަށަން ރޭ ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: މަޖިލިސް

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މަސައްކަތު ބައްދަލުވުން ފަށަން ރޭ ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: މަޖިލިސް

އެމަނިކުފާނު ވިދާޅުވީ "ދަންނަބޭކަލުން"ގެ ހެދުމުގައި ތިބެ، މީހުންގެ ނިންމުންތައް ތަންފީޒު ކުރަނީ މާލޭގެ މަގުމަތީގައި އުޅޭ ގޭންގްތައް ކަމަށެވެ. އަދި އެ ގޭންގުތަކުން އެ ކަން ކުރަނީ ދައުލަތުގެ ބާރުތަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ނުކުރެވިއްޖެ ނަމަ، ފެންނަން އޮތް މަންޒަރު ވަރަށް އަނދިރި އެވެ.

އިންސާފު ގާއިމުކޮށްދިނުމުގެ ނިޒާމު ފެށިގެން އަންނަނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފުލުހުންގެ މަސައްކަތުންނެވެ. އަދި ނިމެނީ ފަނޑިޔާރުންގެ މަސައްކަތުން ކަމަށް ވާ އިރު، ދެ ބައި މީހުންގެ ދެމެދުގައި އެތައް ބައެއްގެ މަސައްކަތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން މުޅި ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ކުރުމަކީ އެންމެންގެ އުންމީދު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖޭގެ ވެރިކަން "ހޮޅިއެއް" އަދި ބައްޔެއް ވެސް ނުކުރެވޭނެ ކަމަށެވެ. އެކަމަކު ރާއްޖެ ވަނީ ނާޒުކު ފައްތަރެއްގައި ކަމަށާއި ދިވެހިންގެ ތެރޭގައި ހުރި ކަންކަން ނުވާ ކަންކަމަށް ދެކި ތިބެއްޖެ ނަމަ، ގައުމަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.