Roadha Mihaaru
ސެލްޓިކުން ގާޑިއޯލާގެ ސިޓީ ހުއްޓުވައިފި

ސެލްޓިކުން ގާޑިއޯލާގެ ސިޓީ ހުއްޓުވައިފި

29 ސެޕްޓެމްބަރ 2016

ގްލާސްގޯ، ސްކޮޓްލެންޑް (ސެޕްޓެމްބަރު 29) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ރަށުން ބޭރުގައި ސްލެޓިކާ 3-3 އިން އެއްވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގްލާސްގޯ، ސްކޮޓްލެންޑް (ސެޕްޓެމްބަރު 29) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ރަށުން ބޭރުގައި ސްލެޓިކާ 3-3 އިން އެއްވަރުވެއްޖެ އެވެ.

ސިޓީ ކޯޗުކަމާ ގާޑިއޯލާ ހަވާލުވި ފަހުން އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު އަށް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ނަމަވެސް ރޭގެ މެޗުން އެއްވަރުވުމާ އެކު ގާޑިއޯލާގެ ރެކޯޑަށް ނިމުން ވަނީ އައިސްފަ އެވެ.

ރޭގެ މެޗު ފެށިގެން ތިން ވަނަ މިނިޓްގައި ސެލްޓިކަށް ލީޑު ނަގައިދިނީ މޫސާ ޑެމްބެލޭ އެވެ. މެޗުގެ 11 ވަނަ މިނިޓްގައި ސިޓީ އަށް އެއްވަރުކޮށްދިނީ ފެނާންޑީނިއޯ އެވެ. ސެލްޓިކަށް ދެ ވަނަ ފަހަރަށް ލީޑު ލިބުނީ މެޗުގެ 20 ވަނަ މިނިޓްގައި ސިޓީގެ ރަހީމް ސްޓާލިން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ސެލްޓިކަށް މި ފަހަރު ވެސް ލީޑު ހިފަހައްޓާލެވުނީ އެންމެ އަށް މިނިޓް ވަންދެނެވެ. ސިޓީ އަށް މެޗުގެ 28 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ސްޓާލިންނެވެ.

ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި ޑެމްބެލޭ ވަނީ މި މެޗުގައި ސެލްޓިކަށް ތިން ވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. ސިޓީ އަށް އެއްވަރުކޮށްދިނީ މެޗުގެ 55 ވަނަ މިނިޓްގައި ސްޕެއިނުގެ މިޑްފީލްޑަރު ނޮލީޓޯ އެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މިއީ އެ ޓީމަށް ލިބުނު ފިލާވަޅެއް ކަަމަށެވެ.

"މި ކްލަބް ދިޔަ 25 ވަރަކަށް އަހަރު ޔޫރަޕްގައި ނުކުޅެ. މިިދިޔަ އަހަރަކީ މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ސިޓީ ކުޅުނު ފުރަތަމަ ފަހަރު. މި ސީޒަނުގައި ކުރިން ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން އައުމުން މި މެޗުގައި ފަސޭހަކޮށްލެވުނު. އެއީ ހެދުނު ގޯހެއް،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުން ބާސެލޯނާ ވަނީ 2-1 އިން ބޮރޫސިއާ މޮންޗެންގްލަޑްބެކް ބަލިކޮށްފަ އެވެ.

އަނިޔާގެ ސަބަބުން ލިއޮނަލް މެސީ ނުލައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ އަމިއްލަ ދަނޑުގައި ކުޅުނު މޮންޗެންގްލަޑްބެކެވެ. މެޗުގެ 34 ވަނަ މިނިޓްގައި މޮންޗެންގްލަޑްބެކަށް ލީޑު ނަގައިދިނީ ޗެލްސީގެ އެޑެން ހަޒާޑްގެ ކޮއްކޮ ތޯގަން ހަޒާޑެވެ.

ބާސެލޯނާ ފަހަތުން އަރައި މޮޅުވީ ފަހު 25 މިނިޓް ތެރޭގައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގެ 65 ވަނަ މިނިޓްގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ އާޑާ ޓުރާން އެވެ. އޭގެ ދިހަ މިނިޓް ފަހުން ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖެހީ ޖެރާޑް ޕީކޭ އެވެ.

ރޭގެ މެޗުތަކަށް ފަހު ގްރޫޕްގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު ސިޓީ އޮތްއިރު، ސެލްޓިކް ތިން ވަނައިގައި އޮތީ އެއް ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް މޮންޗެންގްލަޑްބެކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.