Roadha Mihaaru
ބިރުދައްކައިގެން ކުރާ ހުކުމް ބަލައި ނުގަންނާނެ: ޝިޔާމް

ބިރުދައްކައިގެން ޔާމީނަށް ކުރާ ހުކުމެއް ބަލައެއް ނުގަންނާނަން: ޝިޔާމް

28 ނޮވެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު ކުރާ ހުކުމަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައިގެން ކުރާ ހުކުމަކަށް ވެއްޖެ ނަމަ އެ ހުކުމް ބަލައި ނުގަންނާނެ ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު ކުރާ ހުކުމަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައިގެން ކުރާ ހުކުމަކަށް ވެއްޖެ ނަމަ އެ ހުކުމް ބަލައި ނުގަންނާނެ ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

އެކަމަކު އޭނާ ވިދާޅުވީ ޖަލު ހުކުމުން ޔާމީން ސަލާމަތް ވެވަޑައިގަންނަވާނެ ކަމަށެވެ.

ޕީޕީއެމް އޮފީސް ކުރިމަތީގައި ރޭ ބޭއްވި އެއްވުމެއްގައި ޝިޔާމް ވިދާޅުވީ އިންތިޒާރު ކުރައްވަނީ ހުކުމުން ޔާމީން މައުސޫމް ވާނެ ކަމަށެވެ. މަނީ ލޯންޑަރިންގެ ދައުވާ ޔާމީންގެ މައްޗަށް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނު ބައްލަވާ. ރައީސް ޔާމީންގެ މައްޗަށް އުފުލިގެން އުޅޭ ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމާއި މި ދައުވާގެ ޝަރީއަތް ކުރިއަށްދަނީ ރަނގަޅަށް ނޫން ކަން އެ ގާނޫނުތަކުން އަޅުގަނޑުމެންނަށް އެބަ އެނގޭ،" ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި އެއްވުމުގައި ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ ރައީސް ޔާމީން ކޯޓު ރޫމުން ނުކުމެވަޑައިގަންނަވާނީ މައުސޫމުކޮށް ކަން."

އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިޔައިރު ދިވެހިން ދިޔައީ އެކަންކަން ބަލަމުންނެވެ. އެހެންކަމުން ހުކުމުން ސަލާމަތްވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރެވޭނެ އެއްވެސް ކަމެއް މި ދައުވާގައި ޝަރީއަތުގެ މަޖިލީހުގައި ހިނގަމުންދާއިރު ނެތް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުން އަމަލު ކުރަނީ ގާނޫނު އަސާސީއާ ހިލާފަށެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި ނެރޭ ހުކުމް ދިވެހި ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ދެރަ ގޮތެއް ވާން ކްރިމިނަލް ކޯޓުން ނެރޭ ހުކުމެއް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ. އަޅުގަނޑުމެންނަކީ މިއަދު އިދިކޮޅުގައި އޮތް ހަމައެކަނި ޕާޓީ،" ޝިޔާމް ވިދާޅުވި އެވެ.