Roadha Mihaaru
"ފުއްގިރި ދޫކުރީ ހުށަހެޅުނު އަގަށްވުރެ ކުޑަ އަގަކަށް"

ފުއްގިރި ކުއްޔަށް ދިނީ ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއްގައި: ހެކި

14 އޯގަސްޓް 2023

ރ. ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަށަށް ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށް ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަށަށް ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށް ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ވެސް ކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ ފުއްގިރީގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަރުހަލާގައި އޭރު ހަރަކާތްތެރިވި އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އޭރުގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝިފާއު އެވެ. މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ހުރެގެން ހެކިބަސް ދެމުން އޭނާ ބުނީ އެއްބަސްވުމުގައި ސޮއި ކުރުމާ ހަމައަށް ދިޔައިރު އޮތީ ފުރަތަމަ އެރަށަށް ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއް ކަމަށެވެ. ނަމަވެސް އަގު ކުޑަވީ ކިހާ މިންވަރަކަށް ކަން ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އޭރު ޑިމާންޑް އޮތް މިންވަރަށް ބަލާއިރު ތިން މިލިއަން ޑޮލަރަށް އެރަށް ކުއްޔަށް ދެވޭނެ އެވެ. ސަބަބަކީ ރ. އަތޮޅާއި ބ. އަތޮޅާއި ފ. އަތޮޅުގެ ރަށްރަށަކީ އޭރު ޑިމާންޑް ބޮޑު ރަށްރަށް ކަމަށްވާތީ ކަމަށް އޭނާ ބުންޏެވެ.

ރަށުގެ އަގު ކުޑަކުރި ކަމަށް ހެކިވެރިއަކު ހެކިބަސް ދިންއިރު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތު ކުރިން ހެކިބަސް ދެމުން ވިދާޅުވެފައިވަނީ އަގު ކުޑަކުރީ ޔާމީންގެ ހުއްދަ ލިބިގެން ކަމަށް ކުރީގެ ނައިބުގެ ރައީސް އަހުމަދު އަދީބުގެ ފަރާތުން އެނގުނު ކަމަށެވެ.

އެ މައްސަލާގައި ދައުލަތުގެ އިތުރު ހެކިވެރިއެއްގެ ހެކިބަސް ނަގާނެ އެވެ. އޭގެފަހުގައި ދެން ކުރިއަށް ދާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

އެ މައްސަލާގައި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ ކްރިކް ރިޒާގެ މައްޗަށް ވެސް އުފުލި އެވެ. ނަމަވެސް އޭނާގެ ބައި ދައުލަތުން ވަނީ ފަހުން އަނބުރާ ގެންގޮސްފަ އެވެ.

އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މިހާރު އޮތީ ހައި ކޯޓުގަ އެވެ. އެ މައްސަލަ ނިމެންދެން ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ޔާމީން އެދިވަޑައިގަތުމުން ހައި ކޯޓުން އިއްޔެ ނިންމީ ޖޫރިމަނާގެ އަދަބު ފަސްކުރުމަށެވެ.

ނަމަވެސް ޖަލު އަދަބު ފަސްކުރަން އަމުރު ނުކުރެވޭނެ ކަމަށް ވަނީ ނިންމައިފަ އެވެ.