Roadha Mihaaru
ޔާމީނަށް ހުކުމް އިއްވާ ޝަރީއަތް މަޑުޖައްސާލަން އެދިއްޖެ

ޔާމީނަށް ހުކުމް އިއްވާ ޝަރީއަތް މަޑުޖައްސާލަން އެދިއްޖެ

28 ނޮވެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވަން މިއަދު ތާވަލްކޮށްފައިވާ ޝަރީއަތް މަޑުޖައްސާލަން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވަން މިއަދު ތާވަލްކޮށްފައިވާ ޝަރީއަތް މަޑުޖައްސާލަން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތް ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު 1:30 އަށެވެ.

އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ޝަރީއަތުގައި އިޖުރާއީ މައްސަލަތަކެއް ހުރެގެން ކްރިމިނަލް ކޯޓުގެ އިތުރުން ސުޕްރީމް ކޯޓަށް ވަކީލުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި އޮތުމުން، އުސޫލެއްގެ ގޮތުން ދަށު ކޯޓުން އެ މައްސަލަ ކުރިއަށް ނުގެންދާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ވެސް ވަކި ޖަވާބެއް އަދި ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަކީލުންގެ ޓީމުން މައްސަލައަކަށް ނަގަނީ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކޮށް، ގާޒީ އަލީ ރަޝީދާ މައްސަލަ ހަވާލުކޮށް ބެންޗެއް އެކުލަވާލި ގޮތެވެ. ވަކި ތަރުތީބަކުން ބެންޗު އެކުލަވާލުުމުގެ އުސޫލާ ޚިލާފުވެ، އެއީ މައްސަލައެއް ނޫން ކަމުގައި ގާޒީ އަލީ ރަޝީދު ނިންމެވުން ވެސް ގޯސް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ސަރުކާރުގެ ކޮޅަށް ބުރަވެފައި އޮތް މީޑިއާ އަކަށް ޝަރީއަތާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމާ އެކު އިޖުރާއީ ގިނަ މައްސަލަތަކެއް އެބަހުރި. އެފަދަ މައްސަލަތަކަކީ އިޖުރާއީ މައްސަލަތަކެއް ނޫން ކަން ނިންމަވަނީ ވެސް އަމިއްލަ އަށް. އެ މައްސަލަތަކާ އެކު ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން ވަކީލުން އެދުނީ،" ޖަމީލް ވިދާޅުވި އެވެ.

ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަވާ ބެންޗުގައި ތިއްބަވާނީ ގާޒީ އަލީ ރަޝީދުގެ އިތުރުން ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ކުރިން އެ މައްސަލަ ބެއްލެވި ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ފޮނުއްވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައިވާ ކުރެހުމެއްގެ މައްސަލާގަ އެވެ.

އެ މައްސަލާގައި ހައިލަމް ސަސްޕެންޑް ކޮށްފައި ވަނިކޮށް އޭނާ ނެރުއްވި ބަޔާނެއްގައި ވަނީ ޔާމީން ޖަލަށްލާން ކަމުގެ ޔަގީންކަން އޭނާގެ ކިބައިން ހޯދަން ދައުލަތުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބައެއް ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު މި ތުހުމަތު ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ދޮގު ކުރައްވައިފަ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް އެ ދައުވާގައިވެ އެވެ.