Roadha Mihaaru
ލީކުވި އޯޑިއޯއަކީ ސުޕްރީމް ކޯޓަށް އިމްތިހާނެއް: ޖަމީލް

އޯޑިއޯތަކުގެ މައްސަލާގައި ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަންޖެހޭނެ: ޖަމީލް

30 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ހުކުމް ކުރީ ނިޒާމުގެ ތެރެއަށް ސިޔާސީ ފަރާތްތަކުން އަތް ބާނައިގެންކަން އެ މަނިކުފާނުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ބެންޗުގެ ތިން ފަނޑިޔާރެއްގެ ލީކުވި އޯޑިއޯ އިން އެނގޭ ކަމަށާއި އެހެންވެ، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމުގެ އިތުބާރު ހިފަހައްޓަން ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ހުކުމް ކުރީ ނިޒާމުގެ ތެރެއަށް ސިޔާސީ ފަރާތްތަކުން އަތް ބާނައިގެންކަން އެ މަނިކުފާނުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ބެންޗުގެ ތިން ފަނޑިޔާރެއްގެ ލީކުވި އޯޑިއޯ އިން އެނގޭ ކަމަށާއި އެހެންވެ، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމުގެ އިތުބާރު ހިފަހައްޓަން ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ އޯޑިއޯއެއް ލީކުވެފައި ވާއިރު ދެން ތިއްބެވި ގާޒީންގެ ތެރެއިން އަލީ އާދަމް އަދި ގާޒީ މުހައްމަދު ސަމީރު ކަމަށް ބުނާ ދެ މީހެއްގެ އޯޑިއޯ ވެސް ލީކުވެފައިވެ އެވެ.

ޔާމީންގެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން އެ އޯޑިއޯތަކުގައި ވާހަކަ ދައްކާފައިވާ ކަމަށް ބުނެ، އެ މަނިކުފާނަށް ކުރި ހުކުމުގެ ސައްހަ ކަމާ މެދު އެ މަނިކުފާނުގެ ވަކީލުންނާއި އިދިކޮޅު ކޯލިޝަނުން ދަނީ ސުވާލު އުފައްދަމުންނެވެ.

މިއަދު އެކަމާ ގުޅިގެން ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވީ، ސުޕްރީމް ކޯޓަކީ ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ކަމަށް ވާތީ ޔާމީނަށް ހުކުމް ކުރި މައްސަލަ އެ ކޯޓުން ބަލަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ހުކުމުގެ މައްސަލަ ކޯޓުތަކުގެ ނިޒާމުގެ ތެރޭގައި ދަތުރުކުރުން ވެގެންދާނީ ރައްޔިތުންގެ އަދުލު އިންސާފުގެ ނިޒާމާ މެދު ސުވާލު އުފައްދާނެ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުން އަމިއްލަ އިސްނެގުމުގައި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމުގެ އިތުބާރު ހިފެހެއްޓުމުގެ ޒިންމާ އޮންނަނީ ސުޕްރީމް ކޯޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެބަ ޖެހޭ ހާއްސަ ފިޔަވަޅުތަކެއް އަޅަން އަމުރުތަކެއް ކުރަން މިހާރު މި އޮތް މައްސަލައަކީ އޭގެ ޒާތުގައި ކޯޓުން ބޭރުކުރަން ޖެހޭ މައްސަލައެއްކަން މިހާރުން މިހާރަށް. މި މައްސަލަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިޒާމުގެ ތެރޭގައި ދަތުރުކުރުން ވެގެންދާނީ އަޅުގަނޑު ދެކޭ ގޮތުގައި އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމާ ދޭތެރޭ މީހުންގެ ހިތުގައި ވަރަށް ބޮޑެތި ސުވާލުތައް އުފެދޭނެ ކަމަކަށް،"

އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން އިދިކޮޅު އެންމެ އިސް ލީޑަރުގެ މައްޗަށް ޣައިރުގާނޫނީ ހުކުމެއް ކޮށްފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓަށް މިކަމުން ކުރިމަތިވެފައި ވަނީ ބޮޑު އިމްތިހާނަކާ ކަމަށް އޭނާ ވިދާޅުވި އެވެ. ޖުޑިޝަރީއަށް އިތުބާރު ކުރެވޭނެކަން ނުވަތަ ނޫންކަން އެނގިގެންދާނީ އެ އިމްތިހާނުން ފާސްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއަދު މި އޮތް ސުޕްރީމް ކޯޓަށް ދިމާވާނެ އެންމެ ބޮޑު ޓެސްޓު، އިމްތިހާނު މި އޮތީ ދިމާވެފައި،" ޖަމީލު ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުން މިއަދު ތުހުމަތުކުރި ގޮތުގައި އެމަނިކުފާނަށް ކުރި ހުކުމަކީ ރައީސް އޮފީހުގެ ތެރެއިން އައި ހުކުމެކެވެ. އަދި ގާޒީންނަށް ނުފޫޒު ފޯރުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ވެސް ތުހުމަތު ކުރި އެވެ.

އޭގެ އިތުރުން، ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭތީ ފޯމޭޝަން ބަދަލުކުރާނެ ކަމަށް ކުރިން ބުނި ނަމަވެސް، ފޯމޭޝަން ބަދަލުނުކޮށް، އެހެން ނިޒާމު އޮތުމުގެ ފައިދާ ނަގައި ޔާމީންގެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރި އެވެ. އަދި ޖޭއެސްސީގައި ތިބި ގިނަ ބޭފުޅުންނަކީ "ސިޔާސީ އެކްޓިވިސްޓުން" ކަމަށާއި ޔާމީނަށް ހުކުމް ކުރީ އެ ބޭފުޅުންގެ ނުފޫޒުން ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން، އޯޑިއޯތަކުގެ މައްސަލަ ޖޭއެސްސީން ބެލުމަކީ ވެސް "ޖޯކެއް" ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން، ޔާމީންގެ މައްސަލަ ބަލަން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލި ގޮތުގެ އިޖުރާއަތްތައް ވެސް ހިންގީ ގޯސްކޮށް ކަމަށް ބުނެފައިވެ އެވެ. އަދި ވަކީލުން ތުހުމަތު ކުރި ގޮތުގައި ބެންޗެއް ހަދައި ގާޒީންނާ ހަވާލުކުރީ ހުކުމް ލިޔެފައި އޮތް ގޮތަކަށް ސޮއިކުރުމަށެވެ.

ޔާމީންގެ ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށޭނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.