Roadha Mihaaru
ފަނޑިޔާރުކަމަށް ހުށަހަޅަން 4 ގަޑިއިރުގެ އިތުރު ވަގުތު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަތަރު ގަޑިއިރަށް އިތުރުކޮށްފި

28 ނޮވެމްބަރ 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް އިތުރުކޮށްދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް އިތުރުކޮށްދީފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ފަނޑިޔާރު ކަމުން ރިޓަޔާވެ ވަޑައިގަތުމުންނެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ކުރިން ހުޅުވާލާފައި އޮތީ މިއަދު މެންދުރު 12 އާ ހަމައަށެވެ. އެކަމަކު ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ފުރުސަތު މިއަދު ހަވީރު 4 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތަކީ އުމުރުން 30 އަހަރުވުމާ އެކު، ގާނޫނީ ދާއިރާއިން ނުވަތަ ޝަރީއާ އިން ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައިި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖްރިބާ ހުރުމެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، މަޖިލީހުންނެވެ.

ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އެ ކޯޓަށް ދާދި ފަހުން އައްޔަން ކުރެއްވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އޭގެ ތެރެއިން ފަނޑިޔާރު ޣަނީ ވެސް މަގާމުން ވަކިކުރަން ޖޭއެސްސީން އޮތީ މަޖިލީހަށް ފޮނުވައިފަ އެވެ.