Roadha Mihaaru
ކާލެވޭ ގޮތަށް ގޮދަނުން ތައްޓެއް ހަދައިފި

ކާލެވޭ ގޮތަށް ގޮދަނުން ތައްޓެއް ހަދައިފި

01 ޑިސެމްބަރ 2019

ކުނީގެ ގޮތުގައި އުކައިލާ އެއްޗެހި މަދުކުރުމުގެ ގޮތުން، ކާލެވޭ ގޮތަށް ދެކުނު އެފްރިކާގެ ކުންފުންޏަކުން ގޮދަނުން ތަށި ހަދައި ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުނީގެ ގޮތުގައި އުކައިލާ އެއްޗެހި މަދުކުރުމުގެ ގޮތުން، ކާލެވޭ ގޮތަށް ދެކުނު އެފްރިކާގެ ކުންފުންޏަކުން ގޮދަނުން ތަށި ހަދައި ވިއްކަން ފަށައިފި އެވެ.

އެ ގައުމުގެ ސްޓާޓަޕެއް ކަމަށްވާ މަންޗް ބޯލްޒް އިން ގޮދަނުން ތަށި ތައްޔާރުކުރީ ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވިދާނެ ތިމާވެއްޓާ ރައްޓެހި އެއްޗެއް އުފެއްދުމުގެ ބޭނުމުގަ އެވެ. އެހެންވެ ބޯ ތައްޓެއްގެ ސިފައިގައި ހުންނަ މި ތައްޓަކީ އެއަށް އަޅައިގެން ކާ އެއްޗަކާ އެކު ކައިލެވޭނެ ތައްޓެކެވެ. ނަތީޖާ އަކީ އުކައިލަން ނުވަތަ ދޮންނަން ވެސް ޖެހޭ އެއްޗެއް ނެތުމެވެ.

މަންޗް ބޯލްޒް އިން ބުނިގޮތުގައި ގޮދަނުން ތައްޔާރުކުރި ތައްޓަކީ ހޫނު ސޫޕެއް ވެސް ފަސް ގަޑިއިރަށް ހިފަހައްޓައިލާނެ އަދި 15 ވަރަކަށް ދުވަހަށް ރައްކާކޮށްގެން ބޭނުން ވެސް ކުރެވިދާނެ އެއްޗެކެވެ. މި ތައްޓަށް ލިބެމުން އަންނަ މަގުބޫލުކަން ބޮޑަމުން އަންނަ އިރު، މި އުފެއްދުން މާކެޓްކުރަނީ ޕިކްނިކާއި ޕާޓީތަކާއި އެ ނޫން ވެސް އެކި ކަހަލަ އިވެންޓްތަކުގައި ބޭނުން ކުރަން އެންމެ ރަނގަޅު ހަރަދު ވެސް ކުޑަ އަދި ކުނި ނުއުފެދޭ އެއްޗެއްގެ ގޮތުގަ އެވެ.

ގޮދަނުން ތައްޔާރުކޮށްފައިވާ ތަށިތަކެއް.

ގޮދަނުން ތައްޔާރުކޮށްފައިވާ ތަށިތަކެއް.

މަންޗް ބޯލްޒް އިން ބުނިގޮތުގައި ގޮދަނުން ތައްޔާރުކުރި ތަށިތައް މިހާތަނަށް ދެކުނު އެފްރިކާ އާއި ސިންގަޕޫރާއި ބެލްޖިއަމާއި ދުބާއީ ފަދަ ގައުމުތަކުގެ ޓޫރިސްޓް ހޮޓާތަކާއި ކުންފުނިތަކަށް ވިއްކާފައިވެ އެވެ. ތައްޓެއްގެ ހޯލްސޭލް އަގަކީ 33 ސެންޓެވެ.

ތަށިތައް ތައްޔާރުކުރަނީ އޯޑަރު ލިބޭ ވަރަކުންނެވެ. އެގޮތުން މިކަމަށް ހާއްސަ މެޝިނެއްގެ އެހީގައި ގަޑިއަކު 500 ތަށި ތައްޔާރުކޮށްލެވެ އެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން އުފެއްދުންތައް އިތުރުކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ސަމުސަލާއި އުލާފައި ކޮފީ ތައްޓާއި ކާ އެއްޗެހި އަޅާ އެކި ކަހަލަ ކޮންޓެއިނާތައް ހިމެނެ އެވެ.

މަންޗް ބޯލްޒް އިން ބުނިގޮތުގައި ތިމާވެއްޓާ ރައްޓެހި މިފަދަ އުފެއްދުންތަކަކީ އޭވިއޭޝަން ދާއިރާ އިން ވެސް ޕްލާސްޓިކާއި އެ ނޫން ވެސް ތިމާވެއްޓާ ރައްޓެހި ނޫން އުފެއްދުންތައް ދޫކޮށްލަން ބޭނުން ކުރަން ވަރަށް ރަނގަޅު އުފެއްދުމަށް ވާނެ އެވެ.

ގޮދަނުން ތައްޔާރުކޮށްފައިވާ ތައްޓެއްގައި ފުރްޓް ސެލެޑެއް.

ގޮދަނުން ތައްޔާރުކޮށްފައިވާ ތައްޓެއްގައި ފުރްޓް ސެލެޑެއް.

"މިއީ ހަރަދު ކުޑަ އަދި ކުނިން ސަލާމަތްވާނެ ގޮތެއް،" ގޮދަން ތަށި ތައްޔާރުކުރުމުގައި އިސް ރޯލެއް އަދާކުރި ވިޔަފާވެރިޔާ ޖޯޖިނާ ޑި ކްނޮކް ބުންޏެވެ.

ދާދި ފަހުން އިންޑިއާގައި ވެސް ވަނީ ސަޔާއި ކޮފީ ކަހަލަ އެއްޗެހި ބޮއިފައި ކައިލެވޭ ތައްޓެއް ތައާރަފުކޮށްފަ އެވެ.