Roadha Mihaaru
އިންވެސްޓްކުރަން އާދޭ! ނޫނީ ފުރުސަތު އޮތީ ޗައިނާއަށް

އިންވެސްޓްކުރަން އާދޭ! ނޫނީ ފުރުސަތު އޮތީ ޗައިނާއަށް: ގޯޓާބޭ

03 ޑިސެމްބަރ 2019

ކޮލަމްބޯ (ޑިސެމްބަރު 3) - ހުޅަނގުގެ ގައުމުތަކާއި އިންޑިއާ އިން ލަންކާގައި އިންވެސްޓް ނުކުރާ ނަމަ އަނެއްކާވެސް ޗައިނާ އިން އިންވެސްޓްމަންޓް ހޯދަން މަޖްބޫރުވާނެ ކަމަށް ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޑިސެމްބަރު 3) - ހުޅަނގުގެ ގައުމުތަކާއި އިންޑިއާ އިން ލަންކާގައި އިންވެސްޓް ނުކުރާ ނަމަ އަނެއްކާވެސް ޗައިނާ އިން އިންވެސްޓްމަންޓް ހޯދަން މަޖްބޫރުވާނެ ކަމަށް ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ގޯޓާބޭ ވިދާޅުވީ އެހެން ގޮތަކުން އެހީއެއް ލިބެން ނެތް ނަމަ އޭޝިއާގެ އެހެން ގައުމުތައް ވެސް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓަށް މިސްރާބު ޖަހާނެ ކަމަށެވެ.

ގޯޓާބޭގެ ބޭބޭފުޅު މަހިންދާ ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ޗައިނާއާ ގާތް ގުޅުމެއް އުފައްދައި އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށް ޗައިނާ އިން 7 ބިލިއަން ޑޮލަރުގެ ލޯނު ހޯދާފައިވެ އެވެ.

"އިންޑިއާ އާއި ޖަޕާން، ސިންގަޕޫރު އަދި އޮސްޓްރޭލިއާ އާއި އެހެން ގައުމުތަކަށް ގޮވާލަން ބޭނުން ވަނީ ލަންކާ އަށް އައިސް އިންވެސްޓް ކުރާށޭ. އެ ގައުމުތަކުގެ ކުންފުނިތަކުން ލަންކާގައި އިންވެސްޓްކޮށް އިގްތިސާދު ފުޅާކޮށްދޭން ޖެހޭ. އެކަމަކު އެ ގައުމުތަކުން އިންވެސްޓް ނުކުރަންޏާ ލަންކާ އަށް ވެސް އެހެން ގޮތެއް ނޯންނާނެ،" މިިދިޔަ މަހު 16 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި ގޯޓާބޭ ވިދާޅުވި އެވެ. "އެހެން ގައުމުތަކުން ފުރުސަތުތައް ނުދޭތީ ޗައިނާ އިން ބެލްޓް އެންޑް ރޯޑް މަޝްރޫއު ފުޅާކުރާނެ."

ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުއާ މެދު އިންޑިއާ އިން ކަންބޮޑުވަމުން ދަނީ ސަރަހައްދަށް ޗައިނާގެ ނުފޫޒް ގަދަކުރަމުންދާތީ އެވެ. ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ ދަށުން ޗައިނާ އިން ދަނީ އޭޝިއާ، އެފްރިކާ އަދި މެދުއިރުމައްޗާއި ޔޫރަޕުގެ ގައުމުތަކުގައި ބަނދަރާއި މަގުތަކާއި ރޭލްވޭ އަދި އިންޑަސްޓްރިއަލް ޕާކްތައް ހެދުމަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ހޭދަކުރަމުންނެވެ.

ޗައިނާ އިން ދިން ލޯނުތައް އަނބުރާ ދައްކަން ދަތިވުމުން ލަންކާ އިން ވަނީ ހަމްބަންޓޯޓާ ބަނދަރު 99 އަހަރަށް، 2017 ވަނަ އަހަރު ޗައިނާ އަށް ހަވާލުކޮށްފަ އެވެ. ގޯޓާބޭ ވިދާޅުވީ ބަނދަރު ހަވާލު ކުރި އެއްބަސްވުމާ ގުޅޭ ގޮތުން ޗައިނާއާ އެކު އަލުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.

"ހަމްބަންޓޯޓާ ކަހަލަ ސްޓްރެޓެޖިކަލީ މުހިންމު ހުރިހާ ޕްރޮޖެކްޓެއްގެ ކޮންޓްރޯލް ސަރުކާރަށް އޮންނަން ބޭނުންވޭ،" ގޯޓާބޭ ވިދާޅުވި އެވެ.

ލަންކާގެ އާ ރައީސް ވިދާޅުވީ ޗައިނާއާ އެކު ލަންކާ އިން ބޭއްވި ގުޅުމާ މެދު ކުށްހީތަކެއް ކުރެވިފައިވާ ކަމަށެވެ.

"އެކަމަކު ޗައިނާއާ އެކު ވެސް ގާއިމްކުރީ ހަމަ ސީދާ ވިޔަފާރީގެ އެއްބަސްވުންތަކެއް،" ގޯޓާބޭ ވިދާޅުވި އެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ގޯޓާބޭ ވަނީ އެމަނިކުފާނު ގެންގުޅުއްވާނީ ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ކަމަށް ވިދާޅުވެފަ އެވެ.