Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

05 ޑިސެމްބަރ 2019

ބޮލީވުޑްގެ ދެ ފަންނާނެއްގެ ދަރިން ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ސަބް ކުޝަލް މަންގަލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ދެ ފަންނާނެއްގެ ދަރިން ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ސަބް ކުޝަލް މަންގަލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 3 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ފިލްމުން ތައާރަފުކުރާ ދެ ތަރިންނަކީ ކުރީގެ ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ފިރިހެން ދަރިފުޅު ޕްރިޔާންކް ޝަރުމާ އާއި އެކްޓަރު ރަވީ ކިޝަންގެ އަންހެން ދަރިފުޅު ރިވާ ކިޝަން އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ކަރަން ވިޝްވަނާތު ކެޝަޕް ޑައިރެކްޓްކޮށްފައިވާ "ސަބް ކުޝަލް މަންގަލް" ގެ މުހިއްމު ރޯލަކުން އަކްޝަޔޭ ކަންނާ ވެސް ފެންނާނެ އެވެ.

ޕްރިޔާންކްގެ އޭނާގެ މަންމަ ޕަދުމިނީ އަކީ މޮޅު ބަތަލާއަކަށްވެފައި، ދެބެއިންގެ ދެދަރި ތަރިން ކަމަށްވާ ޝްރަދާ ކަޕޫރާއި ސިދާންތު ކަޕޫރް ފަދަ ތަރިންނަކީ މިހާރު ބެލުންތެރިން ބަލައިގެންފައިވާ ތަރިންނަށްވާތީ ޕްރިޔާންކް ވެސް މޮޅު އެކްޓަރަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރާނެ އެވެ.

"މަނިކަރްނިކާ" ޖަޕާނަށް

މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ ތާރީހީ ހަނގުރާމަ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އަންނަ މަހު ޖަޕާނުގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ކަންގަނާ ޓައިޓްލް ރޯލް ކުޅެ، ޑައިރެކްޝަނުގައި ވެސް ހިއްސާވި ފިލްމު ޖަޕާނުގައި ދައްކަން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ. ފިލްމު ޕްރޮމޯޓްކުރަން ޖަޕާނު ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ޖެނުއަރީ މަހުގެ 25 ގައި ރިލީޒްކުރި "މަނިކަރްނިކާ" އަކީ ބޮކްސް އޮފީހުގައި 152 ކްރޯޑް ރުޕީސް (22 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި މި ފިލްމު ހަދާފައި ވަނީ 125 ކްރޯޑް (17 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ވަޝިސްތާގެ ބައޮޕިކެއް

އިންޑިއާގެ ކުރީގެ ކުޅަދާނަ ހިސާބު އިލްމުވެރިޔާ ޑރ. ވަޝިޝްތާ ނާރަޔަން ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައިފި އެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ފަރްހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުންނެވެ. ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައިނުވާ އިރު، މި ފިލްމު ޑައިރެކްޓްކުރާނީ "ބެއްޔާޖީ ސުޕަހިޓް" އާއި "ރައިޓް ޔާ ރޯންގް" ފަދަ ފިލްމުތައް ގެނެސްދިން ދިން ނީރަޖް ޕަތެކެވެ.

އިންޑިއާގެ ބިހާރަށް އުފަން ވަޝިސްތާގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމި އިރު، އުމުރުން 77 އަހަރުގައި އޭނާ މަރުވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.

އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ރިތިކް ރޯޝަން މި އަހަރު ކުޅުނު "ސުޕަ 30" ގައި ކިޔައި ދީފައިވާ އިރު، ވިދިޔާ ބާލަން ވެސް މިހާރު އަންނަނީ "ހިއުމަން ކޮމްޕިއުޓާ" ގެ ނަމުން މަޝްހޫރުވި އަންހެން ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

ފާތިމާ އަށް ކަރަންގެ ފިލްމެއް

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ވިންގް ދަރުމެޓިކް އެންޓައިންމަންޓުން ހަދާ ކުރު ފިލްމަކަށް ފާތިމާ ސަނާ ޝެއިހް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ރިލީޒްކުރި "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާ ސޮއިކުރި ދަރުމެޓިކްގެ ފިލްމު ޑައިރެކްޓްކުރާނީ މިދިޔަ އަހަރު "ދަޅަކް" ގެނެސްދިން ޝިޝާންކް ކައިތާނެވެ. އަދި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެ އެވެ.

ފާތިމާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އަނޫރާގް ބާސޫ އަންނަ އަހަރު ގެނެސްދޭ ފިލްމަކާއި ސައިފް އަލީ ޚާނާއި އަލީ ފަޒަލްއާ އެކު ކުޅޭ ހޮރޯ-ކޮމެޑީ "ބޫތު-ޕޮލިސް" ހިމެނެ އެވެ.