Roadha Mihaaru
ޒުވާނުންގެ ގައުމީ އިނާމަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

29 ސެޕްޓެމްބަރ 2016

ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ޒުވާނުންގެ ގައުމީ އިނާމު މި އަހަރު ދޭން ނިންމާފައި ވަނީ 10 ދާއިރާއަކުންނެވެ. މީގެ އިތުރުން މި އަހަރު ވެސް ޝަހީދު ޖަވާދު އުމަރުގެ ހަނދާނީފިލާ ދޭނެ އެވެ.

ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީ އަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެމީހުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރު އަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޒުވާނުންގެ އިނާމަށް ހޮވޭ މީހުންނަށް އެވޯޑާއި ސެޓްފިކެޓާއި 25,000ރ. ގެ ފައިސާގެ އިނާމެއް ދެ އެވެ.

ޒުވާނުންގެ ގައުމީ އިނާމު ދިނުމުގެ ހަފުލާ އޮންނާނީ ޒުވާނުންގެ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 17 ގަ އެވެ.

މިދިޔަ އަހަރު ޒުވާނުންގެ ގައުމީ އިނާމް ހަ ދާއިރާއަކުން ހަ ޒުވާނަކަށް ދީފައިވެ އެވެ.