Roadha Mihaaru
އިންކަމް ޓެކްސް ދައްކަން އޯކޭ، އެކަމަކު ސުވާލުތަކެއް!

އިންކަމް ޓެކްސް ދައްކަން އޯކޭ، އެކަމަކު ސުވާލުތަކެއް!

05 ޑިސެމްބަރ 2019

އެކަކު ބުންޏެވެ؛ "އިންކަމް ޓެކްސް ދައްކަން ތައްޔާރެވެ! އެކަމަކު މިކަންކަން ވާނެ ހެއްޔެވެ؟"

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެކަކު ބުންޏެވެ؛ "އިންކަމް ޓެކްސް ދައްކަން ތައްޔާރެވެ! އެކަމަކު މިކަންކަން ވާނެ ހެއްޔެވެ؟"

އޭނާ ކުރި ސުވާލުތަކަކީ މި އެވެ؛ ކަރަންޓު އަގުހެޔޮވާނެ ހެއްޔެވެ؟ ފެން ބިލް ކުޑަވާނެ ހެއްޔެވެ؟ އަސާސީ ހިދުމަތްތައް ކުޑަވާނެ ހެއްޔެވެ؟ ކުލި ކުޑަވާނެ ހެއްޔެވެ؟ ސިއްހީ ހިދުމަތް ރަނގަޅުވާނެ ހެއްޔެވެ؟

ހަގީގަތުގައި ރަނގަޅު ސުވާލުތަކެކެވެ؛ އެހެން ޓެކްސްތަކާ ހިލާފަށް އިންކަމް ޓެކްސްއާ ގުޅިގެން މި ސުވާލުތައް އަންނަނީ އިންކަމް ޓެކްސް ނަގަނީ މުއްސަނދިންނާއި ފަގީރުންގެ ތަފާތު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ވާތީ އެވެ. އެހެންވެ، ޓެކްސް ދައްކާ މުއްސަނދި މީހާ އަށް، ފަގީރު މީހާގެ ދިރިއުޅުން ރަނގަލުވާތަން ފެންނަން އެބަޖެހެ އެވެ. އެކަމަކު ރާއްޖޭގައި މި ޓެކްސްއާ އެކު އެ ފަރަގު ކުޑަކުރެވިދާނެތޯ، މިއީ އެންމެންގެ ވެސް ސުވާލެކެވެ.

"ނުވާނެ، އެ ފައިސާ ހަމަ ހޭދަކުރާނީ މުވައްޒަފުންނަށް މުސާރަ ދޭން،" އޭނާގެ އެ ސުވާލުތަކަށް އެހެން މީހަކު ޖަވާބު ދީފައިވެ އެވެ.

ބައެއް މީހުންގެ ނަޒަރުގައި އިންކަމް ޓެކްސް ނަގަން ފަށައިފި ނަމަ، އޭގެ ސީދާ އަސަރު އެކަމަކަށް ކުރަން ޖެހޭނެ އެވެ. މިސާލަކަށް، ސިނގިރޭޓުން ނަގާ ޑިއުޓީ، ސިއްހީ ހޭލުންތެރިކަމަށް، ގްރީން ޓެކްސް ތިމާވެށި ހިމާޔަތް ކުރުމަށް އަދި އިންކަމް ޓެކްސް އިން އަސާސީ ހިދުމަތްތައް ރަނގަޅު ކުރުން ހިމެނެ އެވެ. އެކަމަކު ރާއްޖޭގައި ނަގާ ހުރިހާ ޓެކްސް އެއް ބަޖެޓެއްގެ ތެރެއަށް ގޮސް ހުރިހާ ކަމެއްގެ ތެރެއަށް ވަދެ ނިމެނީ އެވެ. އެހެންވެ، އަސާސީ ގިނަ ހިދުމަތްތައް ހުންނަނީ ހަމަ ހުންނަ ހިސާބެއްގަ އެވެ.

އިންކަމް ޓެކްސް ގާނޫނު އެކުލަވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ޓެކްސް ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ، އިންކަމް ޓެކްސްއާ އެކު ސީދާ ގޮތެއްގައި ވަކިވަކި ކަންކަމަށް ބަދަލުތަކެއް ނައި ނަމަވެސް، ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުވޭތޯ ބަޖެޓުގެ ތެރެއިން ބެލޭނެ ކަމަށެވެ.

"މިސާލަކަށް ހެނދުނުގެ ނާސްތާ، ކަރަންޓް ސަބްސިޑީ، އެނޫން ވެސް ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ހިދުމަތްތަކަށް ލާރި ހަރަދުވާނެ. މިކަންކަން ކުރެވޭނީ ޓެކްސް ވެސް ނަގައިގެން،" އޭނާ ވިދާޅުވި އެވެ.

އަރުޝަދު ވިދާޅުވީ، އާންމުގޮތެއްގައި ޓެކްސް ނެގެނީ އާމްދަނީ އިތުރުކުރުމަށް ނަމަވެސް މިހާރު ރާއްޖޭގައި އޮތް އިންކަމް ޓެކްސް އަކީ ބޮޑު އާމްދަނީއެއް ހޯދުމުގެ ބަދަލުގައި، މުޅި ޓެކްސް ނިޒާމު ފުރިހަމަކޮށް ވަށާ ޖެހޭ ނިޒާމެއް ގާއިމް ކުރުމަށްޓަކައި ތައާރަފް ކުރާ ޓެކްސްއެއް ކަމަށެވެ. އެގޮތުން އާމްދަނީގެ ފަރަގުތައް ކުޑަ ކުރުމަށް ފުރުސަތު ލިބި، ވަގު ވިޔަފާރި އާއި މަނީ ލޯންޑަރިން ފަދަ އަމަލުތައް ހުއްޓުވުމަށް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަގު ވިޔަފާރިއެއް ނުވަތަ މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުން އެކަން ބަލަން ވެސް އިތުރަށް ފަސޭހަ ވާނެ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އިންކަމް ޓެކްސްގެ ތެރެއިން ދައުލަތުގެ ފައިސާ ރައްކާކޮށް ފައިސާގެ ނާޖައިޒް ފައިދާ ހޯދުން ހުއްޓުވުން ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ. ރައްޔިތުންގެ އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރަށް ބޭނުންވާ ފަސޭހަތައް ފޯރުކޮށްދިނުމުގެ ކަންކަން ބިނާ ވާނީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާ ގޮތްތަކާއި ބަޖެޓުގައި ކަންކަން ރާވާ ގޮތުގެ މައްޗަށެވެ.

ކުލި ބޮޑުވެދާނެތަ؟

އިންކަމް ޓެކްސްގެ އައުމާ އެކު ދެން އޮތް ސުވާލަކީ ތަންތަނުގެ ކުއްޔަށް އަތުވެދާނެ ބަދަލެވެ. ބައެއް މީހުންނަށް ގަބޫލު ކުރެވިފައިވާ ގޮތުން، ގެދޮރު ކުއްޔަށް ދީފައިވާ މީސްމީހުންގެ އާމްދަނީން ޓެކްސް ނަގަން ފެށުމުން އެ މީހުން އެބައި ހޯދަން، ކުއްޔަށް ދޫކުރި ތަންތަނުގެ އަގު ބޮޑުކުރާނެ އެވެ. އެކަމަކު އެކަން އޮތީ މުޅިން އެހެނެއް ނޫނެވެ.

މީގެ ކުރިން ތަންތަނުގެ ކުލިން ޓެކްސް ދައްކާ މީހުންނަށް ވެސް ބޮޑު ލުޔެއް އާ ގާނޫނުން ވަނީ ލިބިފަ އެވެ. ކުރިން އޮންނަ އުސޫލުގެ ތެރެއިން ކުލީގެ ފައިދާގެ ގޮތުގައި އަހަރެއްގެ މައްޗަށް ފަސް ލައްކަ ލިބޭ ނަމަ އޭގެ 15 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެ އެވެ.

އަލަށް މި ގެނައި ބަދަލާ އެކު ކުލީގެ އާމްދަނީން ދައްކަން ޖެހޭ ޓެކްސް ވަރަށް ބޮޑަށް ކުޑަވާނެ އެވެ. އިންކަމް ޓެކްސްއާ އެކު އާމްދަނީގެ ގޮތުގައި ކުލިން ވެސް ޓެކްސް ދައްކަން ޖެހޭނީ 720،000ރ. ލިބޭ މީހުންނެވެ. ދައްކަން ޖެހޭނީ ލިބޭ އާމްދަނީގެ 5.5 ޕަސެންޓެވެ. އެހެންކަމުން ކުލީގެ އާމްދަނީން ޓެކްސްގެ ގޮތުގައި ދައްކަނއ ޖެހޭވަރު ވަރަށް ބޮޑަށް ކުޑަވާނެ އެވެ.

އަރުޝަދު ވިދާޅުވީ، އާންމު ގޮތެއްގައި އާ ޓެކްސްއެއް ތައާރަފް ކުރާ ކޮންމެ ދަޑިވަޅެއްގައި ތަކެތީގެ އަގަށް ބަދަލު އަންނަ ނަމަވެސް އިންކަމް ޓެކްސްގެ ތެރެއިން ގޭގެ ކުލި ބޮޑު ކުރުމަށް އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ރ. ފައިނުގައި ބަޔަކު ތާސްބައި ކުޅެނީ: އާންމު ދިރިއުޅުމުގެ ހާލަތު ރަނަގޅުވާން ޖެހޭ ---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ. ފައިނުގައި ބަޔަކު ތާސްބައި ކުޅެނީ: އާންމު ދިރިއުޅުމުގެ ހާލަތު ރަނަގޅުވާން ޖެހޭ ---މިހާރު ފޮޓޯ: ހުސައިން ވަހީދު

"އިންކަމް ޓެކްސް ގާނޫނު އޮތް ގޮތުން ކުލިން އާމްދަނީ ލިބޭ މީހުންނަށް ކުރިއަށް ވުރެ ވެސް ފަސޭހަ ވާނީ." އޭނާ ވިދާޅުވި އެވެ.

ހޭދަކުރަން ވާނީ ޓެކްސް ނަގާ ބޭނުމަށް!

އިންކަމް ޓެކްސް ނަގާ ބޭނުމަކީ، ރައްޔިތުންގެ މަޖިލީހުގެ ބަހުސްތަކުން އެނގޭ ގޮތުގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމެވެ. އެކަމަކު ދައުލަތުން ހުށަހެޅި ބަޖެޓްގައިވާ ގޮތުގައި، އެއީ ދައުލަތަށް އާމްދަނީ އިތުރު ކުރަން ނަގާ ޓެކްސް އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންކަމް ޓެކްސް ނަގަނީ އަސާސީ ބޭނުންތައް ރަނގަޅު ކުރަން ކަމަށް ވާއިރު، އެ ފައިސާ އިން އެހެން ބޭނުންތައް ކުރުމަކީ އާންމުންގެ ބޮޑު ހިތްހަމަނުޖެހުމެވެ. ވަރަށް ކުރުކޮށް ބައެއް މީހުން ބުނާ ގޮތުން، "ސަރުކާރުގެ އިސް ވެރިން ދަތުރުކުރަން އެ ފައިސާ ހޭދަކޮށްގެން ނުވާނެ" އެވެ.

އަދި ސިޔާސީ މުވައްޒަފުން އިތުރުކޮށް، ދައުލަތުގެ ރިކަރަންޓް ހަރަދުތައް އެއިން ފޫބައްދާ ނަމަ އެ ޓެކްސް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އޭގެ ބަދަލުގައި، ޓެކްސް ދައްކާ މީހުން ބޭނުންވާނީ އަސާސީ ހިދުމަތްތައް ކުރިއަރާ ތަން ދެކޭށެވެ.

އާ ޓެކްސްއެއް ތައާރަފް ކުރާ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުން މިފަދަ ޝަކުވާތައް ކުރަންޖެހޭ ސަބަބުތައް ވަރަށް ބައިވަރެވެ. ރާއްޖޭގައި ގާތްގަނޑަކަށް މީހުން ދިރިއުޅޭ 190 ރަށް އޮންނަ އިރު އޭގެ ތެރެއިން އަދިވެސް ގިނައީ ފެނައި ނަރުދަމާގެ ހިދުމަތް ނެތް ރަށްތަކެވެ. އަދިވެސް ގިނައީ ބްލަޑް ޓެސްޓެއް ހަދާލަން ވެސް މާލެ އަންނަން ޖެހޭ ރަށްތަކެވެ. ސިއްހީ ހިދުމަތްތަކާއި ގާނޫނު އަސާސީން ރައްޔިތުންނަށް ކޮންމެހެން ކަށަވަރު ވާންޖެހޭ ހިދުމަތްތައް ވެސް ނެތް ރަށްތައް އަދިވެސް ގިނަ އެވެ.

ޖީއެސްޓީ ނަގަން ފެށުމާ އެކު ވެސް ކުދިވިޔަފާރިވެރިން ވަރަށް ބޮޑަށް ޝަކުވާ ކުރި އެވެ. އޭރު އެ މީހުން ޝަކުވާ ކުރީ ޓެކްސް ދައްކާއިރު އެ މީހުންނަށް ލިބޭނީ ކޮން އިނާޔަތްތަކެއްތޯ އެވެ. އޭގެ ބަދަލުގައި އެ ޓެކްސް ވަރަށް ބޮޑު ބުރައަކަށް ވެ، ވިޔަފާރިތައް ވީ ބަނގުރޫޓެވެ. ބައެއް ވިޔަފާރިވެރިންނަށް ހިންދަމާވެސް ނުލެވުނެވެ.

އިންކަމް ޓެކްސް ދައްކަން ތައްޔާރު ކަމަށް ބުނާ މީހާ އެ ކުރި ސުވާލުތަކަށް ސަރުކާރުން ރަނގަޅަށް ޖަވާބު ދޭން ޖެހެ އެވެ. އެއީ އަމަލީ ގޮތުންނެވެ. އޭގެ ފައިދާ ލޮލަށް ފެންނަން ޖެހެ އެވެ.