Roadha Mihaaru
ޝަހީބު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ޝަހީބު ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

02 ނޮވެމްބަރ 2020

ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްގެ މައްސަލާގައި ހައްޔަރުކުރި، ޕީއެންސީ ކައުންސިލްގެ މެމްބަރު ޝަހީބް އިބްރާހިމް ދޫކޮށްލި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްގެ މައްސަލާގައި ހައްޔަރުކުރި، ޕީއެންސީ ކައުންސިލްގެ މެމްބަރު ޝަހީބް އިބްރާހިމް ދޫކޮށްލި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ހައްޔަރުކުރި ޝަހީބު ދޫކޮށްލީ، އޭނާގެ ބަންދަށް ދިން 14 ދުވަހުގެ މުއްދަތު ހަމަވުމުން އެކަމާ މެދު ގޮތެއް ނިންމަން މިދިޔަ ބުދަ ދުވަހު ކޯޓަށް ގެންދިޔުމުންނެވެ. ފުލުުހުން ބުނި ގޮތުގައި ކޯޓުން އޭނާ ދޫކޮށްލީ، ދެ ވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު ހުށަހަޅާފައިވަނިކޮށެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފުކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދުނީ އެވެ.

އެ މައްސަލައިގައި "މިހާރު"އާ ކުރިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ބޮޑުން ހިމެނޭ މި ފަދަ މައްސަލަތަކުގައި، ފަސޭހައިން މިނިވަންވެވޭނެ ގޮތްތައް އޮންނަނީ ހޯދައިފަ އެވެ. އޭނާ ދެއްކެވީ، ޝަހީބު ބަންދުގައި ބަހައްޓަން ކޯޓުން ފުރަތަމަ ދިން އަމުރުގައި، ތަހުގީގު ވަކި މުއްދަތެއްގައި ފުރިހަމަކޮށް، ބަޔާނެއް ކޯޓަށް ހުށަހަޅަން އަންގާފައި އޮތް އޮތުމެވެ.

ޝަހީބު ބަންދުކުރަން ނެރުނު އަމުރުގައި، އެދިފައި ވަނީ ދެން އޮންނަ މަޖިލީހަށް ހާޒިރުވާއިރު، އޭނާގެ ތަހުގީގު ބަޔާން ނަގައި ޕީޖީ އޮފީހާ މަޝްވަރާކުރުމަށް ފަހު ކޯޓަށް ހުށަހެޅުމަށެވެ. ނެޓްވޯކުތައް ގުޅިގެން ހިންގާކަމަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުގީގު ބަޔާން ނަގައި ކޯޓަށް ހުށަހަޅަން ވަކި މުއްދަތެއް ދިނުމަކީ، މިފަދަ މައްސަލަތަކުގައި މީގެ ކުރިން އަމަލުކުރަން އަންގާ އުސޫލެއް ނޫނެވެ.

މުއްދަތު މަޖިލީހަށް ޝަހީބުގެ ތަހުގީގު ބަޔާނެއް ހުށައެއްނާޅަ އެވެ. ޝަރުތުތަކަކާ އެކު އޭނާ ބަންދުން ދޫކޮށްލި ސަބަބަކީ ކުރިން އެންގި ގޮތަށް ބަޔާން ހުށަނޭޅުމެވެ. މަސްތުވާތަކެތީގެ މައްސަލައިގައި ޝަހީބު ހައްޔަރުކުރުމާއެކު އޭނާ ވަނީ ޕީއެންސީން ސަސްޕެންޑުކޮށްފަ އެވެ. އޭނާ އަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާ އަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ކުރި މީހެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި ފްލެޓު ދިން ކަމަށް ތުހުމަތުުކުރެވުނު މައްސަލައިގައި ވެސް ޝަހީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައި ވެ އެވެ.