Roadha Mihaaru
ޝަޒައިލް ސަސްޕެންޝަންގައި، އިބޫ އަށް ފިޔަވަޅެއް ނާޅާ!

ޝަޒައިލް ސަސްޕެންޝަންގައި، އިބޫ އަށް ފިޔަވަޅެއް ނާޅާ!

09 ޑިސެމްބަރ 2019

ކޮރަޕްޝަން ހިންގެވި ކަމަށް ތުހުމަތުކޮށް، މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސެޕްންޑްކޮށްފައި ހުރި އިރު، ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް އަދި ފިޔަވަޅެއް ނާޅަ އެވެ.

ކޮރަޕްޝަން ހިންގެވި ކަމަށް ތުހުމަތުކޮށް، މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސެޕްންޑްކޮށްފައި ހުރި އިރު، ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް އަދި ފިޔަވަޅެއް ނާޅަ އެވެ.

މިދިޔަ އޮކްޓޯބަރު 15 ގައި ޝަޒައިލް ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން އާއްމުކޮށްފައިވާ ޕޯޓަލް އަށް ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަތައް ސީރިއަސް ކަމަށް ބެލެވިގެން ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ނިމެންދެން އޭނާ ސަސްޕެންޑްކުރީ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އޭގެ ފަހުން، އެ މައްސަލައިގައި ރައީސް އޮފީހުން އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލާ އެއްވެސް މުއައްސަސާއަކުން އޭނާއާ ސުވާލު ނުކުރާ ކަމަށް އެނގިފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ ޕްރައިސަސް (އެސްއޯއީ) ކޮމިޓީ އަށް ޝަޒައިލް ހާޒިރުކޮށް، މައުލޫމާތު ސާފުކުރީ މޯލްޑިވް ގޭހަށް އަގުބޮޑުކޮށް ގޭސް ގަންނަ ކަމަށް ބުނެ މީހަކު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ. ޝަޒައިލް ސަސްޕެންޑް ކުރުމާ ގުޅޭ ގޮތުން އެ ކޮމިޓީން ވެސް މައްސަލައެއް ނުބަލަ އެވެ.

ޝަޒައިލަށް ތުހުމަތުކުރި ފަދަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރެއްވުމުގެ ތުހުމަތު އިބޫ އަށް ވެސް ވަނީ ކޮށްފަ އެވެ. ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއް ނެގުން، ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ބޯޓު ނެގުން، ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލަ އެސްއޯއީ ކޮމިޓީން ވެސް ވަނީ ބަލައިފަ އެވެ. ކޮމިޓީން ނިންމާފައި ވަނީ ބޯޓް ނައްތާލުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައިނުވާ އިރު ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބޫ އަމަލުކުރައްވާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޕީސީބީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.

މީގެ އިތުރުން، އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ ގްރޭޓާ މާލެ ކުންފުނީގެ އެމްޑީ އިބޫ އަށް 300،000 ޑޮލަރު (4.6 މިލިއަން ރުފިޔާ)ގެ ކޮރަޕްޝަނުގެ ތުހުމަތެއް ވެސް ކޮށްފައިވާ ކަމަށް ވެ އެވެ. ނަމަވެސް ތަފްސީލް ވާހަކަތައް އާންމެއް ނުކުރެ އެވެ.

އެކަމަކު، އެއް ބައެއްގެ ކަންބޮޑުވުމަކީ އިބޫ އަށް މިހާ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އަދި ގާނޫނާ ޚިލާފަށް ވެސް އޭނާ އަމަލުކުރައްވާފައިވާ ކަމަށް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ބުނި ނަމަވެސް ފިޔަވަޅެއް ނާޅައި މަގާމުގައި ބެހެއްޓުމެވެ. އެކަމަކު، މޯލްޑިވް ގޭހުގެ އެމްޑީ އަދި މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިސް މެމްބަރު ޝަޒައިލް އަށް ތުހުމަތު ކުރެވުނު މައްސަލައިގައި ސުވާލެއް ވެސް ކުރުމެއް ނެތި ސަސްޕެންޑްކުރުމެވެ. އޭގެ ފަހުން މިހާރު ދެ މަސް ވަނީ އެވެ.

އިބޫއަކީ ކުރިންސުރެ އެމްޑީޕީގެ މެމްބަރެކެވެ.

މި ސަރުކާރުން ވަނީ "ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތެއް އިއުލާންކޮށްފަ އެވެ. މި ސިޔާސަތަށް، ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން އަމަލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގޮވާލައްވައިފަ އެވެ.

ކޮރަޕްޝަނަށް އެންމެ ބޮޑަށް މަގުފަހިވަނީ ޕްރޮކިއުމަންޓާއި ބިޑު ހުށަހެޅުމުގެ ތެރެއިންކަން ފާހަގަކުރައްވައި އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވަން ވެސް ކުންފުނިތަކުގެ ވެރިންނަށް ރައީސް ވަނީ ގޮވާލައްވައިފަ އެވެ. އެގޮތަށް މަޝްރޫއުތައް ހަވާލުކުރެވެނީ، މާލިއްޔަތު ގަވާއިދަށް ކުރީގެ ސަރުކާރުގައި ގެނެސްފައިވާ އިސްލާހުގެ ސަބަބުން ކަން ފާހަގަކޮށް އެ އިސްލާހު އުވާލަން އޭސީސީން ވަނީ ކަމާ ބެހޭ އިދާާރާތަކަށް ލަފާ ދީފަ އެވެ.