Roadha Mihaaru
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު

އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު

11 ޑިސެމްބަރ 2019

ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާ މެދުގައި ފިޔަވަޅު ނާޅައި އޮތީ މިހާތަނަށް އައި އިރު، އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ރައީސް އޮފީހަށް ލިބިފައި ނުވާތީ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާ މެދުގައި ފިޔަވަޅު ނާޅައި އޮތީ މިހާތަނަށް އައި އިރު، އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ރައީސް އޮފީހަށް ލިބިފައި ނުވާތީ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ތުހުމަތު ކުރެވިފައިވާ އިބޫއާ މެދުގައި އެއްވެސް ފިޔަވަޅެއް ނާޅައި، ހަމަ އެފަދަ ތުހުމަތެއްގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސެޕްންޑްކޮށްފައި ހުންނަ މައްސަލައިގައި ސަރުކާރަށް ވަނީ ފާޑު ކިއުން އަމާޒުވެފަ އެވެ. ރައީސް އޮފީހުން ޝަޒައިލް ސަސްޕެންޑްކޮށްފައި ހުންނަތާ މިހާރު ގާތްގަނޑަކަށް ދެ މަސްވީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު "މިހާރު" އަށް ވިދާޅުވީ އާންމު އުސޫލުން އެއްވެސް މީހަކާ މެދުގައި ފިޔަވަޅު އަޅަނީ އެ މީހެއްގެ ޝަކުވާ ރައީސް އޮފީހަށް ލިބުމުން ކަމަށެވެ. އަދި އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން އެ ޝަކުވާއެއް ބަލާނެ ކަމަށް ހޫދު ވިދާޅުވި އެވެ. އެކަމަކު، އިބޫގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ޝަކުވާއެއް ލިބިފައިނުވާ ކަމަށް ހޫދު ވިދާޅުވި އެވެ.

މިދިޔަ އޮކްޓޯބަރު 15 ގައި ޝަޒައިލް ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން އާއްމުކޮށްފައިވާ ޕޯޓަލް އަށް ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ. އެ ޝަކުވާތައް ހުށަހެޅީ އެނގިފައިވާ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.

އޭރުގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ ޕްރައިސަސް (އެސްއޯއީ) ކޮމިޓީ ބަލަމުން ދިޔައީ މޯލްޑިވް ގޭހަށް އަގުބޮޑުކޮށް ގޭސް ގަންނަ ކަމަށް ބުނެ މީހަކު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ކޮމިޓީ އަށް ޝަޒައިލް ހާޒިރުކޮށް ޖަވާބުދާރީ ވެސް ކުރުވި އެވެ.

ޝަޒައިލްއާ އެއްގޮތަށް މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރެއްވުމުގެ ތުހުމަތު އިބޫ އަށް ވެސް ވަނީ ކޮށްފަ އެވެ. ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއް ނެގުން، ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ހުށަހަޅާފައިވާ އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ބޯޓު ނެގުން، ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލަ އެސްއޯއީ ކޮމިޓީން ވެސް ވަނީ ބަލައިފަ އެވެ. ކޮމިޓީން ނިންމީ ބޯޓް ނައްތާލުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ނުދެނީސް ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބޫ އަމަލުކުރައްވާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޕީސީބީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ވެސް ކޮމިޓީން ނިންމި އެވެ.

އެކަމަކު، އެއް ބައެއްގެ ކަންބޮޑުވުމަކީ އިބޫ އަށް މިހާ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އަދި ގާނޫނާ ޚިލާފަށް ވެސް އޭނާ އަމަލުކުރައްވާފައިވާ ކަމަށް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ބުނި ނަމަވެސް ފިޔަވަޅެއް ނާޅައި މަގާމުގައި ބެހެއްޓުމެވެ.