Roadha Mihaaru
މުއިއްޒަށް ޖިނާއީ ތަހުގީގެއް ހިންގަން ހުށަހަޅައިފި

ނޫމަޑި މައްސަލައިގައި މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އޭޖީ ހުށަހަޅުއްވައިފި

09 ޑިސެމްބަރ 2019

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އާ އެކު ހެދި އެއްބަސްވުމުގެ މައްސަލާގެ އާބިޓްރޭޝަން މަރުހަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލު ކުރެއްވި ގޮތާ ގުޅިގެން މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން އެދި ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އާ އެކު ހެދި އެއްބަސްވުމުގެ މައްސަލާގެ އާބިޓްރޭޝަން މަރުހަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލު ކުރެއްވި ގޮތާ ގުޅިގެން މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން އެދި ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ނޫމަޑިއާ އެކު ސަރުކާރުން އެއްބަސްވުން ކުރީގެ ސަރުކާރުގައި ބާތިލްކުރި މައްސަލާގައި އެ ކުންފުނިން އާބިޓްރޭޝަނާ ދެކޮޅަށް ހުށަހެޅި މައްސަލާގައި މި ސަރުކާރުން ވަނީ އާބިޓްރޭޝަން މަރުހަލާއިން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ގޮތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ނޫމަޑީގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން މިނިސްޓަރު ކަމުގައި ހުންނަވައިގެން އޭނާ ދައުލަތް ދިފާއު ކުރައްވައި، ދައުލަތުގެ ފަރާތުން އެ މައްސަލާގައި ނެގޭނެ ދިފާއުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެކަމަކު މިނިސްޓަރުކަމުން ވަކިވެ ވަޑައިގަތުމަށް ފަހު، މިދިޔަ ޖޫން މަހު ނޫމަޑީގެ ފަރާތުން ހުށަހެޅި ހެއްކެއްގެ ގޮތުގައި ދައުލަތާ ދެކޮޅަށް އޭނާ އާބިޓްރޭޝަނަށް ބަޔާނެއް ދެއްވި ކަމަށާއި އޭގެ ސަބަބުން އެ މައްސަލަ ކާމިޔާބު ކުރަން ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އެ ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައިވެ އެވެ.

އެހެންވެ، އޭނާ އާބިޓްރޭޝަނަށް ދެއްވި ބަޔާނަށް ރިއާޔަތްކޮށް، އެކަމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ދައުލަތުގެ ސިއްރު މައުލޫމާތެއް ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތެއް ދިން ކަން ނުވަތަ ނޫންކަން ތަހުގީގު ކޮށްދޭން ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެ މައްސަލަ ތަހުގީގު ކޮށްދޭން ފުލުހުންގެ ކިބައިން އެދުނުއިރު، ނޫމަޑިގެ މައްސަލާގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ކުރިން އޮތީ ނިންމައިފަ އެވެ. އެ މައްސަލާގައި މާލިއްޔަތު ކޮމެޓީއަށް މުއިއްޒު ހާޒިރުކޮށް، ސުވާލު ވެސް ކުރި އެވެ.