Roadha Mihaaru
މަދޫރީގެ ވެބް ސީރީޒެއް ނެޓްފްލިކްސް އަށް

މަދޫރީ ޑިކްސިޓްގެ ވެބް ސީރީޒެއް ނެޓްފްލިކްސް އަށް

12 ޑިސެމްބަރ 2019

ކަރަން ޖޯހަރާއި ނެޓްފްލިކްސް ގުޅިގެން ހަދާ ވެބް ސީރީޒަކަށް މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރާއި ނެޓްފްލިކްސް ގުޅިގެން ހަދާ ވެބް ސީރީޒަކަށް މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ސޮއިކޮށްފި އެވެ.

ނަން އަދި ހާމަނުކުރާ މި ވެބް ސީރީޒް ހަދާނީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ވިންގް ދަރުމެޓިކް އެންޓަޓައިންމަންޓުންނެވެ. މީގެ ވާހަކަ ޓްވިޓާގައި ހިއްސާކުރަމުން ކަރަން ބުނީ ޑިޖިޓަލް ޕްލެޓްފޯމްގައި މަދޫރީގެ ޖާދޫ ދައްކައިލަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ އާއިލާއެއްގެ ވާހަކަ އަށް ބިނާކޮށް ހަދާ ވެބް ސީރީޒް ލިޔެ، ޑައިރެކްޓްކުރަނީ އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅޭ ސްރީ ރާއޯ އެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން މަދޫރީ ކުރި ޓްވީޓްތަކެއްގައި ކަރަން ދިން ފުރުސަތަށް ޝުކުރު އަދާކޮށް، ނެޓްފްލިކްސްގެ އިތުރު ޕްރޮޖެކްޓެއްގައި ހިއްސާވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

"މިއީ ވަރަށް އަސަރު ގަދަ ހާދިސާތަކެއް ފެނިގެން ދާނެ އަދި ގިނަ ބައެއްގެ ހަޔާތާ ވެސް ވަރަށް ރިލޭޓްވާ ޒާތުގެ ކަންތައްތަކެއް ފެނިގެން ދާނެ އެއްޗެއް،" މަދޫރީ ބުންޏެވެ.

މިދިޔަ އަހަރު މަދޫރީ ޕްރޮޑިއުސްކުރި ފިލްމެއް ނެޓްފްލިކްސް އިން ސްޓްރީމްކޮށްފައިވެ އެވެ. އެއީ މަރާޓީ ފިލްމު "ފިފްޓީންތު އޮގަސްޓް" އެވެ. މީގެ އިތުރުބް ހުނަރުވެރި ބަތަލާ ވަނީ ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން އެނިމޭޓް ފިލްމު "މޯގްލީ" ގެ ހިންދީ ވާޝަނުގެ ނިޔާ ކިޔާ ކެރެކްޓާއަކަށް އަޑު ވެސް އަޅައި ދީފަ އެވެ.

ކަރަން ނެޓްފްލިކްސް އަށް ހަދައިދޭ އޮރިޖިނަލް ވެބް ސީރީޒްވެގެން ދާނީ ނެޓްފްލިކްސްގެ އުފެއްދުމަކުން މަދޫރީ ފެންނާނެ ފުރަތަމަ ފަހަރަށެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 52 އަހަރުގެ ބަތަލާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ ވެސް ކަރަން ޕްރޮޑިއުސްކުރި ފިލްމަކުންނެވެ. އެއީ މި އަހަރު ކުރީކޮޅު ރިލީޒްކުރި "ކަލަންކް" އެވެ.

އެ ފިލްމުގައި މަސައްކަތްކުރުމުގެ ކުރިން މަދޫރީ ވަނީ ކަރަން 2013 ގައި ރަންބީރު ކަޕޫރާއި ދީޕިކާ ޕަދްކޯނާ އެކު ގެނެސްދިން ފިލްމު "ޔެ ޖަވާނީ ހެ ދިވާނީ" ގެ ހާއްސަ ލަވައެއް ވެސް ކުޅެފަ އެވެ.

ކަރަންގެ ދަރުމާ އިން ހެދި ފިލްމު "ޑްރައިވް" ވެސް ދާދި ފަހުން ނެޓްފްލިކްސް އިން ސްޓްރީމްކޮށްފައިވާ އިރު، ދަރުމެޓިން މިހާރު ވެސް އަންނަނީ ނެޓްފްލިކްސް އަށް އިތުރު ފިލްމެއް ހަދަމުންނެވެ. އެއީ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ލީޑް ރޯލް ކުޅޭ "ގިލްޓީ" އެވެ.